Ad
ސަސްޕެންޝަނުގައި ހުންނެވި، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ރައީސް މައުމޫނާއެކު-: ފޮޓޯ: ޝަޒައިލް/އެފްބީ
ސަސްޕެންޝަނުގައި ހުންނެވި، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ރައީސް މައުމޫނާއެކު-: ފޮޓޯ: ޝަޒައިލް/އެފްބީ

މަނީލޯންޑަރިންގެ ތުހުމަތެއް އެޅުވީ ކަރަޕްޝަން ސާބިތު ނުވުމުން، އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ: ޝަޒައިލް

ސިޔާސީ ތުހުމަތެއް ގޮތަށް މަނީލޯންޑްރިންގެ ތުހަމަތު ބޮލުގައި އަޅުވަނީ ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުންކަމަށާއި، ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ގަރުނެއް ވެއްޖެކަމަށް ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިހިނދު ސަސްޕެންޝަނުގައި ހުންނެވި މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެޓަރު ޝަޒައިލް ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝަޒައިލް މިހެން ވިދާޅުވެފައި މިވަނީ އެބޭފުޅާގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭކަމަށް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދެއްވުން އެދި އޭސީސީގެ ފަރާތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ހާމަކޮށް މޯލްޑިވް ގޭސް އަށް އެކަން އަންގަވާފައިވާ ލިޔުމެއް މީސްމީޑިއާގައި ލީކުވުމާ ގުޅިގެން މީޑިއާތަކުން އެކަން ރިޕޯޓުކޮށްފައި ވަނިކޮށް މިރޭގެ ވަގުތެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

"ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން. އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ. ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުޙުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން."

ޝަޒައިލްގެ މިޕޯސްޓް ކުރިއަށް ގެންދަވައި ނިންމަވާލަށްވަމުން، އޭސީސީގެ ތުހުމަތުތައް ދޮގުކޮށް ވިދާޅުވެފައި ވެއެވެ.

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އިން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާކަމަށް މަޢުލޫމާތު ލިބުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން މޯލްޑިވް ގޭސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމެއް ބާއްވަވައި މައްސަލަ ތަހުގީގުކުރަށްވަން ފެއްޓެވިއެވެ.

މޯލްޑިވް ގޭސްގެ ކޮރަޕްޝަން މައްސަލާގައި އެކުންފުނީގެ މުވައްޒަފުން އެސްއޯއީ ކޮމިޓީއަށް ހާޒިކުރެވި ސުވާލުކުރެއްވުމުގެ ތެރެއިން -: ފޮޓޯ: މަޖްލިސް

އެކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ފުރަތަމަ ރިޕޯޓް ތަޅުމަށް ފޮނުއްވުމުން، އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރަށްވާފައި ވާތީވެ އެ މައްސަލަ އިތުރަށް ދިރާސާކުރަށްވަން، މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުގެ އެކޮމިޓީ ބައްދަލުވުމުން ނިންމެވިއެވެ. އަދި، އޭގެ ހަފްތާއެއް ފަހުން މާރޗް 9 ވަނަ ދުވަހުގެ އެސްއޯއީ ކޮމިޓީގައި އެ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ، މޯލްޑިވް ގޭސް އަދި އެސްޓީއޯ އިން އެ މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށްފަހު އެ މަޢުލޫމާތު ހިމަނުއްވައިގެން ކޮމިޓީ ރިޕޯޓް ނިންމެވުމަށެވެ.

"ވީމާ މި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޓީއަށް ތުހުމަތުކުރެވޭތީ، މިމައްސަލައާ ގުޅޭ އެންމެހާ މުޢާމަލާތްތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ތަޙްޤީޤުކުރުމަށްފަހު، ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ސްޓޭޓް އެންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް އިދާރާއަށް ދެންނެވުމަށް ނިންމިއެވެ."

ކޮމިޓީގެ ރިޕޯޓު ނިންމަވައި މި މަހުގެ 1 ވަނަ ދުވަހު މަޖްލީހުގެ ތަޅުމަށް ފޮނުއްވުމުން، 7 ވަނަ ދުވަހު މަޖްލީހުން ފާސްކުރަށްވާފައިވާ ރިޕޯޓުގެ ނިންމުމުގައި ބަޔާންކުރަށްވާފައި ވެއެވެ.

މަޖްލީހުގެ ރިޕޯޓާއި ގުޅިގެން އޭސީސީން ކުރެއްވި ތަހުގީގަށްފަހުގައި މަނީލޯންޑްރިންގެ މައްސަލަތަކެއް ފާހަގަކުރެއްވޭކަމަށް ބަޔާންކުރަށްވާފައި ވީނަމަވެސް، ރައްޔިތުންގެ މަޖްލީހުން މިމައްސަލަ ދިރާސާކުރެއްވިއިރު ކުރެއްވުނު ތުހުމަތަކީ ކޮރަޕްޝަންކަމުން އެކަން ބެއްލެވުމަށް އޭސީސީއަށް ހުށައެޅުއްވުމަށް، މި މައްސަލައާ ގުޅިގެން އަހަރަކަށްވުރެ ދިގު މުއްދަތުގެ ދިރާސާއަކަށްފަހު މަޖްލީހުން ނިންމެވީއެވެ.

އެހެންނަމަވެސް، އޭސީސީގެ ތަހުގީގަށް ބޭނުންވާ ހެކިތައް ހުރީ ޝަޒައިލްގެ ފޯނުގައި ކަމުން ކޯޓު އަމުރެއްގެ ދަށުން ފޯނު ނެގުނުނަމަވެސް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުންވެސް، ރިޝްވަތު މައްސަލަ ޝަޒައިލުގެ މައްޗަށް ސާބިތުކޮށްދޭން ބޭނުންވާ ހެކި ޤަރީނާ އޭސީސީގެ ތަހުގީގަށް ނުލިބުނީ އެފޯނު ރީސިޓްކުރަށްވާފައި ވާތީކަމަށް ބެލެވޭކަމަށް، މަނީލޯންޑަރިންއަށް ތުހުމަތުކުރެވޭކަން ހާމަކުރަށްވާފައިވާ އޭސީސީގެ "ލީކުވި" މި ލިޔުމުގައި ބަޔާންކުރައްވާފައި ވެއެވެ.

ޝަޒައިލް ޝިޔާމަކީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއެއްކަމުގައިވާ އެމްއާރއެމްގެ ސްލޮޓެއްގައި ދައުލަތުގެ ކުންފުންޏެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *