ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން މާޒިޔާ 7-1 އިން މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. މާޒިޔާގެ ލީޑު ފުޅާކޮށްދިން ލަނޑު 36 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާ އިން މޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 އިން އެޓީމު ލީޑުގައި އޮވެގެންނެވެ. ދެ ވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ.
މާޒިޔާ ތިން ގޯލުގެ ލީޑެއްގައި އޮއްވައި ގްރީން ސްޓްރީޓްސްގެ އެންޖެލް ކަރަސްކޯ މުނޯޒް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ޖެހިގެން އައި މިނެޓުގައި މާޒިޔާގެ އަސަދުﷲ ވަނީ އިތުރު ލަނޑެއް ޖަހައި 4-1 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މާޒިޔާގެ ފަސް ވަނަ ގޯލު 72 ވަނަ މިނެޓުގައި ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ މުހައްމަދު އިރުފާން (އިރޭ) އެވެ. މާޒިޔާގެ ހަ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ކޮނޭލިއަސް ސްޓެވާޓް އެވެ. މި ޕެނަލްޓީ ލިބުނީ ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ފަރުހާން މުހައްމަދު ބޯޅައިގައި އަތުން ޖެއްސުމުންނެވެ. އެވަގުތު ފަރުހާނަށް ސީދާ ރަތް ކާޑެއް ރެފްރީ ވަނީ ދައްކާފައެވެ. މާޒިޔާގެ ހަތް ވަނަ ލަނޑު ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ހަމްޕު އެވެ.
ރޭގަ މެޗުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ކުޅެން އެރިތާ އިރުކޮޅެއް ފަހުން އިއްބެ ވަހީދު ބޭލިއިރު، އަނިޔާގެ ސަބަބުން މިދިޔަ އަހަރު ވެސް އިއްބެ އަށް ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލުނެވެ. ރޭގެ މެޗަށް ނުކުތް މާޒިޔާގެ ޓީމުގައި އަނިޔާގެ ސަބަބުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހިމަނާފައެއްނުވެ އެވެ. ފޭދޫ އިއްބެގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ލީގު ފުރަތަމަ މެޗުގައި ބެންޗުން ކުޅެން އެރި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގްރީން ސްޓްރީޓްސް ޓީމުން ރޭ ވަނީ ހަސަން ނަޒީމް (ޗޯޓު) އަށް ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ.
މި މޮޅާ އެކު މާޒިޔާ އިން ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވި ކްލަބް ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ލީގުގައި މި ދެޓީމުން ވެސް ވަނީ ހަ ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ މާޒިޔާ އެވެ.