ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމުގައި، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައި މިވަނީ، ދަރިލެއްވުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ނުބަލަންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނު ކުރެއްވި ޓްވީޓަކާ ގުޅިގެން އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
"ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއްނޫން. އިރު ހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތްނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން. އެހެންކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް"
ނުޖޫމީ ޢިލްމާއި ފަލަކީ ހިސާބުގައިވެސް ކުޅަދާނަ ބޭފުޅެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ރައީސް މައުމޫން ވިދާޅުވިއެވެ.
ޒިނޭގެ ދަޢުވާއަކާ ގުޅިގެން ހައިކޯޓުން ދާދިފަހުން ކުރެއްވި ޙުކުމެއްގައި، ދަޢުވާ ލިބޭ ފަރާތުން އިންކާރުކުރާ ޙާލުގައި "ޑީއެންއޭ" އަކީ ޒިނޭއާއި ނަޞަބު ޝަރީޢަތައް ސާބިތުކުރުމުގައި ހެއްކެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައެޅުއްވި ޙުކުމާ ގުޅިގެން ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން އެޙުކުމަށް ފާޑުވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންހެން މި މައްސަލާގައި ހައިކޯޓުގެ ޙުކުމަށް ތާޢިދުކުރަށްވައި، އެ ޙުކުމަކީ އިސްލާމީ ޝަރީޢަތުގެ އިތުރުން ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ކުރަށްވާފައިވާ ފުރިހަމަ ޝަރުޢީ ޙުކުމެއްކަމަށް ވިދާޅުވެފައި ވަނިކޮށް، ޝަރުޢީ ބޮޑެތި މައްސަލަތަކުގައިވެސް ނަޤުލު (ޝަރުޢީ ނައްޞުތައް) ގެ މައްޗަށް ޢަޤުލު (ބުއްދީގެ ހަމަތައް) އިސްކުރަށްވައި ބައެއް ފަހަރަށް އަމިއްލަފުޅަށް "ޝާއްޛު" ރައުޔުތައް އިޚްތިޔާރުކުރަށްވާ ރައީސް މައުމޫން މިވަނީ މިމައްސަލާގައިވެސް ރާއްޖޭގެ އެންމެހައި ބޮޑެތި ޢިލްމުވެރިންގެ އިތުރުން ހައިކޯޓުގެ ޙުކުމާވެސް ޚިލާފު ރައުޔެއްކަމަށް ޢާންމުންނަށް ދޭހަވާނެފަދަ ޓްވީޓެއް ދޫކުރަށްވާފައެވެ.
"ޑީއެންއޭ" ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި ބަލައިގަތުމާމެދު އިސްލާމީ ޝަރީޢަތުގެ ނަޒަރަކުން ބަލައިފިނަމަ، ޑީއެންއޭ އަކީ އިސްލާމީ ޝަރީޢަތުގައިވެސް ބުރަދަން ހުރި ޤަރީނާއެއް ކަމާއި މެދު އިސްލާމީ ޢިލްމުވެރިން ދެކޮޅު ހައްދަވާފައި ނުވާކަން ފާހަގަވެގެން ދާނެއެވެ. އަދި ކިއެއްތަ ބައެއް ޙާލަތްތަކުގައި، ކަށަވަރުކުރެވޭ ކަނޑައެޅިގެންވާ ޝަރުޠުތަކެއް އޭގައި ހިމެނޭނަމަ، ޝަރީޢަތަށް މައްސަލަ ސާބިތުކުރުމަށްވެސް ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބޭނުންކުރެވޭނެ ކަމީވެސް އިސްލާމީ ފިޤްހު ނަފީކުރާކަމެއް ނޫންކަމަށް، ފަހުގެ ބޮޑެތި ޢިލްމުވެރިން ފާހަގަކުރަށްވާފައި ވޭމެއެވެ.
އެހެންނަމަވެސް، ޢިލްމުވެރިން މަނާކުރަށްވަނީ އިސްލާމީ ޝަރީޢަތުގައި، ކީރިތި ޤުރުއާނުން ނުވަތަ ނަބިއްޔާގެ ސުންނަތުން ނުވަތަ އުންމަތުގެ އިޖްމާޢުން، ޤަޠްޢީކޮށް (އެއްވެސް ޚިލާފެއް ނެތް މިންވަރަށް) ކަނޑައެޅި ބަޔާންވެގެންވާ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް އިސްކުރެވިގެން ޑީއެންއޭ ބޭނުންކޮށްގެން ޝަރުޢީ ޙައްދުތަކާއި ޝަރުޢީ އިލްޒާމުތައް ސާބިތުކުރުންކަންވެސް ފާހަގަކޮށްލެވެއެވެ.
އަދުގެ އެންމެ ޒަމާނީ ސައިންސާއި ޓެކްނޮލޮޖީއަށް ބަލާނަމަވެސް ޑީއެންއޭ އާއި ޖީން ބަދަލުކޮށް އެޑިޓްކުރުމުގެ ޤާބިލުކަން ސައިންސްވެރިން ހޯއްދަވާފައި ވުމަކީ، އިސްލާމީ ޝަރީޢާއަކީ އެންމެހައި ޒަމާނަކާއި މަކާނަކަށްވެސް ފެތޭ އެންމެ ފުރިހަމަ ޤަޟާއީ ނިޒާމުކަން އިތުރަށް އެނގި ކަށަވަރުވެގެންދާ ކަމެއްކަންވެސް ފާހަގަކޮށްލެވެއެވެ.