Ad
ވޮޝިންޓަނަށް ދިއުމަށް ޖެނާ އޭނާގެ އަމިއްލަ ޖެޓަށް އެރުމަށް ދަނީ-: ފޮޓޯ: ޖެނާ
ވޮޝިންޓަނަށް ދިއުމަށް ޖެނާ އޭނާގެ އަމިއްލަ ޖެޓަށް އެރުމަށް ދަނީ-: ފޮޓޯ: ޖެނާ

ހަމަނުޖެހުން ހިންގުމަށް ޓްރަމްޕްގެ ސަޕޯޓަރެއް ވޮޝިންޓަނަށް ދިޔައީ އަމިއްލަ ޖެޓްގައި

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެޤައުމުގެ ކޮންގްރެސް އިން ފައިނަލްކުރެވެމުން ދިޔަވަގުތާ ދިމާކޮށް ވޮޝިންޓަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށް ޓްރަމްޕްގެ ސަޕޯޓަރަކު އަމިއްލަ ޖެޓްގައި ޓެކްސަސްއިން ވޮޝިންޓަނަށް ދަތުރުކޮށްފިއެވެ.

ރިއަލް އެސްޓޭޓް މުޢާމަލާތްތަކުގައި މެދުވެރިއެއްގެ ވިޔަފާރިކުރަމުން އަންނަ ޖެނާ ކިޔުނު މިއަންހެން މީހާވަނީ، އޭނާގެ އެ ދަތުރު ފެށުމުގެ ކުރިންވެސް ޓްވިޓަރ އެކައުންޓްގައި އެކަން ހާމަކޮށް، އެދަތުރުކީ އިޙްތިޖާޖުގައި ބައިވެރިވުމަށް އޭނާ ކުރާ ދަތުރެއްކަމަށްވެސް ބުނެފައިވެއެވެ.

ޖެނާ އިތުރު އެހެން 4 އެކުވެރިންނާއެކު ދަތުރަށް ފެށުމަށް ގޮސް ރަންވޭމަތީގައި އޮތް އޭނާގެ އަމިއްލަ ޖެޓްގެ ކައިރީގައި ހުއްޓި ނަގާފައިވާ ފޮޓޯއެއް ޓްވިޓަރގައި ޢާންމުކުރުމަށްފަހު އެންމެ ފުރަތަމަ ބުނެފައި ވަނީ، ވެރިރަށް ވޮޝިންޓަން ޑީސީއަށް ދިއުމަށް ބޯޓަށް އަރަނީ ކަމަށެވެ. "އެމެރިކާ ސަލާމަތްކުރުމުގެ ހިނގާލުން" "އިންތިޚާބުގެ ވައްކަން ހުއްޓުވާ" ފަދަ ހޭޝްޓެގްތައްވެސް ޖެނާގެ މި ޓްވީޓުގައި ބޭނުންކޮށްފައި ވެއެވެ.

އޮންބޯޑު ކުރުމަށްފަހު އޭނާއާ އޭނާގެ ބައިވެރިން ޢާންމުކޮށްފައިވާ ކްލިޕްތަކުގައި، އެދަތުރުގެ ބޭނުމަކީ ސީދާ ކެޕިޓޯލް ހިލްއަށް ވަދެގަނެގެންގޮސް ވޯޓުގެ ނަތީޖާ ފައިނަލްކުރުން ހުއްޓުވުންކަމަށްވެސް ބުނެފައިވެއެވެ.

ކެޕިޓޯލް ހިލްއަށް މީހުންތައް ވަދެގަންނަން ދިޔައިރުވެސް އެކަމުގައި ބައިވެރިވެ ހިތްވަރުދީ އެމަންޒަރުތައް ފޭސްބުކްގައި ލައިވްކުރުމާއެކު، އެޢިމާރާތުގެ ތެރޭގައި ހުރެ އެތަނަށް ގެއްލުންދީފައިވާ ތަންތަން ފެންނަގޮތަށް ފޮޓޯތައްވެސް ޖެނާގެ ޓްވިޓަރ އެކައުންޓުން ޢާންމުކޮށްފައިވެއެވެ.

ޖެނާ ޓްވިޓަރގައި ޢާންމުކުރި ބައެއް ޕޯސްޓުތައް އަދިވެސް ހުރިއިރު، ފޭސްބުކްގައި ޖެހި ހުރިހާ ޕޯސްޓެއްވަނީ އެކުންފުނިން "ޑިލީޓް" ކޮށްފައެވެ.

އެމެރިކާގެ ދައުލަތުގެ އެންމެ މުހިންމު އެއް ޢިމާރާތްކަމުގައިވާ ކެޕިޓޯލް ހިލްއަށް ގެއްލުންދީ އެތަނުގެ ތެރެއަށް ވަދެގަތް މައްސަލާގައި އެކި ފަރާތްތައް މިހިނދުވެސް ހައްޔަރުކޮށް ދަޢުވާ އުފުލުމުގެ މަސައްކަތް އެޤައުމުގެ ސަރުކާރުން ކުރިއަށް ގެންދާއިރު، ބައެއް މީހުން ހޯދުމަށް ޢާންމުގެ އެހީތެރިކަމަށްވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެދިފައި ވެއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގެ ސަބަބެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރާ ރައީސް ޓްރަމްޕްވެސް އެންމެ ފަހުން މިއަދު ދެއްވި ވީޑިއޯ ޚިޠާބެއްގައި ވިދާޅުވެފައި ވަނީ، ކެޕިޓޯލް ހިލްއަށް ވަދެގަންނަން މަސައްކަތްކުރުމަކީ ޣައިރު ޤާނޫނީ ޖަރީމާއެއްކަމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *