ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުގެ ބައްޕަ އެމަނިކުފާނަށް އަބަދުމެ ދެއްވާ ނަސޭހަތެއް އޮވެއެވެ؛ މީހުންނާ ދެކޮޅުވެރިނުވެ، ފިތުނަވެރިނުވެ ދިރިއުޅުމެވެ. ދިވެހިރާއްޖެފަދަ ސިޔާސީވެށި ފިތުނައާއި ފަސާދައާއި ފަނާކުރުވަނިވި ބަހުރުވައާއި މިނޫންވެސް އަހުލާގީގޮތުން ފޭރާން ދަށް ތަނެއްގެ ރައީސްކަން ކުރެއްވުމަކީ އެހާމެ ފަސޭހަ ކަމެއްނޫނެވެ. އެކަމަކު ރައީސްގެ ހިތްތިރިކަމާއި ކެތްތެރިކަމާއި ސިޔާސީ ތަނަވަސް ތަޖުރިބާގެ އަލީގައި ފާއިތުވި ދަތި އަހަރު ވެސް ވަނީ ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުމުގެ އެއްވެސް މަސައްކަތެއް ހުއްޓާލެއްވުމެއްނެތި ކުރިއަށް ގެންދަވާފައެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ ވަށާލާފައިވާ މާހައުލެއްގައެވެ. މާލީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ހާލަތުގައެވެ. ސިޔާސީ ވާދަވެރިންގެ ފާޑުކިއުމުގެ ތީރުތައް އަބަދު އަމާޒުވެފައިވާ ހިނދުވެސްމެއެވެ.
އިރުވަރު އޮންލައިންއިން ރެންޑަމްކޮށް ހިންގި ޕޯލެއްގެ ނަތީޖާ ދައްކާގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ލަސްކަމެއް ހުރިކަން ފާހަގަވިއަސް، ރައީސް ސޯލިހުގެ މަސައްކަތްޕުޅާމެދު ގިނަ މީހުން ޝައްކެއްނެތި އެއްބަސްވެއެވެ. އަދި ރައްޔިތުންނާމެދު އެމަނިކުފާނުގެ އުންމީދު އަބަދުވެސް އޮންނަކަމީ ހިތްހަމަ ޖެހޭ ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.
"އެންމެ މުހިއްމު ކަމަކީ ހަރުކަށި ބަސް ވިދާޅުނުވުން. ޖަދަލު ނުކުރެއްވުން. ސިޔާސީ ވެރިންނަށް ރައްދު ދެއްވުމުގައިވެސް މަޑުމައިތިރިކަން ޚިޔާރުކުރައްވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ކޮރޯނާ ވައިރަސްގެ ހާލަތުގައި ބޮޑެތި ގައުމުތަކުގެ ހާސްކަން އަދިވެސް ފިލާ ނުދާއިރު، ރާއްޖެއިން މިކަމުގައި ކުރާ މަސައްކަތްތަކަކީވެސް މުހިއްމު ފިލާވަޅެއް،" ސާވޭގައި ސުވާލުކުރެވުނު އެކަކު ބުނެފައިވެއެވެ.
ސާވޭގައި ސުވާލުކުރެވުނު ސިޔާސީ ދާއިރާގެ އިސްބޭފުޅަކު ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސީ ތަޖުރިބާ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިދާރީ ހިންގުމާއި ސިޔާސީ އަދި ހާރިޖީ ތަޖުރިބާ އެއްކޮށްލުމުން، ކަންކަމަށް ހައްލު ގެނައުމުގައި ތަފާތު އެޕްރޯޗެއް ފެންނަމުންދާކަމަށެވެ.
އޭނާގެ ޖަވާބު ތަފްސީލުކޮށްދިނީ މިހެންނެވެ؛ "ރައީސް ސޯލިހުއަކީ ތަޖުރިބާއިން ފުރިފައިވާ ބޭފުޅެއް. ދެން ކެބިނެޓުގެ އެންމެ މުހިއްމު އެއް ޕޯޓުފޯލިއޯ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއަކީ ވެސް ގިނަ ދާއިރާތަކުގެ ތަޖުރިބާއިން ފައްކާވެފައިވާ ބޭފުޅެއް. ރައީސް އާއި ޝާހިދު އެކުއެކީގައި މަސައްކަތްކުރައްވާތަން ގިނަގިނައިން ފެންނަކަމީ މިސްޓޭކު ނުހަދާ ސިޔާސީ ކުޅިބައި ރާވާލާނެކަން ކަށަވަރު ކަމެއް."
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ދާދި ފަހުން ވަނީ ރައީސް ސޯލިހުގެ ފުޅާ ތަޖުރިބާއާމެދު ވާހަކަ ދައްކަވާފައެވެ. ދިވެހިރާއްކޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް ބައިވެރިވެ ވަޑައިގެންނެވި ދުވަހު ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ޝާހިދުވަނީ ރައީސް ސޯލިހުގެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮ އަހުލާގާއި ގާބިލުކަމާމެދު ވެސް ބަސް ވިދާޅުވެފައެވެ.
އެއްވަނަ ވަޒީރު: ޢަބްދުﷲ ޝާހިދު
ސާވޭގައި ސުވާލުކުރެވުނު ގިނަ މީހުންގެ 90 އިންސައްތަ މީހުންގެ ނަޒަރުގައި ފާއިތުވި އަހަރުގެ އެންމެ ކާމިޔާބު ވަޒީރަކީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.
"މަސައްކަތުގެ ދާއިރާއިން ތަފާތު އެބަ ދައްކަވާ. ސަހުސިއްޔަތުގެ ވަރުގަދަކަން އެބަ ސާބިތުކޮށްދެއްވާ. ތަޖުރިބާއަކީ ކަންކަން ހެޔޮމަގުން ގެންދިއުމުގެ މުހިއްމު ވަސީލަތެއްކަން އެބަ ރަމްޒުކޮށްދެއްވާ. ސޯޝަލް މީޑިޔާ މެދުވެރިކޮށް ރައްޔިތުންނާ އަބަދުވެސް ހުންނަނީ ގުޅިފަ. ފާޑުކިއުން އަމާޒުވިއަސް، ފުންމަ ފުންމައިގެން ނުދޭ. ވަރަށް ތަފާތު،" ސާވޭއިން ފާހަގަވި މުހިއްމު ޖަވާބެކެވެ.
ވަޒީރުންގެ މަޖިލީހުން ދެވަނަ ހޯއްދެވީ ދިފާއީ ވަޒީރު އަލްއުސްތާޒު މާރިއާ އަހުމަދު ދީދީއެވެ. އެކަމަކާއާމެދުވެސް ގޯސް ތުހުމަތު ތަކެއް ނެތުމާއި ދިފާއީ ބާރުގެ ހައިބަތު ހިފަހައްޓަވައި ދެމެހެއްޓެވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި އާންމުން ފާހަގަ ކުރިއެވެ.
ގައުމީ މުހިއްމު ކޮންމެ ނިންމެއް ނިންމެވުމުގައި ރައީސް ގެންދަވަނީ ޝާހިދުގެ ލަފަޔާއި އިރުޝާދު ހޯއްދަވަމުންނެވެ. ދެބޭފުޅުން ވަކިން ބައްދަލުކުރައްވައި މުހިއްމު މަޢުލޫތަކުގައި މަޝްވަރާކުރެއްވުމަކީ ވަރަށް އާންމު ކަމެކެވެ. ސޯލިހުގެ ކާމިޔާބީގެ އެންމެ މުހިއްމު އެއް މޭސްތިރިއަކީ ޢަބްދުﷲ ޝާހިދުއެވެ. އެހެންވެ ސިޔާސީ ވާދަވެރިންގެ ފާޑުކިއުން ޝާހިދުއަށް އަމާޒުވާލެއް ބޮޑެވެ. އެހެންނަމަވެސް ދެ ބޭފުޅުން ވެސް ގެންދަވަނީ ތަފާތު ދައްކަވަމުންނެވެ.