Ad

ފިރްމީނިޔޯ ފަހުވަގުތު ޖަހައިދިން ލަނޑުން މޮޅުވެ ލިވާޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ލީގުގައި ލިވަޕޫލް މޮޅުވެ ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ ޓޮޓެމްހަމް އަތުން 2-1 ލަނޑުންނެވެ.

މިމެޗްގެ ކުރިން މި ދެޓީމުވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. އޭރު ޓޮޓެމްހަމްއަށް އެއް ވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗްގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮއްދިނީ މުހަންމަދު ސަލާހުއެވެ. މެޗުގެ ފުރަތަމަހާފް ނިމުމުގެ ކުރިން ޓޮޓްނަމް އިން ނަތިޖާ ހަމަމަކުރީ ސޮން ގެ ކާމިޔާބުކޮއްދިން ލަނޑުންނެވެ. މި ލަނޑު ޖެހިއިރު ސޮން ހުރީ އޮފްސައިޑުގައެވެ. ސަލާހު ވަނީ މިހާތަނަށް ޓޮޓްނަމްއާ ދެކޮޅަށް 8 ލަނޑު ކާމިޔާބުކޮއްފައެވެ. މިއީ ލީގުގައި ސޮން ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މި ސީޒަނުގެ މިހާތަނަށް ސޮންވަނީ ޓޮޓްނަމް ޖެހި ލަނޑުތަކުގައި 80 ޕަސެންޓް ހިއްސާވެފައެވެ. މިހާތަނަށް ޓޮޓްނަމް މި ސީޒަނުގައި ކާމިޔާބުކުރި 25 ލަނޑުގެ ތެރެއިން 20 ލަނޑުގެ ހިއްސާވެފައިވަނީ ސޮން އާއި ހެރީ ކީންއެވެ.

މެޗުގެ ފުރަތަމަހާފްގައި ޓޮޓްނަމް އަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު އިރު އެޓީމުން ފުރަތަމަހާފްގައި ނިންމާލިއިރު ހެދިފަވަނީ 75 ޕާހެއެވެ. މިއީ ރެއާލްމެޑްރިޑަށް ކޯޗުކަށް މޮރިނިޔޯ ހުރި ފަހުން ލީގުގައި އެއްހާފެއްގައި އެންމެ މަދުން ޕާސް ހެދުނު ފަހަރުއެވެ. ލިވަޕޫލް މެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނޓުގައި އެންޑީ ރޮބާޓްސަން ނަގައިދިން ކޯނަރަކުން ރޮބާޓޯ ފިރްމީނިޔޯ ބޮލުން ގޯލްތެރެއަށް ވައްދައިލައިގެންނެވެ.

އެންމެފަހުން ރަށުން ބޭރުގައި ޓޮޓްނަމް އިން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު 27 މެޗުގެ ތެރެއިން މޮޅުވެވިފަވަނީ އެންމެ މެޗަކުންނެވެ. އެންމެފަހުން ލިވަޕޫލްގެ ދަނޑުގައި ޓޮޓްނަމް މޮޅުވީ 2011 ވަނަ އަހަރުއެވެ. ޓޮޓްނަމްގެ ކޯޗު މޮރީނިޔޯ އެންމެފަހުން ކުލޮޕްއާ ދެކޮޅަށް ކުޅުނު 6 މެޗުގައިވެސް ކުރި ހޯދިފައެއް ނުވެއެވެ. އެންމެފަހުން ލިވަޕޫލް ދަނޑުގައި މޮރީނިޔޯ ބަލިވީ ޔުނައިޓެޑުގެ ކޯޗަކަށް ހުރި އިރުއެވެ. އެ މެޗުން ބަލިވިތާ 24 ގަޑިއިރު ފަހުން މޮރީނިޔޯ ވަނީ މަގާމުން ވަކިކޮއްފައެވެ.

ރޭ ހޯދި މޮޅާއެކު ލިވަޕޫލްއިން ވަނީ ތަވާލުގެ ކުރީ ތިން ޕޮއިންޓް ލީޑެއް ނަގާފައެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *