ޑީއެންއޭ ބަދަލުކޮށް ޖީން އެޑިޓްކޮށް އެކި ކަންކަމުގައި ބޭނުންކުރުމުގެ ގާބިލުކަން ސައިންސްވެރިން މިހާރު ވަނީ ހޯދާފަކަމަށާއި އިސްލާމީ ޝަރީޢަތުގައި ބައެއްކަންތަކުގަ ޑީއެންއޭގެ ނަތީޖާ ގަބޫލު ނުކުރެވެނީ މިސަބަބުތަކާ ހެދިކަމަށް ވުން އެކަށިގެންވާކަމަށް، ޑރ. އިބްރާހީމް މުޞްޠަފާ ވިދާޅުވެއްޖެއެވެ.
ޕެތަލޮޖީއާއި ލެބޯޓްރީ މެޑްސިން އިން ޕީއެޗްޑީ ހާޞިލުކުރަށްވައި ބަޔޯ މެޑިކަލް ރިސާރޗް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަށްވާ ޑރ. އިބްރާހީމް މުޞްޠަފާ މިފަދައިން ވިދާޅުވެފައި މިވަނީ، ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
ޑީއެންއޭ ބަދަލުކޮށް ޖީން އެޑިޓް ކޮށް އެކިކަން ކަމުގައި ބޭނުން ކުރުމުގެ ގާބިލުކަން ސައިންސްވެރިން ވަނީ ހޯދާފަ އިސްލާމީ ށަރީއަތުގަ ބައެއްކަންތަކުގަ ޑީއެންއޭ ގެނަތީޖާ ގަބޫލު ނުކުރެވެނީ މިސަބަބުތަކާ ހެދިކަމަށް ވުން އެކަށިގެންވޭ.
— Ibrahim Mustafa (@imustho) December 22, 2020
ޒިނޭގެ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެެއްވި ޙުކުމަކަށްފަހު އެފަދަ ޙައްދުގެ މައްސަލަތަކުގައި ހެކީގެ ގޮތުގައި "ޑީއެންއޭ" ބަލައިގަތުމާމެދު ޤާނޫނީ ބައެއްފަރާތްތަކާ ދީނީ ޢިލްމުވެރިން ދެމެދުގައި ޙިޔާލުތަފާތުވެ މިހިނދު ވަނީ ބޮޑު "ބަހުސް" އަކަށް ގޮސްފައެވެ.
ޒިނޭގެ ކުށާއި ނަޞަބު ސާބިތުކުރުމުގެ ޤަޠްޢީ (ޝައެއްކެއް ނެތް މިންވަރަށް ޔަޤީންވާ) ހެއްކަކަށް ޑީއެންއޭ ބަލައި ނުގަނެވޭނަކަމަށް ހައިކޯޓުން މައްސަލަ ބެއްލެވި ބެންޗުގެ އިއްތިފާޤުން ކަނޑައަޅާފައި ވެއެވެ.
ހައިކޯޓުގެ މި ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރުކަމުގައިވާ އިސްލާމީ ޝަރީޢަތުގެ އިތުރުން ރާއްޖޭގައި ހެދިފައިހުރި ކަމާގުޅުންހުރި ޤާނޫނުތަކަށްވެސް ރިޢާޔަތްކުރެއްވުމާއެކު ކޮށްފައިވާ ފުރިހަމަ ތަޠްބިޤީ ޙުކުމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންވެސް ފާހަގަކުރަށްވާފައި ވީނަމަވެސް، ކޮމަން ލޯއަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނީ ބައެއްފަރާތްތަކުން މި މައްސަލައަށް "ހަޖޫ" ޖައްސަވަމުން ގެންދަވާއިރު، ޢާންމުރައްޔިތުންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ޑރ. މުޞްޠަފާގެ މި ޓްވީޓުން ޖަވާބުލިބިގެންދާނެކަމަށް ބެލެވެއެވެ.
މައިގަނޑު އެ މަޤްޞަދުތައް ޙާޞިލުކުރުމުގެ ޙިމާޔަތުގައި މުޅި އިސްލާމީ ޝަރީޢާގެ އެންމެހައި ޙުކުމްތަކެއްވެސް ކަނޑައެޅިބަޔާންވެގެން މީސްތަކުންނާ ހަމައަށް އައިސްފައިވާ ޝަރުޢީ "ބިޔަ" މަޤްޞަދުތަކުގެ ތެރޭގައި، މީސްތަކުންގެ ޢަބުރާއި އިންސާނީ ދަރިފަސްކޮޅު (ނަޞަބު) އާއި މީސްތަކުންގެ މުދާ ޙިމާޔަތްކުރުން ހިމެނޭއިރު، ޒިނޭގެ ކުށް ސާބިތުކުރުމާއި ނަޞަބުލެއްވުމާއި އަދި "އެޑޮޕްޓެޑް" ނުވަތަ "ޤާނޫނީ" ދަރިއެއްގެ ގޮތުގައި ކަނޑައަޅައި މުދާ ވަރުތަކޮށް ނަފަޤާ މަޖްބޫރުކުރުމުގެ މައްސަލަތަކުގައި، އެކަންކަން ސާބިތުކުރުމަށް އިސްލާމީ ޝަރީޢާގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް "ޑީއެންއޭ" އިސްކުރިނަމަވެސް، އެކަންކަމުން އުޚްރަވީ އަދި ދުނިޔެވީ މަސްލަޙަތެއްވެސް ނުނިކުންނާނެކަމީ "ތަހުޒީބީ" މުޖުތަމަޢުތަކުން ފަޅުކަން ބޮޑުގޮތެއްގައި ހެކިދޭ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.
ޔޫރަޕްގެ ގިނަ މުޖުތަމަޢުތަކުގައި "މަންމަ" އާއި "ބައްޕަ" ގެ އަލަތު ކައިވެނީގެ ޙަފްލާއަށް ދަރި ޙާޒިރުވުމަކީ، މިފަދަ ކަންކަމުން ނުކުންނަމުންދާ އަދި އެންމެ ނަތީޖާއެކެވެ. އުފަންވާ ކުއްޖާގެ މަންމައާއި މާމައަކީ އަދި ބައްޕައާއި ކާފައަކީވެސް އެކަކު ކަމުގައި ވެގެންދާ ކިތައްކިތައް ޙާލަތް އެފަދަ މުޖުތަމަޢުތަކުގެ ތެރޭގައި އުފަންވެގެން ދޭހެއްޔެވެ؟
ކޮންމެ ތިން މިނަޓަކާއި ދިހަ މިނެޓެއްގެ ތެރޭގައި އުޚްތެއްގެ ޢިއްފަތް ފޭރިގަތުމުގެ ހާދިސާއެއް ހިނގައިދާ ޙާލަތުގައި ވާ އެ މުޖުތަމަޢުތަކަކީ އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢުތަކެއްކަމުގައި ބެލެވޭނެމަ، ހަގީގަތުގައި ކުޑަކުދިންގެ ޙައްޤުތަކަށާއި އަންހެނުންގެ ހައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތަތަކުންނަމަ މި ދިވެހިމުޖުތަމަޢުގެ ޙާލަތާމެދު ޝުކުރުކުރާ ޙާލުގައިތިބެމެ، އިސްލާމީ މި މުޖުތަމަޢުގެ ޙާލަތާމެދު ހަސަދަވެރިވާ ބައެއްގެ "މަންތަރު" ގައި ނުޖެހޭނެކަން ކަށަވަރު ނޫންހެއްޔެވެ!