އިނގިރޭސި ޕްރިމިއާ ލީގުގެ މެޖޯރިޓީ ކްލަބްތަކުން މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް ތިން ވަނަ ފަހަރަކަށް ދެކޮޅު ހެދުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ކްލަބްތަކަށް ފާޑުކިޔައިފި އެވެ.
ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އަދިވެސް ތިން ބަދަލު ކުރެވޭގޮތަށް އަމަލުކުރަނީ ހަމައެކަނި ޕްރިމިއާ ލީގުންނެވެ. އެކަމަކު ކްލަބްތަކާ އެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ބެންޗުގައި ތިބޭ ކުޅުންތެރިން އަދަދު ހަތަކުން ނުވައަކަށް ބަދަލުކުރާ މެޖޯރިޓީ ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ. ކޮވިޑް-19 ގެ މެދުކެނޑުމަށް ޖޫން މަހު ފެށި މިދިޔަ ސީޒަނުގެ ބާކީބައިގައި ޕްރިމިއާ ލީގުގެ މެޗުތަކުގައި ކޮންމެ ޓީމަކަށް ފަސް ބަދަލުކުރެވުނެވެ. އެކަމަކު އާ ސީޒަން ފެށުމުގެ ކުރިން ކްލަބްތަކުގެ މެޖޯރިޓީ ނުލިބުމުން އެކަން އެގޮތަށް ކުރިއަށް ނުގެންދެވެ އެވެ.
ފަސް ބަދަލު ގެނެވޭ އުސޫލު ޑޮމެސްޓިކް މުބާރާތްތަކުގައި އަންނަ އަހަރުގެ ނިޔަލަށް ދަމަހައްޓަން ފުޓްބޯޅައިގެ ގަވައިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން މިދިޔަ ހަފްތާގައި ވަނީ ނިންމައިފަ އެވެ. އެކަމަކު ތިން ފަހަރު ވޯޓު ލައިގެން ވެސް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ އެކަމަށް ހަމަ ނުލިބުނެވެ.
“އަހަރެންނަކަށް ނޭނގޭ ތިން ބަދަލުކުރެވޭ އެހެން ލީގުތަކެއް. އެކަމަށް ވޯޓްލީ ކްލަބްތަކުން އެކަން ކުރާނީ ކޮންމެވެސް ރަނގަޅު ސަބަބެއް އޮވެގެން” ފަސް ބަދަލަށް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ ނުލިބޭތީ ތަކުރާރުކޮށް ފާޑުކިޔާފައިވާ ކްލޮޕް ބުނިއެވެ.
ލީގުގެ އެއްވަނައިގަ މިވަގުތު ލިވަޕޫލް އޮތީ 31 ޕޮއިންޓާއެކު އެވެ