"ކޮބާ، އޭރުވެސް ދިވެހިން ކިޔައެއްނު މިރުސް މީ ސަރުބީ އަންދާ އެއްޗެކޭ"
ސިޔާސީ ފަރާތްތަކުގެ އިތުރުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ މެދުގައިވެސް މަޝްހޫރު އަދި މަޤްބޫލް އިޖްތިމާޢީ މަންސައެއްކަމުގައިވާ ޓްވިޓަރ އަތްގަނޑުތައް ހާވަމުން ދަނިކޮށް ލޮލުގައި އަޅައިގަތް ލިޔުންކޮޅެކެވެ.
ސަބަބެއްވެސް އޮތުމުންނެވެ. އެލިޔުންކޮޅު ލިޔުއްވައި ހިއްސާކުރަށްވާފައިވަނީ ސަމާސާ ރާގަކަށްނަމަވެސް މީހުން ގަޔާވާ ބީދައިންް ޞިއްޙީ ގޮތުން އަގުހުރި މައުލޫމާތުތައް ފޯރުކޮށްދެއްވުމުގައި ޓްވިޓަރ އަށް ނުހަނު "ފަރިތަ" ޑޮކްޓަރެއްކަމަށްވާ، އައ.ިޖީ.އެމް.އެޗް.ގައި މަސައްކަތް ކުރަށްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިޞަލް ކުރަށްވާފައިވާ ޓްވީޓަކަށް ވުމުންވެސް މެއެވެ.
ކޮވިޑްގެ ފުރަބަންދާ ދިމާވެ، ގޭތެރޭގައާއި ރަށުބަންދުގައި ހުންނަން ޖެހިފައި ވުމުން ދެއަރިކަށީގައި ކުޑަކޮށް "ޓައިރެއް" އެލޭހެންވެސް ހީވާތީއާއެކު، "ސަރުބީ އަންދާ އެއްޗެއް" ގެ ވާހަކަ ޑޮކްޓަރަކު ލިޔެފައި އޮތުމުން އިތުރަށްް ބަލައި ނުލައި ހަމަ ސްކްރޯލްކުރުން ކުރިއަށް ނުގެންދެވުނީއެވެ.
"ރަތް ކުޅި މިރުސް ކެއުމުން، ހިތުގެ ބަލިތަކުގައި ނުވަތަ އެނޫންވެސް އެހެން ސަބަބުތަކުގައި، މަރުވުމުގެ ހިރާސް ދަށްކޮށްދޭކަން، ބޮޑު ދިރާސާއަކުން ހާމަވެއްޖެ"
ޞިއްޙަތާބެހޭ މުޢުތަބަރު ޚަބަރުތަކާއި ދިރާސާތައް ޢާންމުންނާ ހަމައަށް ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ "މެޑްސްކޭޕް" ގައި ޢާންމުކޮށްފައިވާ، ޑރ. ފައިޞަލްގެ ޓްވީޓާއެކު ޙިއްސާކުރަށްވާފައިވާ ލިޔުމެއްގެ ސުރުޚީގައި ބުނެފައިވެއެވެ.
ކޮބާ، އޭރުވެސް ދިވެހިން ކިޔައެއްނު މިރުސް މީ ސަރުބީ އަންދާ އެއްޗެކޭ https://t.co/uUcWwYE59G
— Ahmed Faisal (@Faisalnaifaru) January 10, 2021
ކަމުގެ މާހިރުން ކުރަށްވާފައިވާ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި، ޢާންމުގޮތެއްގައި ކުޅި މިރުސް ކެއުމަކީ، ހާރޓްއެޓެކް ފަދަ ހިތުގެ ބަލިތަކުގެ ސަބަބުންނާއި އަދި އެނޫންވެސް ހިތުގެ އެހެނިހެން ބަލިތަކުގެ ސަބަބުންވެސް، މަރުވުމުގެ ހިރާސް ޞިއްޙީގޮތުން ކުޑަކޮށްދޭ ކަމެކެވެ.
"އަހަރެމެންނަށް ފާހަގަވި، މެޑިޓެރޭނިއަން ޑައިޓްތަކާ ވަކިން، މިރުހަކީ ޞިއްޙީގޮތުން ފައިދާކުރަނިވި އެއްޗެއްކަން" އެދިރާސާ ހެއްދެވުމުގައި އިސްކޮށް އުޅުއްވި އިޓަލީގައި ހިތުގެ ބަލިތަކާގުޅޭ އިންސްޓިޓިއުޓެއްގައި މަސައްކަތް ކުރަށްވާ ޑރ. މާރިއާލައުރާ ވިދާޅުވެފައި ވެއެވެ.
ކުޅި މިރުސް ޢާންމުކޮށް ބޭނުންކުރުމަކީ، ހާރޓްއެޓެކް އާއި އަދި އެނޫންވެސް ހިތުގެ ބަލިތަކުގެ ސަބަބުން ކުއްލި މަރުވުމުގެ ހިރާސް ކުޑަކޮށްދޭ ކަމެއްކަމަށް ހާމަވާ މި ދިރާސާ، "ޖާނަލް އޮފް އެމެރިކަން ކޮލެޖް އޮފް ކާރޑިއޮލޮޖީ" ގައި ޝާއިޢުކޮށްފައިި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.