ލޯބިވެރިންގެ މުޢާމަލާތްތައް އެމީހުން އަޑުއަހައެވެ. ބަލައެވެ. ސަރުކާރުތަކުގެ ރަސްމީ ލިޔެކިއުންތަކުގެ އާކައިކްތައް އޮތީ އެމީހުންނަށް ހިތަކަށް ލިބިފައެވެ. އީމެއިލާއި ސޯޝަލް މީޑިއާގެ ހުރިހާ ހަރަކާތެއް އެމީހުންނަށް ސިއްރެއް ނޫނެވެ. ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބަޔަކު އެހުރިހާ ކަމެއް ގެންދަނީ ބަރާބަރަށް ބަލަމުންނެވެ. ވައިރަހާއި ހެކަރުން ނުވަތަ މިނޫންވެސް ޓެކްނޮލޮޖީގެ ޖާދޫތައް ބޭނުންކޮށްގެންނެވެ.
ޓެކްނޮލޮޖީގައި ދުނިޔެވަނީ ކުރިއަރާ ގޮސްފައެވެ. މާބޮޑަށެވެ. އިންސާނުން ތިބީ އެކުރިއެރުންތަކުގެ އަވައިގައި ޖެހި މަސްތުވެފައެވެ. ދިރިއުޅުމުގެ ސީރިއަސްކަން ދޫކޮށް ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ހިޔަނީގައި ކަންނެތްވެފައެވެ. އޭގެ ނަތީޖާއަކަށްވެފައިވަނީ ދިރިއުޅުމުގެ ގިނަ ސިއްރުތައް އިންޓަނެޓުން ގުޅިފައިވާ ދުނިޔޭގެ ވިއުގައާއި މުވާސަލާތީ މުއާމަލާތްތަކުގެ ތެރެއިން ބޭޒާރުވުމެވެ. އެސިއްރުތަކުގެ ބޭނުން އެހެން މީހުން ހިފަމުން ގެންދިއުމެވެ.
ހާވާޑް ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ފޯނުން އެއްވެސް ކޯލެއް، މެސެޖެއް، އީމެއިލުން ލިއުމެއް، ފޯނުގައި ރައްކާކުރާ ފޮޓޯއެއް ނުވަތަ އެނޫންވެސް އެއްޗެއްގެ ސިއްރު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނެ ކަމަށް އެއްވެސް އިރެއްގައި ޤަބޫލުނުކުރައްވައެވެ. އަދި އިންސާނުންގާތު ބުނާ ވާހަކަތަކުގެ ސިއްރުވެސް ނުހިފެހެއްޓޭކަން އޭނާ ފާހަގަކޮށްފައިވެއެވެ.
"ސިއްރު މަޢުލޫމާތު ވަގަށް ނަގައިގެން އޭގެން ވިޔަފާރިކުރުމަކީ ދުނިޔޭގައި ވަރަށް ފުޅާ ވިޔަފާރިއެއް. ޑްރަގްސްއާއި ކަޅުފައިސާގެ ބާޒާރުތަކެކޭ އެއްފަދައިން ރަސްމީކޮށް ސަރުކާރުތަކުންވެސް ސިއްރު މަޢުލޫމާތު ގަނެވިއްކުމުގެ ބާޒާރުގައި އެމީހުންގެ މުސާރަވެރިން ހަރަކާތްތެރިވޭ. އަދި ދައުލަތްތަކުގެ ފައިސާއިން އެމަޢުލޫމާތު ގަނޭ." އޭނާ ތަފްސީލުދިނެވެ.
ދުނިޔޭގެ ބޮޑެތި ހުރިހާ ޤައުމަކުންވެސް ތަފާތު އެކި ނަންނަމުގައި މީހުންނާއި ޤައުމުތަކާއި ވިޔަފާރިތަކުގެ ޒާތީ މަޢުލޫމާތު ވަގަށް ނެގުމުގެ ޙަރަކާތްތައް ހިންގަމުން ގެންދެއެވެ. ސައިބަ ޓެރަރިޒަމާއި ދެކޮޅު ހަރަކާތާއި މިނޫންވެސް ތަފާތު ނަންނަމުގައި އެފަދަ ހަރަކާތްތައް ހިންގައެވެ.
ހޮންގޮންގުގެ ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި ޓެކްނިލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން އިންސާނުން "އޮރިޔާންވެއްޖެ" ކަމަށެވެ.
ދުނިޔޭގެ ސިއްރު ފުލުހުންގެ އިދާރާތަކުންނާއި ޖާސޫސީ އިދާރާތަކުން ތަފާތު ކޯޑުތަކުން މުޢާމަލާތްކުރި ކަމުގައިވިއަސް، އެފަދަ ހުރިހާ ސިއްރު ކޯޑެއް ތަރުޖަމާކޮށްދީ ތިކިތައް ގުޅުވާލަދޭނެ ސޮފްޓްވެއާތަކާއި ޕްރޮގްރާމުތައް ވަނީ އުފައްދާފައެވެ.
"ސިއްރު މަޢުލޫމާތުގެ ސިއްރުކަން ދެމެހެއްޓުމުގެ މަސައްކަތުގައި ދުނިޔޭގެ ގަޢުމުތަކާއި އިންސާނީ ދަރިފަސްކޮޅު މުޅިން ވަރުބަލިވެއްޖެ. ކުރާ ހޭދަތައްވެސް އިންތިހާއަށް ބޮޑުވެއްޖެ. އެކަމަކު ކޮންމެ އިރަކުވެސް ހުރިހާ ކަމެއްގެ ސިއްރުކަން ގެއްލިދާނެ،" ތަހުޒީބީ ދުނިޔޭގައި އިންސާބުންނަށާއި ޤައުމުތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވެއެވެ.
ވިކިލީކްސްއިން މިސާލު ނަގަމާ ހިނގާށެވެ. ލީކުކޮށްލީ ކޮންފަދަ ބޮޑެތި ސިއްރުތަކެއްތޯއެވެ. އެދަދަ އެތައް ފޫވެއްޓުމެއް ދުނިޔޭގެ ސިއްރު މަޢުލޫމާތުގެ ނެޓްވާކުގެ ތެރޭގައި އެބަހުއްޓެވެ. އެމެރިކާގެ ސީއައިއޭ އިން ސިއްރުން މުޢާމަލާތުކުރަމުން ގެންދިޔަ ސިއްރު އިމޯޖީ ކޯޑުތައްވެސް ވިކި ލީކްސްއިން ލީކުކޮށްލުމުން ދުނިޔެއަށް ލިބުނީ އާދަޔާޚިލާފު ހައިރާންކަމެކެވެ. މީގެ އިތުރުން ޗައިނާ އާއި ރަޝިޔާ، ނޯތުކޮރެއާ، ޔޫކުރެއިން ފަދަ ޤައުމުތަކުން ބޭނުންކުރާ ނަމްބާސް ސްޓޭޝަންއިން ފޮނުވާ މެސެޖުތަކުގެ ސިއްރުކަން ދެމެހެއްޓޭ ކަމާމެދު އެޤައުމުތަކުން ޝައްކުއުފައްދައި، އެކަންކަން ބޮޑުތަނުން ހަރުދަނާކޮށް ސަލާމަތީ ފަށަލަތައް ވަނީ ވަރުގަދަކޮށްފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ ޤާނޫނާއި ބައިނަލްއަޤުވާނީ ޤާނޫނުތަކުގައި މީހުންނާއި ޤައުމުތަކާއި ވިޔަފާރިތަކާއި މިނޫންވެސް ދާއިރާތަކުގެ ޒާތީ މުޢާމަލާތްތަކާއި ސިއްރުތަކަކީ ހުރުމަތްތެރިވެގެންވާ އަދި ރައްކާތެރިކުރެވިގެންވާ ތަކެއްޗެވެ. އެހެންނަމަވެސް އެކަން އޮތީ ހަމައެކަނި ލިއުމުގައި އެކަންޏެވެ. ހަޤީގަތުގައި ދުނިޔޭގެ އެއްވެސް ކަމެއް ސިއްރެއް ނޫނެވެ.