Ad

ކަޝްމީރުގައި މަރާލި ޢާންމުންގެ 3 މީހުން ޓެރަރިސްޓުންކަމަށް ދެއްކުމަށް ޢަސްކަރީ އޮފިސަރެއް ހަތިޔާރު "ޕްލާންޓް" ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖަންމޫ އެންޑް ކަޝްމީރު ސަރަޙައްދުގައި އިންޑިއާގެ ޢަސްކަރިއްޔާއިން ބަޑިޖަހައި މީގެ ކުރިން މަރާލާފައިވާ ކަޝްމީރުގެ ތިން ޒުވާންނުންނަކީ ޓެރަރިސްޓުންކަމަށް ދެއްކުމަށް އެތިން ޒުވާނުންގެ ހަށިގަނޑުމަތީގައި ޢަސްކަރިއްޔާގެ އިސް އޮފިސަރަކު ހަތިޔާރު ބެހެއްޓި މައްސަލައެއް ފެންމަތިވެ އިންޑިއާގެ ފުލުހުން އެކަން ތަހުގީގުކަރަން ފަށައިފިއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ ފުލުހުން ނެރެފައިވާ ރަސްމީ ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ކެޕްޓަން ބޫޕެންދްރާ ސިންގ އިސްވެހުރެ އިތުރު އެހެން ދެ ސިފައިންނާ ގުޅިގެން، ޢަސްކަރިއްޔާގެ ހަމަލާގައި މަރާލި ތިން މީހުންގެ ހަށިގަނޑުގެ މަތީގައި ހަތިޔާރު ބެހެއްޓުމަށްފަހު ފޮޓޯނަގައި އަދި އެމީހުންގެ ވަނަވަރާއެކު އެފޮޓޯތައް ޢާންމުކޮށްގެން، އެމީހުންނަކީ ނުރައްކާތެރި ޓެރަރިސްޓުންކަމަށް ދެއްކުމަށް މަސައްކަތްކޮށްފައި ވާކަމަށެވެ. އަދި އެ ހަތިޔާރުތަކަކީ އިންޑިއާގެ ޢަސްކަރިއްޔާގެ ހަތިޔާރު ނޫންކަމަށާއި އެއީ ޤަވާޢިދާ ޚިލާފަށް ހޯދާފައިވާ ހަތިޔާރުކަމަށްވެސް އިންޑިއާގެ ފުލުހުން ހާމަކޮށްފައި ވެއެވެ.

ކަޝްމީރުގައި ޢާންމު ރައްޔިތުންގެ ބަޔަކު ނުކުމެ ކުރި އިޙްތިޖާޖެއް ހުއްޓުވުމަށް އިންޑިއާގެ ޢަސްކަރިއްޔާއިން ބަޑިޖަހައި ކަޝްމީރުގެ 3 ޒުވާނަކު މަރާލި މިހާދިސާ ހިނގައި ދިޔައީ ފާއިތުވެދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިހާދިސާއާ ގުޅިގެން އިންޑިއާގެ ޢަސްކަރިއްޔާއަށް ބޮޑެތި ފާޑުކިޔުންތައް އޭރުވެސް އަމާޒުވެގެން ދިޔައެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ފާޑުކިޔުންތަކާއި "ފިއްތުން" ތަކާހުރެ، އެހާދިސާގައި ލައިވް ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައިވުމަކީ ޙާލަތާ ނުބައްދަލު ބާރެއް ބޭނުންކުރުން ކަމަށް، އިންޑިއާގެ ޢަސްކަރިއްޔާއިން ސެޕްޓެމްބަރު މަހުގައި އެއްބަސްވެފައިވެސް ވެއެވެ.

މުސްލިމު ސާފު މެޖޯރިޓީއެއްގެ އާބާދީއެއް އޮންނަ ކަސްމީރުގައި އިންޑިއާގެ ޢަސްކަރިއްޔާގެ ބައި މިލިއަން ސިފައިން ހަރަކާތްތެރިވަމުން ދެއެވެ. އިންޑިއާ ސިފައިންގެ އޮފިސަރުން މިފަދަ ޖަރީމާތަށް ހިންގަނީ ފައިސާގެ ދަހިވެތިކަމުގައެވެ. ޓެރަރިޒަމާ ދެކޮޅަށް "ކާމިޔާބު" އޮޕަރޭޝަންތައް ހިންގުމުގެ މެޑަލް ޖަހައިގެން މަޤާމުގެ ކުރިއެރުން ހޯދުމަށްކަންވެސް ފާހަގަކޮށްލެވެއެވެ.

(އަލްޖަޒީރާ)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *