އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި މެރިން އާ ޓޮޓެންހަމް ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ޓޮޓެމްހަމްއިން ކާމިޔާބުކޮށްފިއެވެ.
މެރިންގެ ދަނޑުގައި ކުޅުނު މިމެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރީ 5-0 ލަނޑުންނެވެ. މިމެޗްގައި ޓޮޓެންހަމް އިން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެޓީމަށް ކުޅޭ ބްރެޒިލް ފޯވާޑް ކާލޮސް ވިނީޝިއަސް އެވެ. އޭނާ ވަނީ މެޗުގައި ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ޑެލޭ އަލީގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ވިނީޝިއަސް އެވެ. އަދި 30 ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ކާމިޔާބުކޮށްފައި ވާއިރު އޭގެ ދެމިނެޓު ފަހުން ލޫކަސް މޯރާ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ވިނީޝިއަސް ހެޓްރިކް ފުރިހަމަ ކުރި ލަނޑު ކާމިޔާބު ކުރީ 37 ވަނަ މިނެޓުގައެވެ.
މި މެޗްގައި ޓޮޓެމްގަމްގެ ކޯޗް މޮރީނިއޯ ވަނީ އުމުރުން އެންމެ 16 އަހަރުގެ އަލްފީ ޑެވީން އަށް މެޗުގައި ފުރުސަތު ދީފައެވެ. މެޗުގައި ޓޮޓެންހަމް އިން ޖެހި ފަހުލަނޑަކީ އުންމީދީ މިޑްފީލްޑަރު އަލްފީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިލަނޑާއެކު އޭނާވަނީ ޓޮޓެންހަމްގެ ތާރީހުގައިވެސް ރަސްމީ މުބާރާތެއްގައި އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިން އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ.