Ad

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ހަތް ވަނަ މިނެޓުގައި ކައިދަރޯވް އޮޓަބެކް އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާ ސަސްގެ ގޯލްކީޕަރު މިރްޒޯވް އުގްލީ ވަނީ ދިފާއުކޮއްފަ އެވެ. އަދި 29 ވަނަ މިނެޓުގައި ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ހިފަހައްޓައިފަ އެވެ. މި ހާފުގައި ގޯލު ޖަހާނެ ހުސް ތިން ފުރުސަތެއް ސަސްގެ ޖުނެއިދަށް ލިބި ވަނީ ބޭކާރުވެފަ އެވެ. 21 ވަނަ މިނެޓުގައި އާދަމް އިޝާމް (ސަން) ހުރަސްކޮށްލި ބޯޅަ އޭރިޔާތެރެއިން ޖުނެއިދަށް ހުސްކޮށް ލިބުނު ނަމަވެސް ބޯޅައިގައި ރަނގަޅަށް ލައްވާލާގޮތެއްނުވި އެވެ. 30 ވަނަ މިނެޓުގައި އިޝާމަށް ހުސްކޮށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށްލި ނަމަވެސް ކީޕަރު އިޔާން އަބްދުލް އަލީމް ދިފާއުކުރި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ހުރަސް ދަނޑީގައި ޖެހިފައި އެ ބޯޅަ ލިބުނީ އޭރިޔާތެރޭ ހުސްކޮށް އޮތް ޖުނެއިދު އަށެވެ. އެކަމަކު ޖުނެއިދު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ދަ ގްރާންޑޭ އިންނެވެ. 59 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒް އެވެ. އޭރިޔާ ތެރެއިން ސަސްގެ ޑިފެންޑަރުގެ ތެރެއިން ދެމިގަތުމަށް ފަހު އިފާޒަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކަނަށެވެ. ލީޑުގައި އޮއްވައި މެޗުގެ 64 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އަބްދުﷲ ހަނީފް (ބެންޖޯ) އޮޓަބެކަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ އޭނާ ފޮނުވާލުމުން ސަސްގެ ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. ޖެހިގެން އައި މިނެޓުގައި ސަސްގެ ޖުނެއިދުގެ އެހީތެރިކަމާ އެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޮނެޒާވާ އަޓްސޫޝީ އެވެ.

މިއަދުގެ މެޗާ އެކު މި ދެޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު ސަސް އިން ވަނީ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *