މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ އާއި ތ. ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއެކު 47 އަހަރުގެ ފިރިހެނަކު ގދ. ތިނަދޫން ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވި ވަގުތު އޭނާ ހުރި ދިމާ ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފެނިގެން ފުލުހުން އެނަގާ ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ވޭމަންޑޫ ބަނދަރުމަތިން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
ކިނބިދޫގައި މަސައްކަތްކުރާ ފުލުހުންނާ، ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.