Ad
ހަރުކަށި ފިކުރުގައި ޖެހުނު ހިމަންދޫގެ ރައްޔިތުންތަތަކެއް ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ތައްޔާރުވެގެން-: ފޮޓޯ:ހަވީރު
ހަރުކަށި ފިކުރުގައި ޖެހުނު ހިމަންދޫގެ ރައްޔިތުންތަތަކެއް ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ތައްޔާރުވެގެން-: ފޮޓޯ:ހަވީރު

ފިކުރީ މައްސަލަތައް ޙައްލުކުރުމަށް ޢިލްމީ ގޮތުން މަސައްކަތްކުރަން ޖެހޭ: ޑރ. ޝަހީމް

ފިކުރީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިލްމީ ގޮތުން މަސައްކަތް ކުރަންޖެހޭކަމަށާއި އެގޮތުން ކުރެވޭ މަސައްކަތް ވަރުގަދަ ކޮށްފިނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ކަމުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަންވެސް ކުރަށްވައި އަދި އިސްލާމް ދީނަށް ބޮޑެތި ޚިދުމަތްތަކެއް ކުރަށްވާފައިވާ ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އެފަދަ ފިކުރުތަކަށް އިޝާރާތް ކުރަށްވައި ޓްވީޓް ކުރަށްވަމުންނެވެ.

"ދީނީ ޙައްދު ފަހަނައެޅުން ހުއްޓުވޭނީ ހަރުދަނާ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ޢަޤީދާ އުނގަންނައިދީގެން. މިކަންކުރުމަށްޓަކައި ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމު"

އިސްލާމް ދީނަށް ނިޞްބަތްކުރެވިގެން އުފެއްދޭ މުންޙަރިފް ފިކުރެއްކަމަށްވާ، ދީނުގެނަމުގައި ޙައްދުފަހަނައަޅައި ދިއުމުގެ ފިކުރަށް އިޝާރާތްކުރަށްވައި ޝަހީމްގެ ޓްވީޓް ފައްޓަވަމުން ވިދާޅުވެފައި ވެއެވެ.

ހަރުކަށި ފިކުރުގެ މައްސަލާގައި "ވަގުތު" ނޫހުގެ ފަރާތުން ޚާއްޞަ "ތަޙްޤީޤީ" ރިޕޯޓެއް ދާދިފަހުން ޢާންމުކޮށްފައިވާ މިދަނޑިވަޅުގައި ޝަހީމު ކުރެއްވި މި ޓްވީޓުގައި، ދީނުގެ ނަމުގައި އުފަންކުރުވޭ މިފަދަ ނުރައްކާތެރި ފިކުރުތައް އެންމެއެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު ހުއްޓުވޭނެ ގޮތްތައްކަމަށް އެމަނިކުފާނަށް ޤަބޫލުކުރެވޭ މުހިންމު ގިނަ ކަންތައްތައްވެސް ފާހަގަކުރަށްވާފައި ވެއެވެ.

އެގޮތުން، ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރަށްވަމުން، އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ފަސޭހަގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހިކޮށްދީ ފަސޭހަކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށްވެސް ޝަހީމްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އިސްލާމް ދީނަށް ނިޞްބަތްކުރެވުނު ނަމަވެސް އެދީނުގައި ކުޑަވެސް ނަޞީބެއް ލިބިގެންނުވާ ހަރުކަށި ފިކުރުތައް އިސްލާމީ މުޖުތަމަޢުތަކުގައި އުފަންވެގެން އަންނަ މައިގަނޑު ސަބަބަށް އިޝާރާތްކުރަށްވައި، އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއްކަމަށް ވިދާޅުވުމާއެކު، ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނުނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވުމަކީ، ހަރުކަށި ފިކުރުތައް އުފަންވެ އަދި އަށަގަތުން ހުއްޓުވޭނެ މަގުކަމަށްވެސް، ރާއްޖޭގެ އިތުރުން މުޅި އިސްލާމީ އުންމަތުގެ ފަންތީގައިވެސް ޢިލްމީ މަސައްކަތްތަކެއް ކުރަށްވާފައިވާ ޑރ. ޝަހީމްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އިސްލާމް ދީނަށް ނިޞްބަތްކުރެވިގެން އުފެދުނު ހަރުކަށި ފިކުރުގެ އެންމެ ނުރައްކާތެރި ހާދިސާއަކީ "ހިމަންދޫ" ހާދިސާއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި ހިނގާދިޔަ މިހާދިސާގައި އެފިކުރުގެ ފަރާތްތަކުން ޤައުމުގެ ސަލާމަތީ ބާރުތަކާވެސް ކުރިމަތިލާފައި ވަނީ، މުސްލިމުންނާ ހަނގުރާމަކުރަން އަންނަ ކާފަރުންގެ ލަޝްކަރަކާ ކުރިމަތިލާ ބީދައިންނެވެ. ބޮޑެތި ކަނޑިޔާއި ކޮޅު ފޭއްސައިގެން ތައްޔާރުކޮށްފައި ހުރި ދަނގަނޑާއި ލަޓިބުރިތައް ހަތިޔާރުގެ ގޮތުގައި އެއްކޮށްގެން ސަލާމަތީ ބާރުތަކާ ކުރިމަތިލީ އެހާދިސާގެ ތެރެއިން ފުލުހުންގެ އޮފިސަރަކު "ރަހީނު" ކުރެވިގެންވެސް ދިޔައެވެ.

އެހެންނަމަވެސް، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ، އަމިއްލަ އިސްނެންގެވުމުމުގެ މަތިން ބުރަ މަސައްކަތްތަކެއް ކޮށް އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އެފަރާތްތަކަށް ބުނެދެއްވައި އޮޅުންފިލުވައި ދެއްވުމާއެކު. ހިމަންދޫގައި އެފިކުރަށް ނިޞްބަތްވި އެތަކެއް ރައްޔިތުންނެއްގެ ޢަޤީދާ ކިއްސަރުކުރެވި، ބާޠިލު ހަރުކަށި ޢަމަލުތަކުން އެރައްޔިތުން ދުރުކުރެވިފައިވާކަމީ ބަލައިފި ލޮލަކަށް ފެންނާން އޮތް ޙަޤީޤަތެއްމެއެވެ.

ބާޠިލު ޢަޤީދާތަކުގެ ސަބަބުން އުދެދިގެން އަންނަ ހަރުކަށި ފިކުރުތައް، "ކަނޑި ބަޑިން" ނުވަތަ "ބިޑި ގޮޅިން" ހުއްޓުވަން މަސައްކަތް ކުރެވޭނަމަ އެފަދަ ފިކުރުތައް އިތުރަށް ހަރުކަށިވެ މުޖުތަމަޢުގެ ތެރެއަށް ފެތުރުމުގެ ފުރުޞަތު ބޮޑުވެ މުޅި ޤައުމު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމަކީ ނުހަނު ކައިރީގައިވާ ކަމެއްކަން، ބައެއް އިސްލާމީ މުޖުތަމަޢުތަކުން ހެކިދެއެވެ.

ވީހިނދު، ދައުލަތުގެ ވެރިން އިޚްލާޞްތެރިކަން ދައްކަވައި ޢިލްމުވެރިން ބުރަ މަސައްކަތްތަކެއް ކުރަށްވައި އަދި ނޫސްވެރިންވެސް ޝެއަރ އަދި ވިއު ގިނަކޮށްލައިގެން "ލައިކް" ކޮޅެއް ހޯއްދެވުމުގެ ބޭނުމުގައި ރިޕޯޓުތަކާއި ޚަބަރުތައް ހެއްދެމުވުމުގެ ބަދަލުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރަށްވަން ޖެހޭކަން ޤަބޫލުކުރަން އެބަޖެހޭ ނޫންހެއްޔެވެ. އިންތިހާއަށް ޙައްސާސު މައްސަލައެއް ނޫންހެއްޔެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *