މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށެވެ.
މިއަދާއި މިރޭ ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.
ވައިގަދަވެ ކަނޑުގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.