Ad

ސަޢުދީގެ އިތުރުން ކުވައިތުގެ ބޯޑަރުތައް ބަންދުކޮށްފި، ޢުމާނުގެ ބޯޑަރުތައްވެސް މާދަމާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ގޮސްފައިވާ ކޮވިޑް-19 ބައްޔާއެކު ނުރައްކާތެރި އެހެން ވައިރަސްއެއްވެސް ފެތުރެން ފަށާފައި ވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުވައިތަށް އެތެރެވުން މަނާކޮށް އެޤައުމުގެ ބައިނަލް އަޤްވާމީ ބޯޑަރުތައްވެސް ބަންދުކޮށްފިއެވެ.

ކުޑަނަމަވެސް މުއްސަނދި ޢަރަބި ދައުލަތެއް ކަމުގައިވާ ކުވައިތުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ބައިނަލް އަޤްވާމީ ވައިގެދަތުރުތައް ހުއްޓާލުމަށް އެޤައުމުން ވަނީ ނިންމާފައެވެ.

ކުވައިތުން ނިންމި މިއަދުގެ މި ކުއްލި ނިންމުމުގެ ކުރިންވެސް، އިނގިރޭސި ވިލާތަކީ އެންމެ މަތީ ހިރާސް އޮތް ގައުމެއްކަމަށް ކަނޑައަޅައި އެޤައުމުން ކުވައިތައް އެއްވެސް ފްލައިޓެއް ދަތުރުކުރުން، އިއްޔެއިން ފެށިގެންވެސް ވަނީ މެދުކަނޑާލާފައެވެ.

ކުވައިތުގެ ބޯޑަރުތައްވެސް ބަންދުކުރުމަށް މިއަދު ނިންމާފައި ވާއިރު، ސަޢުދި ޢަރަބިއްޔާގެ ބޯޑަރުތައްވެސް މިވަނީ އަލުން މިހާރު ބަންދުކޮށްފައެވެ. އަދި މިރޭގެ ދަންވަރު 1 އިން ފެށިގެން ޢުމާނުގެ ބޯޑަރުތައްވެސް ބަންދުވާނެކަމަށް އެޤައުމުންވެސް ހާމަކޮށްފައި ވެއެވެ.

އިނގިރޭސި ވިލާތުގައި އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ ކޮވިޑް-19 ގެ އައު ވައްތަރަކާ ގުޅިގެން މުޅި ދުނިޔޭގެ ޤައުމުތަކުން ދަނީ އެޤައުމުތަކަށް އިނގިރޭސި ފްލައިޓުތައް ދަތުރުކުރުން މަނާކުރަމުންނެވެ. އީޔޫގެ އިތުރުން އިންޑިއާއި މެދުއިރުމަތީގެ ޤައުމުތަކުންވެސް މިހާރުވެސް ވަނީ އިނގިރޭސި ވިލާތުން އެޤައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *