ފަތުރުވެރިކަމުގެ ޞިނާޢަތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ޖީބަށް ޑޮލަރުގެ ބަދަލުގައި ދެން ވަދެގެންދާނީ "ޕައުންޑް" ކަމަށް ވިދާޅުވި ބަހުގެ މާނަ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ހަމަކޮށްދެއްވައިފި އެވެ.
"ޕައުންޑު" ގެ މާނަ އެމަނިކުފާނު ހާމަކޮށްދެއްވާފައި މިވަނީ، އައްޑޫސިޓީގައި އިއްޔެ ބޭއްވުނު ޙަފްލާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު "ޕައުންޑޭ" ވިދާޅުވުމުން އެއްބަޔަކަށް މާނައޮޅި އަދި އަނެއްބަޔަކު އެބަހަށް ހަޖޫޖަހަމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.
"އައްޑޫ ސިޓީއަށް ޓޫރިޒަމުން ވަންނާނީ ޕައުންޑޭ ބުނި ބަހުގެ މާނައީ، އައްޑޫ ސިޓީއަށް އެންމެ ބޯކޮށް އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިން ހިމެނޭނެކަމަށް ބެލެވޭ ވާހަކަ. ޝުކުރިއްޔާ" ޑރ. މަޢުޞޫމް ރޭގެ ވަގުތެއްގައި ކުރެއްވި މިޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Adducity ah tourism in vannaanee Poundey buni bahuge maana ee #AdduCity ah emme boakon anna fathuruveringe thereygai In'gireyseen himeneyne kamah belevey vaahaka. Shukuriyyaa.
— Abdulla Mausoom (@Mausoom_Maus) January 5, 2021
މަޝްހޫރު އަދި މަޤްބޫލު ޑައިވް ޕޮއިންޓެއްކަމަށްވާ "ބްރިޓިޝް ލޯޔަލިޓީ ޝިޕްރެކް" އަށް 75 އަހަރުފުރުން ފާހަގަކުރުމަށް އައްޑޫ ސިޓީގައި އިއްޔެ ބޭއްވުނު އިޙްތިފާލުގައި ވާހަކަދައްކަވަމުން، "އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ. އެހެން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތުންގެ ޖީބަށް އަޅުގަނޑު ދަންނަވާނީ ޕައުންޑް ވަންނާނެއޭ. އެއީ އަޅުގަނޑުމެން މިސްރާބު ޖަހާ ދިމާލަކީ،"، މިފަދައިން ޑރ. މަޢުޞޫމް ވިދާޅުވުމުން، އެއްބަޔަކަށް މާނައޮޅުމާއި އަނެއްބަޔަކު ހަޖޫޖަހަން ފެއްޓުމާއި އަދި ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރުގެ އެބަހަށް އަމާޒުވެގެން ދިޔަކަންވެސް ފާހަގަކޮށްލެވެއެވެ.