މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް އަލުން ނެރުމަށް ކުރެވެމުންދާ މަސައްކަތުން ރަނގަޅު ނަތީޖާ ނުނެރެވޭ ނަމަ، އެ ނިޒާމު ބަދަލުކޮށް މުޅިން އައު ވިސްނުމެއް ކުރިއަށްނެރެގެން ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، "ދަގެނާ" ގެ ނަމުގައި ހުވަދުއަތޮޅު އުތުރުބުރީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސަސް ސެންޓަރެއް ހުޅުއްވައިދެއްވުމަށް ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިޞަލް ނަޞީމް އިތުރަށް ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެކި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. އެ ގޮތުން، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ޚާއްޞަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަޤްޞަދެއްގައި ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅު އެންމެ ބޮޑަށް އަމާޒު ކުރައްވާފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުންކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން، "ދަގެނާ" ގެ ނަމުގައި މިއަދު ހުޅުވިގެން ދިޔަ ކޮމިޔުނިޓީ ސާރވިސް ސެންޓަރަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމަޢާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ. އަދި، މި ޚިދުމަތަކީ މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައިނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށް ލިބުނު އިތުރު ފުރުޞަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތަޢުގެ ތެރެއިން އެފަދަ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ފާހަގަކޮށްލެވެއެވެ.