Ad
ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ (ކ1) އަދި ޝައިޚް ސަމީރާއި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް، އެޖަމްޢިއްޔާއިން މިދިޔަ އަހަރު ފަހުކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: ޕީއެސްއެމް
ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ (ކ1) އަދި ޝައިޚް ސަމީރާއި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް، އެޖަމްޢިއްޔާއިން މިދިޔަ އަހަރު ފަހުކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: ޕީއެސްއެމް

ނޭނގުމުގެ ސަބަބުން ދީން ޤަބޫލް ނުކުރުމާ، ގަސްދުގައި ﷲ އާ ރަސޫލާއަށް ފުރައްސާރަކުރުން އެއީ ތަފާތު ދެކަމެއް: ސަލަފް ރައީސް

މީހަކަށް އިސްލާމް ދީނުގެ ޙަޤީޤަތް ނޭނގިހުރެ ޖަހާލަތުގެ ސަބަބުން ދީން ޤަބޫލް ނުކުރުމާއި ޤަސްދުގައި މާތް ﷲ އާއި އިތުރު ރަސޫލާއަށް ފުރައްސާރަކުރުން އެއީ ތަފާތު ދެކަމެއް ކަމަށް ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިސްބަތްވެވަޑަައިގަންނަވާ ދީނީ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ދީނެއް ޤަބޫލުނުކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އަޑުއުފުލާފައިވާ "އުފާ ފަހުމީ" މިއަދު އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއަށް ނިޞްބަތް ކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

"ވީޑިއޯގައި ވަރަށް ގިނަ ޙަޤީޤަތް އެކުލެވިގެންވާ ކަމުގައި ދޭހަވެއެވެ. އަދި އެވާހަކަތަކުގައި އޭނާ ޤަބޫލުކުރަމުންދާ ގޮތް ތެދުބަހުން ބުނެދީފައިވާ ކަމަށްވެސް ފެނެއެވެ." 

އުފާ ފަހުމީގެ މި ވީޑިއޯއާ ގުޅިގެން ޝައިޚް ޢަބްދު ﷲ ކުރެއްވި ޓްވީޓު ފެއްޓެވުމުގައި ވިދާޅުވެފައި ވެއެވެ.

މީހަކު ނުކުރާކަމެއް އޭނާއާ މަތިއަޅުވައިގެން ޢަދާވާތްތެރިކަން ފާޅުކުރުމަށް ﷲ އަންގަވާފައި ނުވާކަމަށާއި އަދި އެއީ އިސްލާމް ދީން ދަސްކޮށްދޭ ޢަދުލުވެރި ކަމެއްވެސް ނޫންކަމަށްވެސް ޝައިޚް ޢަބްދު ﷲ ގެ މިޓްވީޓު ކުރިއަށް ގެންދަވަމުން ވިދާޅުވެފައި ވެއެވެ.

"މިހާރު މިވާގޮތަކީ ވަރަށް ގިނަ މީހުންނަކަށް އަޞްލު ނޭނގޭ ސަރުކާރުން ކައްތައް ކުރި ގޮތެއް ދޯ. އުފާ ފުރަތަމަ މައްސަލަ ޖެހުނީ "ވަގުތުން" މި ޖެހީ، ވަގުތު އޮންލައިން ނިއުސް އިން މި ޖަހަނީ، ދީނަށް ފުރައްސާރަ ކުރަނީއޭ ކިޔާފަ. ލިޔުނު އެއްޗެއް އެމީހުން ބޮޑުކޮށްލައިގެން މި ލިޔަނީ، ދެން ދީން ޤަބޫލުނުކުރުމާ އެއްޗިސް ބަދަލުކޮށްގެން ލިޔުމާ އެއަދި އެހެން ކަމެއް ދޯ. ލިޔެފަ އޮތް އެއްޗެއް އެމީހުން ބޮޑުކޮށްލައިގެން މި ލިޔަނީ. އަނެއްކާ އުފާ ލިޔުނީ އުފާއަކަށް ދީން ޤަބޫލެއް ނުކުރެވެއޭ އެހެނެއްވެސް ނޫން. މި ލިޔުނީ ހަމައެކަނި، ފަންޑިތައާ މިކަހަލަ ކަންތަކެއް ޤަބޫލެއް ނުކުރެވެޔޭ. ދެން ދީންދޫކޮށްލުމުގެ…ދީންދޫކޮށްލުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނީންނާތީ މި އިންނަނީ އެއްކަލަ، ފާޑަކަން ދެން ގަދަކަމުންތާ އެ ގެންގުޅެވެނީ" 

އޭނާ ދީނަށް ފުރައްސާރަ ކުރަނީކަމަށް ބުނެ ވަގުތު ނޫހުން އޭނާގެ ވާހަކަތައް ރިޕޯޓުކޮށްފައި ވަނީ އޭނާ ދެއްކިވާހަތައް ބަދަލުކޮށްލައިގެން ކަމަށް ބުނަމުން، އުފާ އޭނާގެ ފޭސްބުކްގައި މިއަދު ޢާންމުކޮށްފައިވާ ވީޑިއޯގައި ބުނެފައި ވެއެވެ.

އުފާގެ މިވާހަކަތަށް އިޝާރާތް ކުރަށްވައި ޝައިޚް ޢަބްދު ﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ބަޔަކު މީހުންދެކެ އަންނަ ރުޅީގެ ސަބަބުންވެސް އެމީހުންނާމެދު ޢަދުލުވެރި ނުވުމީ ﷲ ލޯބިވެވޮޑިގަންނަވާ ގޮތެއް ނޫންކަމަށާއި، ޝަރުޢީ މައްސަލަ ތަކުގައި ލިޔުއްވާއިރު ޢިލްމުވެރިންގެ ލަފާ ހޯދުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރަށްވާކަމަށެވެ.

އުފާގެ 14 ވަރަކަށް މިނެޓްގެ މި ވީޑިއޯގައި އޭނާގެ ފިކުރާއި އަދި އެމް.ޑީ.އެން.އާ ގުޅޭ ތަފާތު ގިނަ ވާހަކަތައް ހާމަކޮށްފައި ވެއެވެ. އޭނާ ދީން ޤަބޫލުނުކުރާކަން ހާމަކުރުމުން އެ މައްސަލައާ ގުޅިގެން ކަން ހިގައިދިޔަ ގޮތާއި އެމްޑީއެން އިން ޢަމަލުކުރި ގޮތްކަމަށް ބުނެ އުފާގެ މިއަދުގެ ވީޑިއޯގައި ގިނަ ވާހަކަތަކެއް ވަރަށް ތަފްސީލްކޮށް ކިޔައިދީފައި ވެއެވެ.

"ދެން އޯކޭ. މިކަމެއް މިވީ 2019 ގެ ޖެނުއަރީގަ. ދެން "ވަގުތުން" މިހެން ޖަހާފަ އޮއްވާ މިއިން އެއްވެސް ކަމަކާ ނޫޅޭ. ސަރުކާރަކުން އަޅައެއްވެސް ނުލާ. އެއްވެސް ކަމެއް ނުކުރޭ. ދެން ދޭތެރެ ދޭތެރެއިން މީހުން އެހެން ބިރުދައްކަން މެސެޖުކޮށް ހަދާނެ. ދެން އެއްވެސް ކަމެއް ނުވޭ ދޯ. އަނެއްހެން ދީން ޤަބޫލެއް ނުކުރަމޭ އެކަހަލަ އެއްވެސް އެއްޗެކޭވެސް ނުވެސް ޖަހަން. ދެން މި މީހުން މިހެދި ގޮތަކީ އެމްޑީއެންގެ މައްސަލަ ޖެހުނު ދުވަސްކޮޅު މަގޭ ބޮލަށް އެއްޗެއް ކަނޑާލަން ވެގެން، ފުރަތަމަ މިހަދާ ގޮތަކީ ޖެނުއަރީގަ ވީކަމަކަށް….އަނެއް… ބޮޑީގާޑުންދެމޭ ހިމާޔަތްދެމޭ ކިޔާފަ އެމްޑީއެން މީހުން މަށަށް މިގުޅަނީ އޮގަސްޓުގަ. ދެން އެގޮތަށް ޖެނުއަރީގަ ވީ ކަމަކަށް އޮގަސްޓުގަ ތިމަންނަމެން ހިމާޔަތްދެމޭ ކިޔާފާ ގުޅީމަ ދެން ވަރަށް ޝައްކުވާނެ ދޯ. ދެން މަށަކީ ދީން ޤަބޫލުކުރާ މީހެއް ނޫންގޭ، ދީނަށް އުޅެން ބޭނުންވާ މީހެއްނޫން. އެކަމު މަގޭ ކައިރީގަ އެހެން ބުނެފަ ދެން މަ، އެމީހުން ބުނިގޮތަށް މަ ކަންތައް ނުކުރީމާ ދެން މި ހެދިގޮތަކީ، ދީނަށް ފުރައްސާރަ ކުރަނީޔޭ ކިޔާފަ ޕޮލިސްގަ މި މައްސަލަ ޖެއްސީ. ޕޮލިސްގަ ޖައްސައިގެން ދެން މިގެންދަނީ. މި މީހުން މިކުރާކަމަކީ، މިސާލަކަށް މި މީހުން ބޭނުންވަނީ އިސްލާމް ދީނަށާ ﷲ އަށާ ރަސޫލާއަށް ޖޯކުޖަހާފަ ވީޑިއޯ ހަދަން. އެވީޑިއޯ ނެހެދިއްޔާ އެހެންނޫނީ މިގޮތަށް އެމީހުން ބޭނުންވާގޮތަށް ވާހަކަ ނުދައްކާ ބައެއް ވެއްޖިއްޔާ މިހަދާ ގޮތަކީ ޕޮލިސް މައްސަލައަކަށް ހަދަނީ." 

ދީން ޤަބޫލު ނުކުރާހެން ހީވާ ކޮންމެ މީހެއްގެ ކައިރިއަށް އެމްޑީއެންއިން ގޮސް، ޙިމާޔަތްދެމޭ ބޮޑީގާޑުންދެމޭ ކިޔައިގެން ފުރަތަމަ ކަންތައް ކުރާގޮތާއި އަދި އެމީހުން ބޭނުންވާހާ ކަމެއް އަނެކާ ނުކުރުމުން އެމީހުން ކަންތައްކުރާގޮތް ހާމަކުރަމުން އަފާގެ ވީޑިއޯގައި ބުނެފައި ވެއެވެ.

އަފާގެ ވީޑިއޯގައި ހާމަކޮށްފައިވާ މި ވާހަކަތަކަށް އިޝާރާތް ކުރަށްވައި، ޝައިޚް ޢަބްދު ﷲ ކުރެއްވި ޓްވީޓު ނިންމަވާލަށްވަމުން، ތިމާމެން ހިންގާ ޖަރީމާތަކަށް ބާރުހޯދުމުގެ ބޭނުމުގައި އެމީހަކު ނުކުރާ ކުށަކަށް ގަދަކަމުން އޭނާ މަހުވައި މީސްތަކުންގެ މަޖްބޫރީ ޙާލަތުން ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ނުކޮށް، ޒިއްމާ ދާރުކަމާއި އަދި ޢަދުލުވެރިކަމާއެކު ޚިދުމަތުގައި ދެމިތިބުމަށް ފުލުހުންނަށް އިލްތިމާސް ކުރަށްވާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

އަދުގެ ބަވަނަވި ދުނިޔޭގައި، ކޮންމެ މީހެއްގެ އިނގިލިކުރިއާ ހަމައިގައި މުޅި ދުނިޔެ ހުޅުވާލެވެން މިއަދު އޮތްއިރު، އިސްލާމްދީނުގެ މަތިވެރި ނިޢުމަތާމެދު ޙަސަދަވެރިވާ އެދީނުގެ ޢަދުއްވުންގެ ކެހިވެރި މަންތަރުތަކުގެ ސަބަބުން ޅަ ނުވަތަ ޒުވާނޭ ހައިރާނޭ ބުނެވޭ ސިކުޑިތައް "ޙިސާރު" ކޮށްގަނެ ސަވާރުވެގަންނަނީ އިންތިހާއަށް ފުރިހަމައަށް އަދި ނުހަނު އަވަސްމިނުގައިކަމީ އިސްލާމީ މުޖުތަމަޢުތަކުން ފެންނަމުންދާ ހަގީގަތްތަކެވެ.

މިފަދަ ކެހިވެރި މަޅިތަކާމެދު މައިންބަފައިން ހުށިޔާރުވެ ދީނީ ޢިލްމުވެރިން ޙިކުމަތްތެރިކަމާއެކު ޤައުމުގެ ވެރިން އިޚްލާސްތެރިކަމާއެކު އަދި ނޫސްވެރިން ޒިންމާދާރުކަމާއެކު ޢަމަލުނުކުރެވޭނަމަ، އިސްލާމް ދީނަކީ "ދެކޮޅުން ބުރިކުރާ" ދީނެއްކަމަށް އަދުގެ ޒުވާނުންނަށް ދައްކުވައިގެން އެދީނާމެދު ޅަސިކުނޑިތައް ނަފްރަތްތެރިކުރުމަށް ޢަދުއްވުންނަށް ފުރުޞަތުފަހިވެގެން ހިނގައިދާނެ ނޫންހެއްޔެވެ.

އަދި އެކަމުގެ އާޚިރު ނަތީޖާއަކަށް، ބާރުގެ ގޮތުން ޞަޢީފު އަދި ސައިޒުގެ ގޮތުން ކުޑަނަމަވެސް، މާތް ﷲ ގެ ގުނާޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް "އޮހިގެންވާ" މި ދިވެހި މުސްލިމް ދައުލަތަށް ލިބިފައިވާ، އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތް، އިސްލާމް ދީނުގެ ހިދާޔަތު ލިބުމުގެ ނިޢުމަތުން އަޅުގަނޑުމެންގެ ދިވެހި ދަރީން މަޙްރޫމްވެގެންގޮސް މުޅި ޤައުމު ނުތަނަވަސް ކަމަކަށް ވެއްޓި ހިނގައިދާނެކަން އަބަދުމެ ހަނދާނުގައި ބަހައްޓަން ޖެހޭކަން ކަށަވަރު ނޫންހެެއްޔެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *