Ad
ގާފަރުގައާއި މަޑުއްވަރީގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކުރެވެނީ- : ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ގާފަރުގައާއި މަޑުއްވަރީގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކުރެވެނީ- : ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދެ ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް މިފްކޯއާ ޙަވާލުކޮށްފި

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތަކަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި ރާއްޖޭގެ ދެ ސަރަޙައްދެއްގެ ދެ ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ޙަވާލުކޮށްފިއެވެ.

ދިވެހި ސަރުކާރާއި މިފްކޯއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް އެޅުމަށް ހަމަޖެހިފައި ވަނީ، މާލޭ ސަރަޙައްދުގެ ރަށެއްކަމަށްވާ ކ. ގާފަރާއި އަދި މަސްވެރި ރަށެއްކަމުގައިވާ ރ. މަޑުއްވަރީ ގައެވެ.

ދިވެހި ސަރުކާރާއި ދައުލަތުގެ މަސްކުންފުނި މިފްކޯއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 150 ދުވަހުގެ ތެރޭގައި އެ ދެރަށުގައި އައިސް ޕްލާންޓް ޤާއިމުކޮށް ނިންމަން ޖެހެއެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ސޮއިކުރަށްވާފައި ވާއިރު މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ.

މަސްވެރިކަމުގެ ޞިނާޢަތަކީ ދިވެހި ގިނަ ޢާއިލާތަކަކާ ސީދާގޮތެއްގައި ގުޅިފައިވާ ޞީނާޢަތަކަށް ވާއިރު، މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަކީ އެކަމުގެ ސީދާ އަސަރު ޢާންމު ރައްޔިތުންގެ ގިނަބަޔަކަށް ކުރާނެ ކަމެއްކަން، މަސްވެރިން މިހިނދު އުފަލަމުން ދާ އަޑުތަކާއި ކުރަމުންދާ އިޙްތިޖާޖުތަކުންވެސް ހާމަވެއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކާއި، ބާނާ މަސްކޮޅު ކިރުވުމުގައި ދިމާވަމުންދާ ދަތިތަކާއި އަދި ކިރުވޭ މަސްކޮޅަށް އެކަށީގެންވާ ހަމަ އަގެއް ނުލިބުމުގެ މައްސަލައަކީ ދުވަސްވީ މައްސަލައެއް ނަމަވެސް، މިހިނދު އެމައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމަށް މަސްވެރިން ގެންދަނީ ބުނެ އަޑުއުފުލަމުންނެވެ.

ކޮންމެ ސަރުކާރަކުންވެސް "ވެރިން" ގެ ލަޤަބެއް މަސްވެރިންނަށް އެރުވުމަށްފަހު "ޅޮސް" އުނދޯއްޔަކަށް އެރުވުމަށްފަހުގައި އިންތިޚާބު ދުވަސްވަރުގައި ކުޑަކޮށް "ހެއްލާލަދީ" ހެއްވާލަ ދިނެއްކަމަކު، ވެރިކަމަށް އާދެވުމުން ކޮންމެ ސަރުކާރަކުންވެސް މަސްވެރިންގެ މަތިން ހަނދާން ނައްތާލާކަމަށް މަސްވެރިން ގެންދަނީ ބުނަމުންނެވެ.

އައިސް ލިބުމުގައި ދަތިތަށް ދިމާވަމުންދާ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް މިއަދު ސޮއިކުރެވިފައި ވާއިރު، ކިރުވާ މަހަށް ފައިސާ ނުލިބި މަސް ދެމަސް ވެގެންދިއުމުގެ މައްސަލައަށް މިހިނދު ސަރުކާރުން "ޙައްލެއް" ހޯއްދަވައި ދެއްވާފައި ވެއެވެ.

އެހެންނަމަވެސް، ބާނާ މަސް ކިރުވުމުގައާއި ކިރުވޭ މަހަށް ހަމަ އަގުލިބުމުގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށޭނަ ޙައްލެއް ލިބިގެންދާ ފަދަ މަންޒަރެއް އަދި ނުފެންނަކަމަށް މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުންގެ އިތުރުން މަސްވެރި ޖަމާޢަތްތަކުންވެސް ބުނަމުން ގެންދެއެވެ. މިދަނޑިވަޅުގައި މަހުގެ އަގު ބޮޑުކުރެވެން ނެތްކަމަށް ޚުދު ސަރުކާރުންވެސް ދާދިފަހުން ހާމަކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *