Ad

މިނިވަންކަމާއި މުސްތަޤިއްލުކަމުގެ މައްޗަށް އެޅޭ ހިޔަންޏަކަށް "ސުލޫކީ ވުން" ވެއްޖެނަމަ ޢަދުލުގެ އިންޞާފެއް ނުފެންނާނެއެވެ.

ތެދުތެދަށް ބުނަނީނަމަ، ޝަރުޢީ ދާއިރާގެ އަދުގެ ގިނަ ފަނޑިޔާރުން ތިއްބެވީ، "ގިނި ދުށް މީހާ ރަތްމަލަށް ބިރުގެންފައިވާ" ބީދައިން، ޖޭއެސްސީ ދެކެގަންނަވާ އަމަށަކު ބިރަކުން، ސުލޫކުން މިންޖުވާން ހައްދަވައިގެން ގޮސް މިނިވަންކަމާއި މުސްތަޤިއްލުކަމުގެ ޞުފޫފުން ނެއްޓި ދިއުމަށް "މަޖްބޫރުވެފައިކަން" ޚުދު އެފަނޑިޔާރުންމެ ބުނަމުން ދެއެވެ. ނިންމަވާ ނިންމެވުމަކާ ގުޅިގެން މީޑިއާތަކުން ހަދާލާ ސުރުޚީއެއް ވައިގައި ހިފާލައި ފަތުއަޑުކިޔަމުން ދާގޮތަކުން، އެ އޮއިވަރާ އެއްގޮތަށް ރައުޔު ދީލާލަން "މަޖްބޫރުވާ" ޙާލަތުގައެވެ. 

ދުސްތޫރީ މަފްހޫމުގައި ނުވަތަ ގާނޫނުއަސާސީން މާނަކޮށްދީފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. ދިވެހިރާއްޖޭގެ ދުސްތޫރު ނުވަތަ ގާނޫނު އަސާސީން އެބާރުތަކެއްގެ މައްޗަށް ދައުލަތް ތަރުތީބުވެ އެކުލެވިފައި ވަނީ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި އެބާރުތައް ދެމިއޮތުންވެސް ރައްޔިތުންގެ ކިބައިގައި އޮންނަ ތިން ބާރުގެ މައްޗަށެވެ. ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފް ޤާއިމުކުރުމުގެ ބާރުގެ މައްޗަށެވެ.

މި ތިން ބާރުގެ ތެރެއިން, ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށެވެ. މުޅި ދައުލަތާއި އެންމެހައި ރައްޔިތުންގެ މަސްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ގޮތުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ކަންކަމާ ޚިލާފުވެ ދިއުމުން އުފެދޭ ޚުޞޫމާތުތަކާއި، ރޫލް އޮފް ލޯ ނުވަތަ ގާނޫނީ ޙުކޫމަތަށް ބޯނުލެނބުމުގެ ސަބަބުން އުފަންވެގެންދާ މުޚާލަފާތުތައް ފައިޞަލާކޮށް ގޮތްނިންމައި ޢަދުލު އިންސާފު ކަށަވަރު ކުރުމުގެ ބާރުތަކެވެ. މުޅި ދައުލަތު ހަމަޖެހުމާއި ސުލްޙަ މަލަސްކަން ޤާއިމުކޮށް ދެމެހެއްޓުމުގެ މަތިވެރި މަސްއޫލިއްޔަތު އަދާކުރުމުގެ ޢަމަލީ ސީދާ ޒިންމާ އެޅިފައި ވަނީ ފަނޑިޔާރުންގެ ކޮނޑުގައި ވެސްމެއެވެ.

ޒަމާނީ ޑޮމޮކްރެސީއަކަށް އަލިވިލިގެން ޅަފަތުގައި ނަމަހީވެސް ދިވެހީންނަށް ލިބިގެންދިޔަ "ފެހި" ޤާނޫނުއަސާސީގައި، ދައުލަތުގެ ތިންބާރު ވަކިކޮށް ކަނޑައަޅައި ބާޔާންކުރުމަށްފަހުގައި އެތިން ބާރާ މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދުސްތޫރުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން އަދާކުރުމަށް އެހީތެރިކަން ފޯރުކޮށްދީ ފާރަވެރިވުމުގެ ގޮތުން މިނިވަން މުއައްސަސާތައް ނުވަތަ ކޮމިޝަންތައް، ދުސްތޫރީ އުފަންކުރުމެއްގެ ތެރެއިން އުފަންކުރެވިގެން ވެއެވެ. ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މަތިކުރެވިގެންވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޢަމަލީ ޒިންމާ ސީދާގޮތެއްގައި ކޮނޑުގައި އެޅި ޙަވާލުކުރެފިވައިވާ، ފަނޑިޔާރުން ޢައްޔަނުކުރުމާއި މުރާޤަބާ ކުރުމާއި އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޚުދު މަޤާމުން ވަކިކުރުމުގެ ޒިންމާވެސް ދުސްތޫރި އަދި ޤާނޫނީ ހަމަތަކުގެމަތިން މެންޑޭޓްކުރެވި އިޚްތިޞާޞް ލިއްބައިދީގެން ވަނީ، ޖުޑީޝަލް ސާރވިސް ކޮމިޝަން ނުވަތަ ޖޭއެސްސީ އަށެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޤާނޫނީ މެންޑޭޓް

ޤާނޫނުއަސާސީން ދުސްތޫރީ އުފަންކުރުވުމަކުން އުފަންވެގެން އަމިއްލަ ޤާނޫނަކާއި ޤަވާޢިދުތަކެއް ލިބިގެން އުފެދިފައިވާ ޖޭއެސްސީއަކީ ފަނޑިޔާރުން މަޤާމަށް ޢައްޔަނު ކުރުމާއި ވަކިކުރުމުގެ އިތުރުން، ފަނޑިޔާރުކަށް އަދާކުރަމުންގެންދަވާ ޙާލަތުގައިވެސް ފަނޑިޔާރުންގެ ރެގިއުލޭޓަރީ އަދި މޮނިޓަރިން ބޮޑީވެސް މެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަނު ކުރުމުގެ ސީދާ ޑައިރެކްޓް ބާރު ޖޭއެސްސީއަށް ލިއްބައިދީފައި ނުވިނަމަވެސް، ހައިކޯޓާއި ދަށު ކޯޓުތަކުގެ އެންމެހައި ފަނޑިޔާރުން މަޤާމަށް ޢައްޔަނު ކުރުމުގެ ފުރިހަމަ ޤާނޫނީ ބާރު ލިއްބައިދީ އެމަސްއޫލިއްޔަތު ޙަވާލުކުރެވިގެންވަނީ ޖޭއެސްސީއާއެވެ.

އަދިހަމަ، ފަނޑިޔާރުކަމުގެ މަޤާމު އަދާކުރަށްވަމުންގެންދަވާ ބޭފުޅުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، ފަނޑިޔާރުންނާ ގުޅޭގޮތުން އުފުލޭ ނުވަތަ އެކޮމިޝަނުން އިސްނެގިގެން ނަމަހީވެސް، އުފަންވެގެންދާ ޝަކުވާތަށް ބަލައި އެކަންކަމާ މެދު ގޮތްނިންމަވައި ފިޔަވަޅުތައް އެޅުއްވުމުގެ ބާރަކީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނިގެން ދިވެހިރާއްޖޭގެ އެންމެހައި ފަނޑިޔާރުން ޝާމިލުވާގޮތަށް، ޖޭއެސްސީއަށް ލިއްބައިދީފައިވާ ދުސްތޫރީ އަދި ޤާނޫނީ ބާރެކެވެ. މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

ފަނޑިޔާރުކަމަށް ބޭފުޅުން ޢައްޔަނު ކުރުމުގައި ޖޭއެސްސީއަށް ލިއްބައިދީފައިވާ ބާރުތަކުން ޙަވާލުކުރެވިގެންވާ މަސްއޫލިއްޔަތަކީ، ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނު ކުރެވޭ ފަރާތަކީ ގާނޫނު އަސާސީން އިޖްމާލީ ގޮތެއްގައި އަދި ފަނޑިޔާރުންގެ ޤާނޫނުން ތަފްޞީލީގޮތެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ، ފަނޑިޔާރުންގެ ގައިގައި ހުރުން ލާޒިމްކުރާ އެންމެހައި ޝަރުތުތައް، ފަނޑިޔާރުކަމަށް ޢައްޔަނުކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމާއެކު، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަނޑިޔާރުން ޢައްޔަނުކުރުމެވެ.

އަދި ފަނޑިޔާރުން ޢައްޔަނު ކުރުމަށްފަހުފައި އެފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީއަށް ބާރުތަކެއް ލިއްބައިދީގެން މަތިކުރެވިފައިވާ މަސްއޫލިއްޔަތަކީ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމުގެ އިތުރުން އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިކަންތައްތައް އަދާކުރުމަށް ދެވިފައިވާ ޤާނޫނީ "ބާރަށް" ބާރޭ ކިޔުމަށްވުރެ މަސްއޫލިއްޔަތާއި ވާޖިބު ނުވަތަ ޒިންމާއޭ ބުނެވިއްޖެނަމަ، މައުޟޫއަށް އިންސާފުކުރަން ފަސޭހަވުމުގެ އިތުރުން، ދުސްތޫރީ މަޤްޞޫދު މަފްހޫމާއިވެސް އެއްގޮތްކަން ބޮޑުވެގެން ވާކަމަށް ޤަބޫލުކުރެވޭ ޙާލު ކުރިއަށް ދަމާ ހެއްޔެވެ!

ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދެވިގެންވުން

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި، "ފަނޑިޔާރުން މަޤާމުގައި ދެމިތިބުމާއި، މަޤާމުން ވަކިކުރުން" މި އަރިމަތީ ސުރުޙީގެދަށުން އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، "ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެނެއް ނުވާނެއެވެ." މި ފަދައިންނެވެ. އަދި އެގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި، "ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު" މި އަރިމަތީ ސުރުޚީގެ ދަށުން އެމާއްދާގެ (ނ) ގައި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދީ، "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުގެ އިތުރުން، ޤާނޫނު ނަމްބަރު 2010/13 "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު" 9 ވަނަ މާއްދާގައި "ފަނޑިޔާރަކު ނިންމި ނިންމުމާ މެދު ޖަވާބުދާރީ ނުކުރުވުން" މި އަރިމަތީ ސުރުޚީގެ ދަށުން ބަޔާންކޮށްފައި ވަނީ، "ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ޙުކުމަކާގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެއެވެ." މިފަދައިން ކަންވެސް ކަށަވަރެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި އަދި ފަނޑިޔާރުންގެ ޤާނޫނުގެ އިޖްމާލީ ޟިމްނީ މަޤްޞޫދު މަފްހޫމު (އިންޕްލިސިޓް އިންޕްލިފައިޑް) އިތުރުން، މަތީގައި ބަޔާންވެފައިވާ ވަކިވަކި މާއްދާތަކުގެ ޞަރީޙަ ނައްޞު (އެކްސްޕްލިސިޓް އެކްސްޕްރެޝަން) އިން އެނގި ހާމަވެ ބަޔާންވެގެންވާ ޤާނޫނީ ޙަޤީޤަތަކީ، ފަނޑިޔާރުންނަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި ކަނޑައެޅިފައިވާ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ނަގަހައްޓައި ދެމެހެއްޓުމުގެ މަތިވެރި ދުސްތޫރީ އަސާސް ތަންފީޒުކޮށް ވާޞިލުކޮށްދިނުމުގެ މަސްއޫލިއްޔަތު މަތިކުރެވިގެންވާ ފަރާތްތައްކަމާއި، އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ ފަނޑިޔާރުންނަކީ މިނިވަން މުސްތަޤިއްލު އަދި ނުފޫޒުން އެއްކިބާ ވެގެންވާ ފަރާތްތަކެއްކަން ކަށަވަރުކޮށްދެވިގެންކަމެވެ. ޤާނޫނު ނަމްބަރު 2010/13 "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު" 4 ވަނަ މާއްދާގައި "މިނިވަންކަމާއި މުސްތަޤިއްލުކަން" މި އަރިމަތީ ސުރުޚީގެ ދަށުން ބަޔާންކޮށް، އެމާއްދާގެ (ހ) ގައި، "ޢަދުލު އިންޞާފު ޤާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫނެވެ" މިހެން، އަދި (ށ) ގައި، "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ" މިހެން ބަޔާންކޮށްފައިވުމުންވެސް، ފަނޑިޔާރުންނަށް ޤާނޫނީގޮތުން ލިއްބައިދީފައިވާ މިނިވަންކަމާއި މުސްތަޤިއްލުކަން ހާމަވެގެން ދެއެވެ.

އަދުލު އިންސާފު ލިބިގެންދިއުމުގެ ދުސްތޫރީ، އިންސާނީ އަސާސީ، ޝަރުޢީ ލާޒިމީ އަދި ޤާނޫނީ މަޖްބުރީ ޙައްޤުވެސް ސުވާލުތައް އުފެދިގެން ނުދާނެ މިންވަރަށް ފުރިހަމައަށް ކަށަވަރުވެގެން ދާނީ، އެހެން އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މައްޗަށް ފޯރުވައިފާނެ ނުފޫޒު ނަފީކުރެވޭ ބީދައިން ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދެވިގެންނާއި، އަދިހަމަ ފަނޑިޔާރުންނަށް ލިއްބައިދީފައިވާ އިޚްތިޔާރާއި ބާރުތައް ބޭނުންކޮށް މަސްއޫލިއްޔަތު އަދާކުރުމުގައާއި، ފަނޑިޔާރުންގެ އުޅުމާއި ގުޅުމާއި ޢަމަލުތައްވެސް ޤާނޫނާއި ނުކިއްސަރު ބީދައަކަށްނުވެމެ އަދި ޢާންމު ޢުރުފާއިވެސް ޚިލާފުނުވާނެގޮތެއްގެ މަތިން ހުރެގެންކަމަށްވުމުން، އެ ދެކަމަށްވެސް ރިޢާޔަތްކުރެވިގެން ފަނޑިޔާރުންނާއި ގުޅުންހުރި ދުސްތުރީ ނުވަތަ ގާނޫނީ ޙައްޤުތަކާއި ހަޤާއިޤުތައް ކަށަވަރު ކުރެވިގެން ވާކަމީވެސް ދެބަސްނުވެވޭނެ މިންވަރަށް ފެންނާން ހުރި ޤާނޫނީ އިންތަކާއި މިންތަކެވެ.

ޖޭއެސްސީގެ ޤާނޫނީ ބާރު، އެކޮމިޝަންގެ ދުސްތޫރީ އިލްތިޒާމު ނަފީ ނުކުރެއެވެ

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށްނިންމުމުގެ މަސްއޫލިއްޔަތާއި "ބާރު"، ޤާނޫނު ނަމްބަރު 2008/10 " ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ށ) އިން އެކޮމިޝަނައް ލިއްބައިދީފައި ވަނީ، ފަނޑިޔާރުންގެ ކިބައިން އުފަންވެގެން އަންނަކަމެއްގެ ސަބަބުން ޢަދުލު އިންސާފަށް ހުރަސްއެޅި ނުވަތަ އިތުބާރު ގެއްލޭފަދަ ކަމެއް މެދުވެރިވެގެން ނުދާނެކަން ކަށަވަރު ކުރުމަށެވެ. އަދި ދުސްތޫރީ ނުވަތަ ގާނޫނީގޮތުން ޖޭއެސްސީއާއި މަތިކުރެވިފައިވާ މި މަސްއޫލިއްޔަތު އަދާކުރުމުގައި "ބާރު" ބޭނުންކުރެވެން ޖެހެނީވެސް އެހެނިހެން ޤާނޫނީ ޙަޤީޤަތްތަކާއި މަސްލަޙަތުތައް ނަފީކުރެވި ނެތިކޮށްލެވިގެން ނުދާނެ ފަދަގޮތަކަށް އެއްމިންގަނޑު އަނެއްމިންގަނޑަށް ފުށުނާރާނެ ބީދައިންނެވެ. ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނުންވެސް ފަނޑިޔާރުންނަށް ލިއްބައިދީފައިވާ ޙައްޤުތަކާއި ކަށަވަރުކުރުންތަކަށް އުނިކަމެއް ނާންނާނެ ބީދައިން، ޤާނޫނީ މަފްހޫމުން ބޭރުނުވެ ޤާނޫނުތަކުގެ މަޤްޞޫދާ ޚިލާފަށް ކަމެއް ޙާޞިލުކުރުމަކަށް ވެގެންނުދާނެ ފަދައިންނެވެ.

ފަނޑިޔާރެއްގެ ފުށުން އުފަންވެގެންދާ ތަޞައްރުފާތުތަކަކީ ނުވަތަ ޢަމަލަކީ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ޢަމަލެއް ކަމަށް ބެލެވި، ފަނޑިޔާރުން ތަބަޢާވާންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފަށް ކުރެވިގެންދިޔަ ކަމެއްކަމަށް ކަނޑައެޅެންޖެހޭނީވެސް، އެހެނިހެން އުޞޫލުތަކުގެ މައްޗަށް ގަދަވެ ނުވަތަ އަރައިގަނެވިގެން ނުދާނެ ހަމައަކުންނެވެ. މަޤާމުގެ ޙައިސިއްޔަތުން ނިންމާ ނިންމުމަކާއި ގުޅިގެން ނުވަތަ ޤާބިލުކަން ވަޒަންކުރުމުގެ ތަރާދުގައި ކިރޭ ހިނދު ފަނޑިޔާރުން ސުލޫކީވެއްޖެކަމަށް ކަނޑައެޅުމުގައި، އިންތިހާއަށް ޒިންމާދާރު ނުވެވި ނުހަނު އިޚްލާޞްތެރި ނުވެވިއްޖެނަމަ ޢަދުލު އިންސާފު ލިބިގެން ދިއުމުގެ ދުސްތޫރީ ޙައްޤު ކަށަވަރުވެގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެ އެކަމުގެ ދޮރު ބަންދުވެގެން ދިއުމީވެސް ދުރުގައިވާ ކަމެއް ނޫންކަން ކަށަވަރެވެ.

"ޤާނޫނާ ޚިލާފުވުން"، މުޠްލަޤަށް (އެބްޒޮލިޔުޓްކޮށް) "ސުލޫކީ" ނުވާނެއެވެ

ފަނޑިޔާރުން ކުރަށްވާ ޙުކުމްތަކާއި ނުވަތަ ނިންމަވާ ނިންމެވުންތަކުގެ ގޮތުގައި  އުފަންވާ ތަޞައްރުފާތެއް ސުލޫކީ ތަރާދުގައި ކިރާލެވޭ ހިނދު، ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާގެ މަޤާމުގެ މުއްދަތުގައި ތަބާވާން ޖެހޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުގެ 1 ވަނަ ނަމްބަރު، "ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން" މިހެން ބަޔާންކޮށް ކަނޑައަޅާފައިވާ ސްލޫކީ މިންގަނޑު އޭގެ އެންމެ ފުޅާ ޢާންމު މާނައިގައި، އެހެނިހެން ޤާނޫނީ ޙަޤީޤަތްތަކަށް ރީޢާޔަތްކުރެވުމެއް ނެތި ނުވަތަ އެކަންކަމަށް އަޅާލުމެއް ދެވުމަކާއިނުލައި މާނަކުރެވިއްޖެ ނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މުޅި ނިޒާމު އެއްކޮށް ގަޑުބަޑުވެ ފާލުން ނައްޓައިގެންގޮސް، އިޞްލާޙަށްވުރެބޮޑަށް ފަސާދައަށް ދޮރުހުޅުވިގެން ދާނެކަން ކަށަވަރެވެ. އެހެނީ އެފަދަ މޭރުމަކުން ނުވަތަ މަފްހޫމަކުން މާނަ ކޮށްފި ނަމަ، ދަށު ކޯޓަކުން ކުރާ ޙުކުމެއް މަތީ ކޯޓަކުން ބާޠިލުކުރެވޭ ކޮންމެ ފަހަރަކުމެ ދަށު ކޯޓުގެ ފަނޑިޔާރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ވީކަމަށް ޤާނޫނީ "ޙުއްޖިއްޔަތު" ލިބޭނެތީއެވެ. ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް މަތީ ކޯޓުން އިއްވާ ޙުކުމުގެ ޢިބާރާތުގައިވެސް، "ޝަރުޢީ އަދި ޤާނޫނީ ޙަމަތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި" މިފަދަ ޞަރީޙަ ބަސްމަގަކުން ބަޔާންކޮށް ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައި ވާނެ ހިނދު، ބުނެވިދިޔަ މޭރުމުން ޢަމަލުކުރެވިއްޖެނަމަ، "ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން" މި ސުލޫކީ މިންގަނޑާއި ދަށު ކޯޓުގެ ފަނޑިޔާރު ޙިލާފުވެވަޑައިގެންނެވީކަން ކަށަވަރު ވާނެ ހިނދުއެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ކަންކަން ކުރުމުގެ ސުލޫކީ މިންގަނޑަށް "ޙައްޤުމިންވަރު" ދެވިގެން ދާނީ، މި މިންގަނޑު މާނަކުރުމުގައި ޙާލަތުތައް ތަފާތުކޮށްގެންނެވެ. މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން، ޤާނޫނުތައް މާނަކުރުމާއި ވާޤިއުތަކަށް ޤާނޫނުތައް ތަރުތީބުކޮށް ތަންޒީލުކުރުމުގެތެރެއިން ނޫންގޮތަކަށް، ފަނޑިޔާރުގެ ފުށުން އުފަންވާ ޢަމަލަކަށް ނިސްބަތްކުރެވިގެން އެޢަމަލު ޤާނޫނީ ތަރާދުގައި ކިރާލެވޭ ހިނދު ޤާނޫނާއި ޚިލާފުވާ ޙާލަތުގައި މި ސުލޫކީ މިންގަނޑުގެ އެންމެ ފުޅާ ޢާންމު މަފްހޫމުގައި މާނަކުރުމުންނާއި، އަދި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާނޫނުތައް މާނަކުރުމާއި ޙާލަތައް ތަންޒީލުކުރުމުގައި ޤާނޫނު މާނަކުރަށްވައި ފަނޑިޔާރަކު ޙުކުމްކުރަށްވާ ގޮތަކާއި ނުވަތަ ނިންމަވާ ނިންމެވުމަކާ ގުޅިގެން މި ސުލޫކީ މިންގަނޑުގެ ތަރާދުގައި ފަނޑިޔާރުގެ ޢަމަލު ކިރާލެވޭ ޙާލަތެއްގައި ނަމަ، ތިލަފަތުގެ އެއްފަޅިއަށް މި ސުލޫކު އަދި އަނެއް ފަޅިއަށް "މިނިވަންކަމާއި މުސްތަޤިއްލުކަން" މި އަސާސު ލެވިގެން ކިރާލެވިގެންކަމީ ދުސްތޫރީ އިންސާފާއި ޤާނޫނީ ޢަދުލެވެ.

ދިވެހިރާއްޖޭގެ ދުސްތޫރާއި ޤާނޫނުތަކާއި، ޝަރުޢީ ނިޒާމު ނުވަތަ ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުވެސް އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސީ މުޠުލަޤު މަބްދައެއްކަމަށްވާ އިސްލާމް ދީނުގެ އަޞްލުތަކަށް ބަލާއިރުވެސް، އެޙަދީޘަކާއި އަދި އެޙަދީޘެއްގެ މަދްލޫލާ މެދު އުންމަތުގެ ޢިލްމުވެރިންގެ ޚިލާފެއް ނެތް ޙަދީޘް ބަސްފުޅެއްވެސް، އިންޞާފުކުރެވެމުން މިދާ މައުޟޫގައި އައިސްފައިވެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢަމްރު ބުނުލް ޢާޞްގެ ކިބައިން ރިވާވެގެން އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަދި ހަމަ އަލް އިމާމް މުސްލިމް އެކަލޭގެ ފާނުގެ ޞަޙީޙުގައި ނެރުއްވާފައިވާ ޙަދީޘެއްގައި ވަނީ: (إذا حكم الحاكم فاجتهد ثم أصاب فله أجران، وإذا حكم فاجتهد ثم أخطأ فله أجر) (ޙާކިމާ ޙުކުމްކުރަށްވާ ހިނދު އިޖްތިހާދުކުރަށްވައި ޙައްޤަށް ވާޞިލުވެވިއްޖެނަމަ، އޭނާއަށް ދެ ހެޔޮކަން ވެއެވެ. އަދި ޙުކުމްކުރަށްވާ ހިނދު އިޖްތިހާދުކުރެއްވުމަށްފަހުގައި ޙައްޤަށް ވާޞިލު ނުވެވުނު ނަމަވެސް، އޭނާއަށް އެއް ހެޔޮކަން ވެއެވެ). މި ޙަދީޘް ބަސްފުޅު ޝަރަޙަކުރެއްވުމުގައި އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން އިއްތިފާޤުވެލަށްވާ ގޮތުގައި، މި ޙަދީޘްގައި ޙާކިމު ނުވަތަ ޙުކުމްކުރާ މީހާގެ މުރާދުގައި، މަޤާމުގެ ޤާބިލުކަން ނުވަތަ އަހުލިއްޔަތު އެބަހީ އެމަޤާމަށް ބޭނުންވާ މިންވަރަށް ޢިލްމު ލިބިފައިވާ، ފަނޑިޔާރުން ނުވަތަ ޤާޟީން ހިމެނިވަޑައިގަންނަވައެވެ. ވީހިނދު، ފަނޑިޔާރުކަމަށް ޢައްޔަނު ކުރެވިފައިވަނީވެސް އެމަޤާމު އަދާކުރުމަށް ލާޒިމުވާ ޢިލްމާއި ތަޖުރިބާ ލިބިފައިވާކަން ކަށަވަރުކުރެވިގެންކަމަށް ވާއިރު، ފަނޑިޔާރަކަށް ބުރަވެވަޑައިގެންނެވޭ ރައުޔަކަށް ބިނާކުރަށްވައި ކުރަށްވާ ޙުކުމަކާއި ގުޅިގެން އެކަމުގެ މައްޗަށް އަދަބެއް ތަރުތީބުވެގެން ދިއުމަކީ އިސްލާމްދީނުގެ އަޞްލަކުން ސާބިތުވާ އުޞޫލަކާވެސް ޚިލާފް ކަމެކެވެ. އަދި ފަނޑިޔާރަކު އެބޭފުޅެއްގެ ވަޒަންކުރެއްވުމުން ގާނޫނުތައް ވަޒަންކުރެއްވުމަށްފަހުގައި އެބޭފުޅާގެ ރައުޔަށް ބިނާކޮށް ކުރަށްވާ ޙުކުމެއް ނުރަނގަޅު ޙުކުމަކަށް ވުމަކުން އެކަނި، އެ ފަނޑިޔާރެއްގެ އެނިންމެވުމާ ގުޅިގެން، ތައުދީބީ ނިންމުމެއް ތަރުތީބުވާނެ ސުލޫކީ މައްސަލައެއްކަމަށް އެކަން ކަނޑައެޅިގެން ދިއުމަކީ ޤާނޫނީ ހަމަތަކާއި ޝަރުޢީ މިންގަނޑުތަކާއިވެސް ޚިލާފުކަމެކެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ފަނޑިޔާރަކު ނިންމަވާ ނިންމެވުމެއް ނުރަނގަޅު ނަމަވެސް، އެނިންމެވުމަކަށް ބިނާކޮށް ފަނޑިޔާރުގެ އެ ޢަމަލަކީ ތައުދީބީ ނިންމުމެއް ތަރުތީބުވާނެ ސުލޫކީ މައްސަލައެއްކަމަށް ބެލެވިގެން ދާން ޖެހޭނީ އެ ނުރަނގަޅު ނިންމުން ނިންމިފައި ވަނީ ނުފޫޒުން އެއްކިބާވެފައިވާ ރައުޔަކަށް ބިނާކޮށްކަމަށް ނުވެމެ، އެހެނިހެން ނުފޫޒަކުންކަން ޤަބޫލުކުރެވޭ ޙާލަތުގައި އެކަންޏެވެ.

ފުރިހަމަ ޢިލްމާއި ހުނަރު "ނެތުން"، ހަމަވަގުތުން "ސުލޫކީ" ނުވާނެއެވެ!

ފަނޑިޔާރުންގެ މަގާމަށް ބޭނުންވާ ފުރިހަމަ ޢިލްމު ނުވަތަ ހުނަރު ނެތުމުގެ ސަބަބުން ނިންމެމުންދާ ނިންމެވުންތައް ތަކުރާރު ވެގެން ދިޔަ ނަމަވެސް، އެފަދަ ނިންމެވުންތަކާ ގުޅިގެންވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ޝަކުވާ ބަލައިގަނެވިގެން ތައުދީބީ އަދަބެއް ކަނޑައެއް ނޭޅޭނެއެވެ. "ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ށ) އިން، ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސްއޫލިއްޔަތު ޖޭއެސްސީ އާ މަތިކުރެވިފައި ވާއިރު، އެ އަކުރުގެ ކުރިއަށް އޮތް އަކުރާއި އަދި ފަހަތަށް އޮތް އަކުރުގެ 5 ވަނަ ނަމްބަރަށް ބެލުމުން އެނގިގެން ދަނީ، ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަކަށް ވާނީ ތައުދީބީ އަދަބެއް ކަނޑައެޅިދާނެ ސުލުކީ މައްސަލައަކަށްވުން ނޫންކަމެވެ. ތަރައްޤީ ކުރެވިގެން އިޞްލާޙު ކުރުމަށް ލާޒިމުކުރާ އިދާރީ މިންގަނޑަކުން އިރުޝާދު ދެވުން ނުވަތަ ފިޔަވަޅު އެޅުންކަމެވެ. އަދި މަޤާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުން ފަދަ ކަންކަން ބަރޯސާވާ ނަތީޖާއެއްކަމެވެ.

އަދިހަމަ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއިން އެކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ލިއްބައިދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭ، ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ހަމަ އެމާއްދާއިން ބާރުލިބިގެން އެކޮމިޝަނުން އެކުލަވާލާފައިވާ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމުގެ ޤަވާޢިދު" ، ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މާކްސްދިނުމުގެ ކްރައިޓީރިއާގެ 4 ވަނަ ބައިގައި، ފަނޑިޔާރުން ނިންމާ ނިންމުންތައް އިސްތިއުނާފުގެ މަރުޙަލާގައި ބަދަލުވާ މިންވަރަށް ބިނާކޮށް މާކްސްދިނުމަށް ކަނޑައެޅިފައިވާ ބައިގައި، އެފަނޑިޔާރެއްގެ ނިންމުންތަކުގެ %81 އަށްވުރެ ގިނަ ޢަދަދެއްގެ މައްސަލަތައް މަތީ މަރްޙަލާއިން ބަދަލު ނުވާނަމަ އެ ބައިންވެސް މާރކްސް ލިބިގެންދާއިރުއާއި، އެބަޔަށް އެއްވެސް މާރކްސްއެއް ނުލިބުނުނަމަވެސް، %75 އިންސައްތަ ޙާޞިލުކުރުމުގެ ފުރުޞަތު އެހެން ގޮތްގޮތުން ލިބިގެންދާ ހިނދުއާއި، ޖުމްލަ މާކްސް %50 އަށްވުރެ ދަށްނުވާނަމަ މަޤާމުގައި ދެމިހުރުމަށް އެއްވެސް ހުރަހެއް ނެތްހިނދުއާއި، %50 އަށްވުރެ ދަށްނަމަވެސް ނުކުންނަ ނަތީޖާއަކީ ޙަޤީޤީ ތައުދީބީ އަދަބެއް ނޫންކަމާއި، "މުސްކުޅި ކުރެއްވުން" ނުވަތަ އެހެން މަޤާމަކަށް ބަދަލުކުރެއްވުންކަން، އެ ޤަވާޢިދަށް ބެލުމުން އެނގެން އޮންނަ ހިނދުވެސްމެއެވެ.

ސުލޫކީ މިންގަނޑުތައް ތަފާތު ދަރަޖައެވެ. ނުކުންނަނީ ތަފާތު ނަތީޖާމެއެވެ.

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރެވޭ، ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުންނާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ)ގެ 2 ވަނަ ނަންބަރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން އެމައްޗަށް ޢަމަލު ކުރުމަށް ލާޒިމްކުރާ ސުލޫކީ މިންގަނޑުގެ މައިގަނޑު އިޖްމާލީ އަސާސީ ތިން މަޤްޞަދު ނުވަތަ ސަބަބުގެ ގޮތުގައި އޭގައި ބަޔާންކޮށްފައި ވަނީ، ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށާއި، ޝަރީޢަތްކުރުމުގައި ފަނޑިޔާރުން ޢަމަލު ކުރަންވާނީ ވަކި ފަރާތަކަށް ނުޖެހި ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ، ޒާތީ ތަޢައްޞުބުން އެއްކިބާވެ ތިބެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންކަމަށް ޤާނޫނުއަސާސީ ލާޒިމުކުރާ ހިނދުއާއި، ފަނޑިޔާރުން ރަސްމީ ޙައިޘިއްޔަތުންނާއި އަމިއްލަ ޙައިޘިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ހިންގާ ޙަރަކާތަކުން ނުވަތަ ދައްކާ ވާހަކައަކުންވިޔަސް ޝަރުޢީ ދާއިރާގެ މައްޗަށް ޢާންމުންގެ ހިތުގައި ޝައްކު އުފެދި، ޝަރުޢީ ދާއިރާގެ ޤަދަރާއި ހައިބަތާއި އިތުބާރު ގެއްލޭފަދަ އެންމެހައި ކަންކަމާއި ޢަމަލުތަކުން ދުރުހެލިވުމާއި، ހުރިހާ ވަގުތެއްގައިވެސް އަދި ހުރިހާ ހާލަތެއްގައިވެސް ޝަރުޢީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަކީ ލާޒިމުކަމަކަށްވާއިރު، ކޮންމެ ފަނޑިޔާރަކުމެ އެމީހެއްގެ ޢަމަލުތައް ބަހައްޓަންވާނީ އަޚްލާޤީގޮތުން މުޖުތަމަޢަށް ޤަބޫލުކުރެވޭ ފެންވަރުގައި ކަމަށް ވީހިނދުއާއި، މިނިވަން މުސްތަޤިއްލު ކޯޓެއްގައި އިންސާފުން ޝަރީޢަތް ކުރެވުމީ ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ޙައްޤަކަށްވެފައި، މިޙައްޤު ފުރިހަމައަށް ލިބިދިނުމައްޓަކައި ފަނޑިޔާރުންނަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަން މުސްތަޤިއްލު، އަދި އިންސާނީ ޙައްޤުތައް ދަމަހައްޓައި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅައި ހިފެހެއްޓުމަކީ ކޮންމެހެން ލާޒިމުކަމަކަށް ވީނދު، މިހެންނެވެ.

ބުނެދިޔަ މަޤްޞަދުތައް ޙާޞިލުކުރުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ 7 މިންގަނޑެކެވެ. މި 7 މިންގަނޑުން ކޮންމެ މިންގަނޑެއްގެވެސް މާނަ، އިޖްމާލީ ގޮތުން ބަޔާންކުރުމާއެކު، އެމިންގަނޑުގެ ތެރޭގައި ހިނެމޭ ކަންކަންވެސް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދީފައި ވެއެވެ.

މިނިވަންކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، އިންޓެގްރިޓީއާއި، ހިތްތިރިކަމާއި ރިވެތި އަޚްލާޤާއި، ހަމަހަމަކަމާއި، ހުނަރާއި ކުޅަދާނަކަމާއި އަދި ސިޔާސީ ޙަރަކާތުން އެއްކިބާވުމަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ 7 މިންގަނޑެވެ. މި 7 މިންގަނޑުވެސް ބަޔާންކޮށްދެއްވުމަށްފަހުގައި، އެއިން ކޮންމެ މިންގަނޑެއް ކަށަވަރުކުރުމަށް ޢަމަލު ކުރާނެގޮތްތައްވެސް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި، ކޮންމެ މިންގަނޑެއްގެ ދަށުންވެސް ތަފްޞީލު ކޮށްދީފައިވޭވެސް މެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ ސުލޫކީ މި މިންގަނޑުތައް ބަޔާންކޮށްދިނުމުގައި، މިންގަނޑު ބަޔާންކޮށްދިނުމަށްފަހުގައި، އެމިންގަނޑުގެ މުހިންމުކަމާއި އަހަންމިއްޔަކުކަން ދޭހަވެގެންދާނެ ބީދައިން، އަދިހަމަ އެފަދަ މިންގަނޑެއް ނަފީވެގެން ދިއުމުން ނުކުންނާނެ ނަތީޖާވެސް ދޭހަވަވެގެންދާނެ ބީދައިން، މިންގަނޑުތައް ބަޔާންކޮށްފައި ވާކަންވެސް ފާހަގަ ކުރެވެއެވެ. ވަކިފަރާތަކަށް ނުޖެހުމާއި، ހަމަހަމަކަމާއި، ސިޔާސީ ޙަރަކާތުން އެއްކިވާވުންފަދަ ސުލޫކީ މިންގަނޑުތައް ބަޔާންކުރުމުގައި، "ކޮންމެހެން ލާޒިމުކަމެކެވެ" މިހެން ބަޔާންކޮށްފައިވާއިރު، އެހެން މިންގަނޑެއް ބަޔާންކުރުމުގައި، "އިސްކަން ދޭންޖެހޭނެއެވެ" މި ފަދައިން ބަޔާންކޮށްފައި ވުމުންވެސް އެނގި ހާމެވެ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ކަށަވަރު ކުރުމުގައި ޖޭއެސްސީން އަޅުއްވަންޖެހޭ ހަމައެކަނި ފިޔަވަޅަކީ، އެފަދަ ކަމެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލިގެން ތައުދީބީ އަދަބެއް ދިނުން ނޫންކަމެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ 6 ވަނަ މިންގަނޑުކަމުގައިވާ، "ހުނަރާއި ކުޅަދާނަކަން" މި މިންގަނޑު ބަޔާންކޮށްދީ ބުނެފައި ވަނީ، "ޝަރީޢަތްކުރުމުގެ ހުނަރުވެރިކަމާއި ކުޅަދާނަކަމަކީ ފަނޑިޔާރުންގެ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ" މިހެންނެވެ. އަދި އެމިންގަނޑަށް ޢަމަލު ކުރާނެގޮތް ބަޔާންކޮށްދީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.2 ގައި ބަޔާންކޮށްފައި ވަނީ، "ކޮންމެ ފަނޑިޔާރަކުމެ އެމީހަކު ބެލުމަށް ޙަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތްކުރަން ވާނެއެވެ. މައްސަލަ ނިމުމާއެކު އެއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްވެސް އަވަހަށް ނިންމަން ވާނެއެވެ." މިހެންނެވެ. އަދިހަމަ، ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވުމުގެ އިތުރުން، " ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ށ) އިން، ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސްއޫލިއްޔަތު ޖޭއެސްސީއާ މަތިކުރެވިގެން އެމަސްއޫލިއްޔަތު އަދާކުރުމަށް ހެދިފައިވާ ޤަވާޢިދު ނަމްބަރ 2014/R-15  "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމުގެ ގަވާއިދު" ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މާކްސްދިނުމުގެ ކްރައިޓީރިއާގެ 1 ވަނަ ބައިގައި، "ފަނޑިޔާރުން މަޤާމުގެ ވާޖިބާ މަސްއޫލިއްޔަތު އަދާކުރާ މިންވަރު"، މި ކެޓަގަރީގެ ދަށުން މިންކުރެވި ވަޒަންކުރެވޭ މިންގަނޑަކީ، ސުލޫކީ މިންގަނޑުގެ 6.2 ގައިވެސް ބަޔާންކޮށްފައިވާ މިންގަނޑެވެ. ފަނޑިޔާރުންނާ ބަލަން ޙަވާލުކުރެވުނު މައްސަލަތައް ނިންމާފައިވާ މިންވަރަށް ރިޢާޔަތްކުރެވިގެން ޖުމްލަ %30 މާރކްސް އާއި ހަމައަށް މާރކްސް ދެވޭ މިންގަނޑެވެ. އެމިންގަނޑަށް ރިޢާޔަތްކުރެވިގެން މާރކްސް ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، އެފަނޑިޔާރަކާ ޙަވާލުކުރެވޭ ޖުމްލަ މައްސަލަތަކުގެ 30 އިންސައްތަ މައްސަލައަށްވުރެ މަދުން ނިންމާފައި ވީނަމަވެސް، މަޤާމުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރާ މިންވަރަށްވެސް 6 މާރކްސް ލިބޭހިނދުއާއި، އެބަޔަށް އެއްވެސް މާރކްސްއެއް ނުލިބުނުނަމަވެސް މަޤާމުގައި ދެމިހުރުމަށް ބޭނުންވާ އެންމެ ދަށް މިންވަރު، ޖުމްލަ މާކްސް، %50 މާރކްސް ލިބުމަށް ހުރަހެއް ނެތްހިނދުއާއި، %50 އަށްވުރެ ދަށްނަމަވެސް ނުކުންނަ ނަތީޖާއަކީ ޙަޤީޤީ ތައުދީބީ އަދަބެއް ނޫންކަމާއި، "މުސްކުޅި ކުރެއްވުން" ނުވަތަ އެހެން މަޤާމަކަށް ބަދަލުކުރެއްވުންކަން، އެ ޤަވާޢިދަށް ބެލުމުން އެނގެން އޮންނަ ހިނދު، ޤަބޫލުކުރަން މަޖްބޫރުވާ ޤާނޫނީ ޙަޤީޤަތަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ކޮންމެ ކަމަކީ، އެކަމުގެ ސަބަބުން ފަނޑިޔާރުންނާ ގުޅޭގޮތުން ސުލޫކީ މައްސަލަ ތާވަލުކުރެވި، އެ މައްސަ ބެލި، ތައުދީބީ ފިޔަވަޅުތައް އެޅެންޖެހޭ ކަންކަން ނޫންކަމެވެ.

ރައުޔު ތަފާތުވެ ޙުކުމް ނަފީވުމީ "ސުލޫކީ" ވުމެއް ނޫނެވެ.

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރެވޭ، ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުންނާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ)ގެ 2 ވަނަ ނަންބަރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން އެމައްޗަށް ޢަމަލު ކުރުމަށް ލާޒިމްކުރާ ސުލޫކީ މިންގަނޑުގެ އެއްވެސް މިންގަނޑެއްގެ ތަފްޞީލުގައިވެސް، ފަނޑިޔާރަކު ނިންމާ ނިންމެވުމަކާ ގުޅޭގޮތުން، އެނިންމުމެއް ނިންމަވާފައިވަނީ އެފަނޑިޔާރަކަށް ޤާނޫނޫ މާނަކުރެއްވޭ ގޮތުގެ މަތިން އެފަނޑިޔާރެއްގެ މިނިވަން ރައުޔަކަށް ބިނާކުރަށްވައިކަމަށް ވާނަމަ، އެނިންމެވުމަކީ އެހެން އެއްވެސް ފަރާތެއްގެ ރައުޔަކާ ޚިލާފު ނިންމެވުމަކަށް ވީނަމަވެސް، އެނިންމެވި ނިންމެވުމާ ގުޅިގެން އެފަނޑިޔާރަކު، ފަނޑިޔާރުންގެ ސުލޫކާއި ޚިލާފުވީކަމަށް ބެލެވިގެން މައްސަލައެއްގެ ގޮތުގައި އެކަންބެލިގެން ފިޔަވަޅު އެޅޭނެ އެއްވެސް ނުކުތާއެއް ނެތްކަން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ރަނގަޅަށްބަލައި، ގުޅުންގުރި އެންމެހައި ގާނޫނުތަކާއި ދުސްތުރީ މަފްހޫމުގައި ތަފްސީރުކޮށް މަފްހޫމު ނަގައިފިނަމަ ޝައްކެތް ނެތް މިންވަރަށް ކަށަވަރުވެގެން ދާނެއެވެ.

ވީހިނދު، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށައެޅޭ މައްސަލައެއްގައި އެފަނޑިޔާރަކު ޤާނޫނުތައް މާނަކުރަށްވައި އެފަނޑިޔާރެއްގެ މިނިވަން ރައުޔަކަށް ބިނާކޮށް ނިންމަވާ އެއްވެސް ނިންމެވުމަކާއި ގުޅިގެން، އެނިންމެވުމަކީ އެހެން ފަނޑިޔާރުން ނުވަތަ ވަކީލުން ނުވަތަ ޕީޖީ ނުވަތަ ޖޭއެސްސީގެ ރައުޔާއި، ނުވަތަ އިސްތިއުނާފީ ކޯޓަކުން ފަހުން ނިންމާ ނިންމުމަކާ ޚިލާފު ނިންމެވުމެއް ނަމަވެސް، ފަނޑިޔާރުގެ އެ ނިންމެވުމުގެ ސަބަބުން ސުލީކީވެގެން ދާންޖެހުމީ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ އަސާސީ މަބްދައެއްކަމަށްވާ އިސްތިއުނާފީ ޙައްޤުގެ ނިޒާމް ފުޑުފުނޑުވެ، މިނިވަން މުސްތަޤިއްލު ޖުޑީޝަރީއެއް ޤާއިމުވެގެންދިއުމުގެ ދޫސްތޫރީ ޙައްޤު ނެތިހިނގައިދާނެ ކަމެއްކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.

ތެދުތެދަށް ބުނަނީނަމަ، ޝަރުޢީ ދާއިރާގެ އަދުގެ ގިނަ ފަނޑިޔާރުން ތިއްބެވީ، "ގިނި ދުށް މީހާ ރަތްމަލަށް ބިރުގެންފައިވާ" ބީދައިން، ޖޭއެސްސީ ދެކެގަންނަވާ އަމަށަކު ބިރަކުން، ސުލޫކުން މިންޖުވާން ހައްދަވައިގެން ގޮސް މިނިވަންކަމާއި މުސްތަޤިއްލުކަމުގެ ޞުފޫފުން ނެއްޓި ދިއުމަށް "މަޖްބޫރުވެފައިކަން" ޚުދު އެފަނޑިޔާރުންމެ ބުނަމުން ދެއެވެ. ނިންމަވާ ނިންމެވުމަކާ ގުޅިގެން މީޑިއާތަކުން ހަދާލާ ސުރުޚީއެއް ވައިގައި ހިފާލައި ފަތުއަޑުކިޔަމުން ދާގޮތަކުން، އެ އޮއިވަރާ އެއްގޮތަށް ރައުޔު ދީލާލަން "މަޖްބޫރުވާ" ޙާލަތުގައެވެ.

ދުސްތޫރީ މަންޞޫޞް މަފްހޫމާއި، ޤާނޫނީ މަޤްޞޫދު މަދްލޫލުގެ ތަރާދުގައި ސުލޫކީ ތަފްޞީލު ތަޢުބީރު ކިރާލެވޭހިނދު ޙައްޤު މިންވަރަކަށް ވާނީ، ފަނޑިޔާރުންނަށް ކަށަވަރު ކޮށްދީފައިވާ މުސްތިޤިއްލުކަމާއި މިނިވަންކަމުގެ ޙުދޫދުގެ ތެރެއަށް އަރައިގަނެވިގެން ދާ ބީދައަކުން "ސުލޫކީ" ހިޔަނި އެޅިގެން ނުވާނެކަމެވެ. ފަނޑިޔާރުންގެ މުސްތިޤިއްލުކަމާއި މިނިވަންކަމުގެ ދާއިރާއާއި، ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކުގެ ދާއިރާ ސެޓް ލޭންގެއޭޖްގެ ބަހުރުވައިން ބުނެވިއްޖެނަމަ މަންޒަރު ތަޞައްވުރުކުރުމަށް ފަސޭހަވެދާނޭ ހީވާތީވެ ބުނެލަމެވެ.

ފަނޑިޔާރުން ނިންމަވާ ނިންމެވުންތަކާ ގުޅިގެން ސުލޫކީވާ ނިންމެވުންތަކަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަމުގެ ސެޓްގެ ތެރެއިން ނެގޭ ސަބްސެޓަކަށް ވެގެންނުވާނެއެވެ. ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަމުގެ ސެޓާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ސެޓު ފުށުއަރަނިވި ޙާލަތެއްގައި ނެގޭ އިންޓަރސެކްޓަކަށް، ސުލޫކީ މައްސަލަތައް ވެދާނެއެވެ. އެހެންނަމަވެސް، ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަން ކަށަވަރުކޮށްދޭން ޖެހޭ މިންވަރުގެ މައްޗަށް އަރައިގަނެވިގެން ނުދާނެ ބީދައިން، އަދިހަމަ އެމިންވަރުވެސް ސުލޫކީ މިންގަނޑުތައް ފަހަނައަޅައި ނުދާނެހެން، ކަށަވަރުކުރެވޭ ހަމައެއްގަ މަތިން ޙައްޤުމިންވަރު ފަނޑިޔާރުންނަށާއި ފަނޑިޔާރުންގެ ފުށުންވެސް ދެވެން އެބަޖެހޭ ނޫންހެއްޔެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *