Ad

"ކޮވެކްސް" ޕްރޮގްރާމްގެ ދަށުން ހިލޭ ވެކްސިން އަންނަ އަހަރުވެސް ލިބިގެންދާނީ އާބާދީގެ ވިހި އިންސައްތައަށް

ޢަލަމީ ވަބާއެއްކަމުގައިވާ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ވެކްސިން މުޅި ދުނިޔެއަށްވެސް ހަމަހަމަ ފުރުޞަތެއްގެ ދަށުން ލިބިދުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ "ކޮވެކްސް" ޕްރޮގްރާމުގެ ދަށުން ޤައުމުތަކަށް ހިލޭ ފޯރުކޮށްދޭ ވެކްސިން، މި ފެށޭ އަހަރުގެ ނިޔަލަށްވެސް ލިބިގެން ދާނީ އެޤައުމެއްގެ އާބާދީގެ ވިހި އިންސައްތައަށް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެޖަމާޢަތުން މިކަން ހާމަކޮށްފައި މިވަނީ، އެ ޕްރޮގްރާމަށް ބޭނުންވާ 2 ބިލިއަން ޑޯޒް ކަށަވަރު ކުރެވިއްޖެކަން ހާމަކޮށްފައިވާ ބަޔާނާއެކު އަލިފުދާލު ނިއުސްގައި ގެނެސްދީފައިވާ މައުލޫމާތުތަކުގައެވެ.

ކޮވެކްސް ޕްރޮގްރާމުގެ ދަށުން ވެކްސިނަށް އެދިފައިވާ ޤައުމުތަކުގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް ފުދޭނެ މިންވަރަށް، އަންނަ އަހަރުގެ މެދެއްހާ ހިސާބަށް ދާއިރު ކޮވިޑް-19 ވެކްސިން ފޯރުކޮށްދެވޭނެ ކަމަށާއި، އަދި  2021 ވަނަ އަހަރުގެ ނިޔަލަށް ޤައުމުތަކުގެ އާބާދީގެ 20 އިންސައްތައާ ހަމައަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން ހާމަކޮށްފައި ވެއެވެ. ކޮވެކްސް ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވޭ ވެކްސިންގެ ބާކީ ބައި ޤައުމުތަކަށް ފޯރުކޮށްދެވޭނީ 2022 ގެ ނިޔަލަށްކަމަށްވެސް އެޖަމާޢަތުން ހާމަކޮށްފައި ވެއެވެ.

"ކޮވެކްސް" ޕްރޮގްރާމަކީ، ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއަރޑްނަސް އެންޑް އެވެއަރނަސް (ސެޕީ) އާއި، ގްލޯބަލް އެލަޔަންސް ފޮރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ) އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިސްވެ އޮވެ، ދުނިޔޭގެ ފަޤީރު އަދި ތަރައްޤީވަމުން އަން ޤައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.

"ސެޕީ" އަދި "ގަވީ"، މި ދެޖަމާޢަތަކީވެސް ދުނިޔޭގެ މުއްސަނދި މަހުޖަނު، މައިކްރޯ ސޮފްޓްގެ ބާނީ ބިލްގޭޓްސް ގެ ދެކަނބަލުންގެ "ބިލް އެންޑް މެލިންޑާ ގޭޓްސް" ފައުންޑޭޝަންގެ ބޮޑެތި މާލީ އެހީތެރިކަމާއި އަދި ބައިނަލް އަޤްވާމީ އެހެނިހެން އިދާރާތަކާއި ދުނިޔޭގެ ސަރުކާރުތަކާއި މުއްސަނދި ވިޔަފާރިތަކުގެވެސް އެހީއާއެކު ހިންގޭ ބައިނަލް އަޤްވާމީ ދެ ޖަމާޢަތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *