Ad
ދާދިފަހުން މާފުށީ ހޮޓަލެއްގެ ބޭރުގައި ބެހެއްޓުނު "ކްރިސްމަސް ޓްރީ" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެނީ-: ފޮޓޯ: ޓްވިޓަރ

"އެ ޓްރީ" ނުބެހެއްޓެނީސް "ނުހިތޭކަމަށް" ބުނެވޭއިރު ހިތުމަކަށް "އެއުރެންވެސް" ޢީދު ނަމާދަކަށް ނުދޭ ނޫންހެއްޔެވެ!

ދެވަނަ ސާސްކަފުގެ ވިހިވަނަ އަހަރުގެ 18 ވަނަ ދުވަސް، މުސްލިމުންގެ ހަފްތާ ޢީދު ދުވަސްކަމުގައިވާ ހުކުރުދުވަސް ވެގެން ދިޔައީ ތާރީޚީ ދުވަހަކަށެވެ. ބޮޑު ބަހުސެއްގެ ފެށުމަކަށެވެ. ބަޔަކު ހިތުގެ އަޑީގައި އިންތިހާއަށް ސިއްރުކޮށްގެން އުޅެމުން، ޙާޞިލުކުރަން ބޭނުންވާ "ކަމެއް" ގައި، މާއަވަހަށް "ބުޅާ ގޯނިން ބޭރުވި" ދުވަހަކަށޭވެސް ހީވެދާކަހަލަ ދުވަހަކަށްވެސް މެއެވެ.

ދިވެހި، ގިނަ ލޮބްވެތި ރައްޔިތުންގެ ކައިރީގައި އެދުވަސް ވެގެން ދިޔައީ، މިކުޑަކުޑަ ރާއްޖެއަށް، އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތް، އިސްލާމް ދީނުގެ ހިދާޔަތު ލިބުމުގެ ނިޢުމަތް، މިންވަރު ކުރެވުނުތާ 8 ޤަރުނަށްވުރެ ގިނަ ދުވަސްވީ އެބޮޑު ނިޢުމަތް ޖީލުތަކަކަށް ދެމެހެއްޓުމުގެ މުޤައްދަސު ދުސްތޫރީ ޒިންމާ އަދާކުރެއްވުމުގައި ދަޢުލަތުގެ ޝަރުޢީ ނިޒާމާއި ތަންފީޒީ އިދާރާއިން ނަމޫނާ ދެއްކެވި ދުވަހަކަށެވެ.

އަނެއް މަދުބަޔަކަށް އެދުވަސް ވެގެން ދިޔައީ، ޤަމުގެ ތަންފީޒީ ބާރުތަކުން ނުކުމެ ފަތުރުވެރިކަން "ފުނޑާލި" ދުވަހަކަށެވެ. ކޮވިޑް-19 ގެ ވައިރަސް އަށްވުރެ ކުރިން އުފަންވީ "އެހެން19″ އެއްގެ ހިޔަލުގައި ތިބެގެން މަދުބައެއްގެ ހަވާނަފްސުގެ އެދުމާ އެއްގޮތަށް ދިވެހި މުޖުތަމަޢު "ފިރުކާލުމަށް" ޖަހަމުން އައި ސިއްރު މަންތަރުތަކެއް އަވާމެންދުރެއްގެ ބީދައިން ރައްޔިތުންގެ ލޯތަކަށް ދައްކަމުން ދަނިކޮށް، އަދި ޚުދު އަމިއްލަ ނަފްސަށްވެސް "ފޮނި" ހުވަފެންތައް ދެކެމުން އަންނަނިކޮށް، އެކަންކަން ވިއްސިވިހާލި ކޮށްލީހެން ހީވެގެން ދިއުމާއެކު އަރައިގަތް އަމަށަކު ރުޅިއަކުން "ސަލަފިސްޓް" ލަޤަބު ފުލުހުންނަށް ދެވި، އިންޓެގްރިޓީ ކޮމިޝަނާ ހަމައަށްވެސް ފުލުހުން ދަމާކޫއްތާފައި ނަމަވެސް ގެންދަންވެސް ބުއްދިކުރި ދުވަހަކަށެވެ.

ނަމަވެސް، މުސްލިމް ދިވެހި ރައްޔިތުންނަކީ އަދިވެސް ހަމަ، "ދޮން މީހުން" އުޅޭހާ ގޮތަކަށް އުޅެގެން "ކާމިޔާބު" ހޯދަން ބޭނުންވާ ބަޔަކަށް ނުވުމުން، އަދި ޑިމޮކްރެސީގައި އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީވެސް ހަމަ ރައްޔިތުންގެ ކިބައިގައި ކަމަށްވުމުން، ތިން ބާރުންކުރެ އެއްބާރުގެ ވެރިމީހާއަށްވެސް ރައްޔިތުންގެ ގަދަފަދަ ބާރުގެ މައްޗަށް، "ތުނޑުގައި ވަރުހުރި ވަޅި" ފައިކޭޓުން ނަގަން ނުކެރުނީ ކަހަލަ ނޫންހެއްޔެވެ.

އެ ހިނގައިދިޔަ ކަމެއް ހިނގައިގޮސް އަދި ވެދިޔަ "ފްލޮޕެއް" ވެދިޔަތާ ދެހަފްތާއަށް ޢުމުރުފުރެން ދަނިކޮށް، ދެން ކުޅެވެންފެށީ އެހެން "ކާޑެއް" އެވެ. ދީނީ ކާޑެވެ. އިސްލާމް ދީން ސިޔާސީ ކުރާތީވެ އެކަމާ އެންމެ ގަދައަށް އަޑުއުފުއްލެވި ފަރާތްތަކުން ޓީވީ ސްޓޭޝަނަށް ދާންދެއް ބޭނުންކުރަން ފެށުނުތަނެވެ.

ޒައްޤޫމު ގަހަކީ ދުނިޔެމަތީގައި މާތް ﷲ ލެއްވެވި އެންމެ ނުބައި ގަސްކަމަށާއި އެހެންނަމަވެސް އެ ގަސްވެސް ގާޑްން ކޮށްލުމަށް އޯކޭ ވާހިނދު "މޭރީ" ޓްރީއަކީވެސް ﷲ ހެއްދެވި ގަހެއްކަމަށްވާތީވެ އެގަސްވެސް ހަމަ ސިޓިންގ ރޫމްތަކާއި ދައުލަތުގެ އޮފީސްތަކުގެ ލޮބީ އޭރިއާއަށް ދާންދެން، ވަކި ޚާއްޞަ ދުވަހެއްގައި ވަށައިގެން ނިވިދިއްލޭ އަޅައި ކޮޅަށް ތަރިއެއް ޖަހައިގެން ބެހެއްޓުމަކީ "ޑެކޯރޭޝަން" އަކަށް ވެއްޖެއެވެ.

"ރަން ތިރީސް" އަހަރުގެ ބާނީވެސް، ފަހަކަށް އައިސް އަހަރަކު އެއްފަހަރުހެން "އިޙްޔާ" ކުރަށްވާ ކުރެއްވުން، ޓްވީޓަކަށް ފަހު ޓްވީޓަކުން މިދުވަސްކޮޅު "އިޙްޔާ" ކުރަށްވަން ފެއްޓެވިތަން ފެނިގެން ދިއުމުން ޤައުމަށް ލިބުނީ އިތުރު ޝޮކެކެވެ.

މި ޤައުމުގައި އޮތް އަމާންކަމާއި މަސަލަސްކަމަށާއި އަދި ޤައުމަށް ޒިޔާރަތްކުރަށްވާ ބޭރުގައުމުތަކުގެ މެހުމާނުންނަށް، އެ މެހުމާނުންނަކީ ކޮންމެ ދީނެއް އަދި ކޮންމެ މިއްލަތެއްގެ ބައެއްނަމަވެސް، ދިވެހިންގެ އެއަރ ޕޯޓަށް ފްލައިޓް ޖެއްސުމާއެކު މަތިން ދާބޯޓަށް ކައިރިކޮށްލާ ސިޑީގެ އެންމެ ތިރީ ހަރުފަތުން ފެށިގެން، އަނބުރާ ފުރަންދާ ފްލައިޓްގެ ސިޑީގެ އެންމެ މަތީ ހަރުފަތާއި ހަމައަށްވެސް، ދިވެހި މުސްލިމު ރައްޔިތުންގެ އޯގާތެރިކަމާއި އަޅާލުމާއި ހެޔޮކޮށްހިތުން ފަތުރުވެރީންނަށް ފެނިދެނިވެގެން ދިއުމުގު ސަބަބުން، ރާއްޖެއަކީ އެއުރެންގެ ހިތްތަކުގައި ދުނިޔެމަތީގެ "ސުވަރުގެ" އަށް ވެފައި އޮތް އޮތުން ބަދަލުވެގެން ދިޔައީބާއޭ ހިތާއިހިތާ ކިޔަން ނުފަށާނެ ހެއްޔެވެ؟

ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެތެރެއިން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ނޫންކަމަށް ބުނުއްވައި އެކަން ހަނދާކޮދެއްވައި "އިޙްޔާ" ކޮށްދެއްވިއެވެ.

އަދިހަމަ، ފުލުފުލުގައި ކުރެއްވި އެހެން ޓްވީޓެއްގައި، މުސްލިމުންނާ ހަނގުރާމަނުކުރާ އަދި އެބައިމީހުންގެ ގޯތިގެދޮރުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތުން މާތް ﷲ ނަހީނުކުރައްވާކަމުގައި ދެންނެވިފައި ވާނީ، ކީރިތި ޤުރްއާނުގެ الممتحنة ސޫރަތުގައިމާތް ﷲ އެހެން އަންގަވާފައި ވާތީކަމަށް ވިދާޅުވެ އެކަންވެސް "އިޙްޔާ" ކުރެއްވިއެވެ.

މުޅި ދުނިޔޭގެ ސައްޔާޙުންގެ މެދުގައި "ދުނިޔެމަތީގެ ސުވަރުގެ" ނަމުން ނަންދެވިފައިވާ އިސްލާމީ މިދައުލަތް އެއުރެންގެ ހިތްތަކުގައި "ނަރަކައަކަށް" ބަދަލުވާފަދަ ޢަމަލެއް ބަޔަކު ކުރީތޯ ހިތަށްއެރި ކަހަލައެވެ. އެހެންނަމަވެސް، އެ "އިޙްޔާއެއް" ކުރަށްވަން ފެއްޓެވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް،މި ދައުލަތުން ވަނީ، ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުގެ އެވޯޑް ހާޞިލުކޮށްފައެވެ. ހިނގަމުންދާހާ މަގެއްގެ އަރިމަތީގައާއި އަދި ވަންނަހާ ހޯޓަލެއްގެ ލޮބީގައިވެސް އެބުނާ "ޓްރީ" އެއް ބަރިބަރިއަށް އަތުރައިގެން އުޅެމުންދިޔަ ޤައުތަކާ ވާދަކޮށްގެންމެއެވެ.

މުފައްކިރެއް ނުވަތަ މުޢައްލިމަކަށް ނުވިނަނަމަވެސް، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއެއް އޮތަތީވެ، އެ ޤުރުއާނުގެ އާޔަތެއްގެ ވާހަކަ ބުނެވުމުން އެ އާޔަތަކީ ކޮބައިކަން ބަލާލުމަކީ ހަމަ ޙައްޤުމިންވަރުކަމަށް ބަލާމާހެއްޔެވެ.

ސޫރަތުން މުމްތަޙިނާގެ 8 ވަނަ އާޔަތުގައި، މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾

މާނައީ؛ (ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.)

ޣައިރު މުސްލިމުންނާމެދު ދިވެހި ލޮބްވެތި މުސްލިމު ރައްޔިތުން ގޯސްކޮށްހިތައި، ޢަދުލުވެރި ނުވޭތޯއެވެ؟ ނުވަތަ ޣައިރު މުސްލިމުންނަށް އަނިޔާވެރިވުމަށް އެއްވެސް ދީނީ ޢިލްމުވެރިއަކު ގޮވާލެއްވި ހެއްޔެވެ؟ ޖަވާބަކީ، "އަ ބިގް ނޯ" ކަން ކަށަވަރު ނޫންހެއްޔެވެ!

މުސްލިމުންގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅެމުންދާ ޔަހޫދީ ދައުލަތް އިޒްރޭލުގެ ފަތުރުވެރިން ނުވަތަ އެ ދައުލަތަށް ވާގިދޭ އެމެރިކާނުންވެސް މިޤަމުމަށް އައިސްގޮސް ހަދާހިނދުވެސް އެމެހުމާނުންނަށް "ކުނި މޫނެއް" ގެ ހިސާބުވެސް ދިވެހި މުސްލިމު ރައްޔިތުން ދެއްކި ހެއްޔެވެ؟ އޯގާތެރިކޮށްހިތައިގެން މެނުވީ ރައްޔިތުން ޢަމަލުކުރޭތޯއެވެ؟ ނުވަތަ އެފަރާތްތަކާމެދު ހަރުކަށިވުމަށް ނުވަތަ ހެޔޮކޮށް ނުހިތުމަށްވެސް އެއްވެސް ޢިލްމުވެރިއަކުވެސް ގޮވާލެއްވީ ތޯއެވެ؟ "ޖަސްޓް، އަ ބިގް ނޯ" މެނުވީ ޖަވާބަކަށް ނުވާނެކަން ކަށަވަރެވެ.

ވީހިނދު، އެހެން ދީންތަކުގެ މީހުންނާ މެދު ހެޔޮކޮށް ހިތުމާ އޯގާތެރިވުމާ އިޙްތިރާމް ކުރުމުގެ ވާހަކަ ކުއްލިއަކަށް ފަތުއަޑުކިޔައި "އިޙްޔާ" ކުރެވެން މިފެށުނު ސަބަބާމެދު ސުވާލު އުފެދޭނެ ނޫންހެއްޔެވެ.

ފުލުހުން ޙާޟިރުވެ ކޯޓު އަމުރެއްގެ ދަށުން އެ ބުނާ "ޓްރީ" އެއް "އުފުރާ" ލުމުން އިޖްތިމާޢީ މަންސަތަކަށް ނުކުމެ "އިޙްޔާ" ކުރަށްވައިގެން ނަމަވެސް "އެޓްރީ" އަލުން ދިރުވޭތޯ ފެންއެޅެނީ ނޫންހެއްޔެވެ.؟

ޑިސެމްބަރު 25 ވަނަ ދުވަހާ ދިމާކޮށް ބެހެއްޓޭ "މޭރީ ޓްރީ" ނުވަތަ "ކްރިސްމަސް ޓްރީ" ބެހެއްޓުމަކީ ކްރިސްޓިއަނުންގެ ޢަޤީދާއާ ގުޅިފައިވާ ކަމެކެވެ. އެ ދުވަހަކީ ޢީސާގެފާނު ޞަލީބަށް އެރުވި ޤަތުލުކޮށްލެވުނުކަމަށް ނަޞާރާއިން (ކްރިސްޓިއަނުން) ކުރާ، ކީރިތި ޤުރުއާނުގެ ޞަރީޙަ ނަައްޞާއި އަދި މާތް ރަސޫލާގެ ޞައްޙަ ސުންނަތާ ޚިލާފު ދޮގު ބާޠިލު، ދަޢުވާ އާ ގުޅިގެން ކްރިސްޓިއަނުން ދާދިފަހަކުން، އިންޖީލަށް އެއުރެން އަމިއްލައަށް ބަދަލުގެނެސްގަތުމަށް ފަހުގައި، ފާހަގަ ކުރަމުންގެންދާ ކްރިސްޓިއަން ދީނުގެ ޢަޤީދާއާ ގުޅިފައިވާ މުހިންމު އިޙްތިފާލެކެވެ. އެއުރެންގެ ދީނީ ޢީދެކެވެ.

ޝައްވާލު މަހުގެ ފުރަތަމަ ދުވަހާއި އަދި ޛުލް ޙިއްޖާ މަހުގެ ދިހަވަނަ ދުވަހުގައި އަހަރަކު އެއްފަހަރު މުސްލިމުން ފާހަގަ ކުރާ، ނުވަތަ ހަފްތާއަކު އެއްފަހަރު ކޮންމެ ހުކުރު ދުވަހަކު މުސްލިމުން ފާހަގަކުރާ، ޢީދުގައި އެއުރެން ބައިވެރި ވޭހެއްޔެވެ؟ އަދި އެއުރެންގެ ބައިވެރިވުން އެޢީދުތަކުގައި މުސްލިމުންނަށް ލިބިގެން ނުދިއުމަކީ އެޢުރެން މުސްލިމުންނާ މެދު ހެޔޮކޮށް ނުހިތާކަމަށް އެއްވެސް މުސްލިމަކުވެސް ބުނާނެ ކަމެއްހެއްޔެވެ؟

މުސްލިމުންގެ ގޮތުގައި ތިބެމެ މުސްލިމުންގެ ހަފްތާ ޢީދު ދުވަހުގެ އެންމެ މުހިންމު އެއް ރުކުނަށް "ހޮޓް ބާ" ކިޔައި އިސްލާމް ދީނުގެ މުހިންމު ޝިޢާރުތަކާއި އިސްލާމީ ޝަރީޢަތުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ތަކުރާރުކޮށް ފުރައްސާރަކޮށްފައިވާ ފަރާތްތަކުން މިއަދު ނުކުމެ، އެހެން ދީންތަކަށް އިޙްތިރާމް ކުރަންޖެހޭކަމަށާއި، އިޙްތިރާމް ލިބޭނީ އިޙްތިރާމް ކުރުމުން ކަމުގައި ބުނެ، މޮޅެތި ޓްވީޓްތައް ކުރަށްވަމުން ގެންދަވާއިރު، އަމިއްލަ ދީނަށް އިޙްތިރާމް ކުރަން ނޭނގުނު ހިނދު އެހެން ދީންތަކަށް އިޙްތިރާމް ކުރާނެތޯ ސުވާލު އުފެދޭނެ ނޫންހެއްޔެވެ.

އަދިހަމަ، "ރޯމާދުވާލު" އެހެން މީހުން ނުކުމެ އިސްލާމް ދީނަށް ފުރައްސާރަކުރި ހިނދުވެސް "ހަނު" ތިއްބެވުމަށްފަހުގައި، އެހެން ދީންތަކުގެ ދިފާޢުގައި "ހަނު ލައްވައިގެން" ނުކުންނެވުމުން "އިޙްޔާ" ނުކުރެވިގެން މިއުޅޭ "ޓްރީ" އެނގޭ ނޫންހެއްޔެވެ!!!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *