ތ.ފުނައްޑޫ މަސްގަތުމުގެ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެރަށުގައި މަސްގަތުމުގެ ޚިދުމަށް ދިނުމަށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި ބައެއް ކުންފުނިތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި މިއަހަރު ތެރޭ އަރަށުގައި މަސްގަތުމުގެ އޮޕަރޭޝަން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފުނައްޑޫ ފަޅަކީ ބާނި ބޮޑު ފަޅެއް ކަމުން އެރަށު ބަނދަރުގައި ދޯނިފަހަރު އަޅައިގެން މަސް ކިރުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ކޮންމެ މޫސުމެއްގައިވެސް އެރަށު ބަނދަރުތެރެ ވަރަށް ގަދަކަމަށް މަސްވެރިން ބުނެއެވެ.
ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން ހުއްދަދީގެން 2004 ވަނަ އަހަރު ތަރައްޤީކުރި ރަށެކެވެ. އެރަށް ތަރައްޤީކޮށް ފުރަތަމަ އެރަށުގައި މަސްގަނެ އެކްސްޕޯޓް ކުރަން ފެށީ އޭރުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީނު އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިންނެވެ. އެރަށުގައި މަސްގަތުމުގެ އޮޕަރޭޝަން ފެށުމާއެކު އެސަރަހައްދުގައި މަސްކިރުމަށް ދިމާވި ދަތިތައް ހައްލުވެ މަސްގަތުމުގައި ވާދަވެރި ރޫހެއް އުފެދިގެން ދިޔައެވެ. ނަމަވެސް މަސްގަތުމުގެ އޮޕަރޭޝަން ފެށިތާ ހަތަރު އަހަރު ފަހުން 2008 ވަނަ އަހަރު ތަފާތު އެކި ސަބަބު ތަކަށްޓަކައި އެކުންފުނިން މަސްގަތުމުގެ އޮޕަރޭޝަން ހުއްޓާލިއެވެ. އެރަށް ތަރައްޤީ ކުރަން ނެގި ލޯން ނުދެއްކުމުގެ ސަބަބުން ބޭންކް އޮޕް މޯލްޑިވްސްއިން އެރަށް ބޭންކުގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު 2016 ގައި ކުންފުންޏަކާ ހަވާލުކުރިއެވެ. އެކުންފުނިން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މަސް ގަތުމަށްފަހު އެރަށް އަނެއްކާވެސް މަސްގަތުން ހުއްޓާލިއެވެ. އޭގެ ފަހުން އަނެއްކާވެސް އެރަށް އޮތީ ބޭންކް އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުގައެވެ.