Ad

މެސީއާ ރޮނާލްޑޯ ފަހަތައް ޖައްސާލާ ފީފާގެ އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ލެވޮންޑޮސްކީ،

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑުގެ މޮޅުކުޅުންތެރިޔާގެ މަގާމް ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ލިބިއްޖެއެވެ. ލެވަންޑޮސްކީ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުވެންޓަސް އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބާސެލޯނާ އާއި އާޖެންޓީނާގެ ލިއޮނަލް މެސީއާ ވާދަކޮށެވެ.

މި އެވޯޑް ހޯދާނެކަމަށް ކުރިން ވެސް ބެލެވިފައިވާ ލެވަންޑޮސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާނުން ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ލެވަންޑޮސްކީ ވަނީ ބަޔާން މިއުނިކުން ޖަރުމަނު ބުންޑަސް ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އެ ދެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. މީގެ އިތުރުން ބަޔާނުން ހޯދި ޖަރުމަނު ކަޕްގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ ލެވަންޑޮސްކީއެވެ. ފީފާ އެވޯޑްގެ އިތުރުން ލެވަންޑޮސްކީ ވަނީ މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފައެވެ. މިއީ ލޮވެންޑެސްކީ މި އެވޯޑް ހޯދި ފުރަތަމަ ފަހަރުއެވެ.

ސްވިޒަލެންޑުގެ ޒިއުރިޗްގައި ރޭ އޮތް އެވޯޑް ހަފްލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ އާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ގޯލަށްދޭ “ޕުސްކަސް” އެވޯޑާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވަނީ ހޮވައިފައެވެ. މީގެ އިތުރުން ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑުގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމު ހޮވާފައެވެ.

އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑް ހޯދީ ލިވަޕޫލް ކޯޗު ޔާގޮން ކުލޮޕްއެވެ. ކްލޮޕަށް އެވޯޑް ލިބުނު އެންމެ ބޮޑު ސަބަބަކީ 30 އަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރުމެވެ. މި އެވޯޑަށް ކްލޮޕާ އެންމެ ގާތުން ވާދަކުރީ މިއަހަރު ބަޔާން މިއުނިކާ އެކު ފަސް ތަށި ކާމިޔާބުކޮށްފައިވާ ހަންސީ ފްލިކްއެވެ. މި ދެކޯޗުންނާ އެކު ނޮމިނޭޓްވީ ލީޑްސް ޔުނައިޓެޑާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ މާސެލޯ ބިއެލްސާއެވެ. ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމް މިދިޔަ އަހަރު ވެސް ހޯދީ ކްލޮޕްއެވެ. މިއަހަރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީގެ އެމާ ހަޔެސް އާއި ލިޔޯންގެ ޖީން-ލޫކް ވަސެއާއެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒްއެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑްއެެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާއެވެ. ނޯޔާއާ އެކު މި އެވޯޑަށް ވާދަކުރީ މިދިޔަ އަހަރު މަގާމް ހޯދި ލިވަޕޫލާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑާއި ސްލޮވީނިއާގެ ގޯލްކީޕަރު ޔަން އޮބްލަކްއެވެ. އެކަމަކު ފީފައިން ހޮވި އަހަރު އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުން ނޯޔާ ނުހޮވުނުއިރު އެޓީމުން ޖާގަ ހޯދީ އެލިސަންއެވެ.

ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށް. އެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެކެވެ. އޭނާ އަކީ އެވޯޑަށް ނޮމިނޭޓްވި ކޮރެއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

ފިފްޕްރޯ ފިރިހެން ޓީމުގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލިއޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެވޯޑް ހަފްލާގައި ވަނީ އިނގިރޭސި ވިލާތުގެ ސްކޫލް ދަރިވަރުންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރުކޮށް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފާޑަށް ފީފާ ފައުންޑޭޝަން އެވޯޑް ދީފައެވެ.

ރަސްމިއްޔާތުގައި ވަނީ މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ޑިއޭގޯ މަރަޑޯނާ އާއި މިދިޔަ ހަފްތާ ދުނިޔެ ދޫކުރި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ޕައޮލޯ ރޮސީގެ ހަނދާން އާކޮށްފައެވެ. އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު އޭނާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ތަފާތު މޮޅުކުޅުމެއް ދައްކާފައެވެ. އުމުރުން 64 އަހަރުގައި ރޮސީ މަރުވިއިރު އޭނާ އަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *