އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ކަލުމް ވިލްސަން ޖެހި ޝޮޓެއް ލިވަޕޫލްގެ ފަބީނިއޯ ވަނީ ބްލޮކްކޮށްފަ އެވެ. ލިވަޕޫލް މޮޅުވިޔަނުދީ ހިފެހެއްޓުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ އަށެވެ. މުޅި މެޗަށް ބަލާއިރު އޭނާ ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. މި ފަހަރު ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގައި އެ ޓީމުން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ދެ ވަނަ ހާފުގައި ވެސް ފިރްމީނޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، ސަޑިއޯ މާނޭ އާއި ސަލާހު އަށް ވެސް ރަނގަޅު ބޯޅަތަކެއްގެ ބޭނުމެއް ނުހިފުނެވެ.
ލީގުގައި ރޭ ޓޮޓެންހަމް ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅެން ތާވަލުކޮށްފައި އޮތް މެޗު ވަނީ ކޮވިޑުގެ ސަބަބުން ފަސްކޮށްފަ އެވެ. އެ މެޗު ފަސްކުރަން ނިންމީ މެޗު ފަށަން ނިންމާފައި އޮތް ވަގުތުގެ ހަތަރު ގަޑިއިރު ކުރިންނެވެ.
ރޭގެ ނަތީޖާއާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 15 މެޗުން 30 ޕޮއިންޓް ލިބިފައެވެ.