Ad
ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކޮށްފައިވާ މަންޒަރާއި ރިޔާސީ ގަނޑުވަރު-: ފޮޓޯ: ރޮއިޓާރސް
ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކޮށްފައިވާ މަންޒަރާއި ރިޔާސީ ގަނޑުވަރު-: ފޮޓޯ: ރޮއިޓާރސް

އަމިއްލަ އެކައުންޓް ސަސްޕެންޑް ކުރުމުން "ޕޮޓަސް" އެކައުންޓުން ޓްރަމްޕް ކުރެއްވި ޓްވީޓުތައްވެސް ޓްވިޓަރ އިން ޑިލީޓް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ދާއިމީގޮތެއްގައި ޓްވިޓަރ އިން ސަސްޕެންޑް ކުރުމުން، އެމެރިކާގެ ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓް "ޕޮޓަސް" އިން ޓްރަމްޕް ކުރެއްވި ޓްވީޓުތައްވެސް ޓްވިޓަރ އިން ޑިލީޓްކޮށްފިއެވެ.

ޓްވިޓަރ އިން ޓްރަމްޕް އެއްކޮށް ސަސްޕެންޑް ކޮށްފައި މިވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖްލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން، ނަފްރަތާއި ހަމަނުޖެހުން އުފެދޭގޮތަށް ޓްވީޓުކުރަށްވަމުން ގެންދަވާތީވެ އެންމެ ފުރަތަމަ 12 ގަޑިއިރަށް އެ އެކައުންޓް ސަސްޕެންޑް ކުރުމަށްފަހުގައި އަލުން އެކްޓިވޭޓްކޮށްފައި ވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ.

ޓްރަމްޕްގެ ޕާރސަނަލް ޓްވިޓަރ އެކައުންޓް ސަސްޕެންޑްކުރުމުން އެކަމަށް އިޝާރާތްކުރަށްވައި، އެމެރިކާގެ ރައީސްގެ ރަސްމީ އެކައުންޓުން ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ޓްވިޓަރއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

"މީގެ ކުރިންވެސް ތަކުރާރުކޮށް އަހަރެން ބުނަމުން ދިޔަހެން، ޓްވިޓަރ އިން މިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން އިހުނަށްވުރެ ބޮޑަށް އިތުރުކޮށްފައި. މިރޭގެ ވަގުތެއްގައި ޓްވިޓަރގެ މުވައްޒަފުންވަނީ ޑިމޮކްރެޓުންނާ އެކު މަޝްވަރާކޮށް، އަހަރެންނާ އަދި އެމެރިކާގެ 75 މިލިއަން ބަތަލުންގެ އަޑު ކަނޑުވާލުމަށް، އެމީހުންގެ މަންސައިން އަހަރެންގެ އެކައުންޓް ސަސްޕެންޑްކޮށްފައި" އެމެރިކާގެ ރައީސްގެ ރަސްމީ ޓްވިޓަރ އަތްގަނޑުން ރާއްޖޭ ގަޑިން މިއަދުގެ ވަގުތެއްގައި ކުރެއްވި، މިހާރު ޑިލީޓް ކޮށްފައިވާ ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

 

"ޕޮޓަސް" އެކައުންޓުން ޓްރަންޕް ކުރެއްވި ޓްވިޓަރ އިން ޑިލީޓްކޮށްފައިވާ ޓްވީޓުތަކުގެ ސްކްރީން ފޮޓޯއެއް-: ފޮޓޯ: ފޮކްސް ނިއުސް

އެމެރިކާގެ ރިޔާސީ އިންތިކާބުގެ ނަތީޖާ ރަސްމީކޮށް ފައިނަލްކުރުމުގެ އެންމެފަހުގެ މަރްޙަލާގެ މަސައްކަތް އެޤައުމުގެ ކޮންގްރެސް އިން ކުރަމުން ގެންދިޔަ ވަގުތާއި ދިމާކޮށް ޓްރަމްޕް އެމަނިކުފާނުގެ އެތަކެއްހާސް ސަޕޯޓަރުންނާއެކު މަގަށް ނުކުންނަވައި އިޙްތިޖާޖުކޮށް ކެޕިޓޮލް ހިލް އަށް މަރްޗް ކުރުމަށް އިރުޝާދުދީފައި ވަނިކޮށް ބުދަ ދުވަހު ހިނގައިދިޔަ ދަށުދަރަޖައިގެ ނުރައްކާތެރި ހަމަނުޖެހުމާ ގުޅިގެން ޚުދު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ޤާނޫނުހަދާ މަޖްލީހުގެ މެމްބަރުންގެ ނުރުހުންތައްވެސް ޓްރަމްޕަށް އަމާޒުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *