Ad
ފަލަސްތީނުގެ އެތަކެއް ސަތޭކަ ކުޑަކުދިންނެއް ޝަހީދުކޮށްލި އިޒްރޭލުގެ ޢުދުވާނުގައި ޖެހި ބަޑިތަކުގެ ވަޒަންދޯރި ތަކުން ކުޑަކުއްޖާ ކުރެހި ފަލަސްތީނުގެ ޗާޓް-: ފޮޓޯ: އުޚްތާ އާޔާ
ފަލަސްތީނުގެ އެތަކެއް ސަތޭކަ ކުޑަކުދިންނެއް ޝަހީދުކޮށްލި އިޒްރޭލުގެ ޢުދުވާނުގައި ޖެހި ބަޑިތަކުގެ ވަޒަންދޯރި ތަކުން ކުޑަކުއްޖާ ކުރެހި ފަލަސްތީނުގެ ޗާޓް-: ފޮޓޯ: އުޚްތާ އާޔާ

މަޢުޞޫމް ކުއްޖާގެ މަޣްޞޫބް ވަޠަނުގެ މާޔޫސްކުރުވަނިވި މަރްސޫމް

ސުރުޚީގައިވަނީ ޢާންމު ދިވެހިބަހާ ބީރައްޓެހި ޢަރަބި ލަފްޒުތަކަކަށް ވީތީވެ މަޢާފް ކުރަށްވާށެވެ. ސުރުޚީގައިވާ ބަސްތަކަކީ ޢަރަބި މަޞްދަރުތަކަކުން ފޮރޮޅާލެވިފައިވާ ލަފްޒުތަކަކަށް ވުމުން ލަފްޒުތަކުގެ މާނަ ސާފު ނުވިނަމަވެސް، ސުރުޚީ ކިޔާލުމަށްފަހުގައި ތަސްވީރަށް ބަލާލުމާއެކު އަލުން އަނބުރާ ސުރުޚީ ކިޔާލައިފި ނަމަ ލަފްޒުތަކުގެ ބަހަވީ ސީދާ މާނަ އަދި ނުއެނގުނަސް ޖުމްލައިގެ ފުރިހަމަ މާނަ އެނގިގެން ނުދާނެ އަޚެއް ނުވަތަ އުޚްތަކު ނުހުންނާނެކަމަށް ޤަބޫލުކުރެވުނު ހިނދު އެގޮތް އިޚްތިޔާރުކުރެވުނީއެވެ.

ޢަރިބި ފުޞްޙާ ނުވަތަ ހަގީގީ ޢަރަބި ބަސް އުފެދިގެން އައި ނަބިއްޔުންގެ އުފަން އަދި އެތަކެއް ނަބިއްޔުންނަކާއި ރަސޫލުންނެއްވެސް އެފަސްގަނޑެއްގައި ފަސްދާނަލެވިފައިވާ މުސްލިމުންގެ މުޤައްދަސް ބިމެއްކަމުގައިވާ ފަލަސްޠީނުގެ ވާހަކަ ކަމުގައިވާތީމެ އެގޮތަށް ސުރުޚީ އަޅާލުމަކީ "ކޯޑް އޮފް ކޮންޑަކްޓް" އާ ޚިލާފުކަމަކަށް ވެދާނެކަމަށް ޤާބޫލުނުކުރެވޭތީީވެސް މެއެވެ.

އެ ޙާދިޘާގެ ނަމުން މުޅި ސޫރަތަށްވެސް ނަންދެވިގެންވާ، އަދި ޢާލަމްތަކަށް ރަޙްމަތެއްގަކުގައި މެނުވީ ނުފޮނުއްވޭ މިއުންމަތުގެ ޙަބީބު މުޙައްމަދު މުޞްޠަފާއަށް ދެވުނު އެންމެ މަތިވެރި އެއް ޝަރަފާއި އަދި މުޢުޖިޒާތެއްކަމުގައިވާ "އިސްރާއާއި މިޢުރާޖު" ގެ ޙާދިޘާއަށް އިޝާރާތްކުރަށްވައި ހުސްޠާހިރުވަންތަ އިލާހު އެއިލާހުގެ ކަލާމްފުޅު ކީރިތި ޤުރުއާނުގައި، އަލްއިސްރާ ސޫރަތުގެ ފެށުމުގައި، އެންމެ ފުރަތަމަ އާޔަތުގައި ވަޙީކުރަށްވާފައިވާ ބަސްފުޅަށް އެކަނި ވިސްނާލެވުނުނަމަވެސް، ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ހިތްތަކުގައި ކިހާމަތިވެރިކަމެއް ދެވިގެންވާނެ ބިމެއްކަން އެނގިކަށަވަރު ވާނެއެވެ.

﴿سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ﴾. މާނައީ؛ (އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.)

ފަލަސްތީނުގެ ބިމުގައިވާ އަލް މަސްޖުދުލް އަޤްޞާއަށް ނިސްބަތްކުރަށްވައި، "އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ." މިފަދައިން މާތް ﷲ ވަޙީކުރަށްވާފައި ވުމުން، އެވަޙީ ބަސްފުޅުގެ މާނަ ނަފީވެގެންދާ ގޮތަށް ނުވަތަ ދޮގުކުރެވިގެންދާ ގޮތަށް ނިންމޭ ކޮންމެ ޤަރާރެއްނަމަވެސް "ވީޓޯ" ވާންޖެހޭނެއެވެ. އެހެނީ، "ތިމަން ރަސްކަލާނގެ ބަރަކާތްލެއްވި" މި ލަފްޒުގެ ތަފާތު މާނަތަކެއް ތަފްސިރު ޢިލްމުވެރިން ބަޔާންކުރަށްވާފައި ވީނަމަވެސް އެއިން އެއްވެސް މާނައަކުންވެސް، އަޤްޞާ މިސްކިތުގެ ވަށައިގެންވާ އެއްވެސް ތަނަކީ އެއިލާހަށް ކުފުރުވާ ޢަޤީދާތަކުގެ އަހުލުވެރިންނަށް އެއްވެސް ނަޞީބެއް ލިބިގެންވާ ތަނެއް ނޫންކަމާމެދު ކުޑަވެސް ޝައްކެތް ނެތެވެ.

އެހެންނަމަވެސް، މާތްﷲ ގެ ފަޟްލުވަންތަކަމުން އެއިލާހު ދެއްވި ރިޒްޤުގެ ސަބަބުން ތަނަވަސްވެ އެމެރިކާނުންނާއި ވިލާތުންވެސް ޖެހިލުންވާފަދަ ބައެއްގެ ގޮތުގައިމެ ވެވުމުގެ ފުރުޞަތުވެސް އިސްލާމީ ދައުލަތްތަކަށް މާތް ﷲ ތަނަވަސް ކޮށްދެއްވާފައި ވޭމެ އަދިހަމަ މުސްލިމުންގެ އާބާދީ ބިލިއަނަކަށްވުރެ އިތުރުވެސްމެއެވެ. އެކަމަކު، މުސްލިމު އުންމަތުގެ މުޤައްދަސު ބިމެއްގައި މުސްލިމު އަޚުންނާއި އުޚްތުންގެ މަޢުޞޫމު ލެއިން ކޯރުދެމެމުން ދާހިނދު އަތެއް ފަޔެއް ދުލެއް ޤަލަމެއް ހަރަކާތްކޮށްލަންވެސް ނުކުޅެދޭ ހާލަތުގައި އުންމަތް އޮތުން ނޫންގޮތެއް ނެތުމުގެ ސަބަބާ މެދު ވިސްނާލަމާ ހެއްޔެވެ.

ބޮލުގައި ފޮތިކޮޅެއް ބަނދެގެން އަތުން ދިދައެއް ހިފައިގެން އަޑުން ﷲ އަކުބަރު ކިޔަމުން ވަގްތުން ވަގްތަށް ތިމާގެ އަމިއްލަ މައިންބަފައިންނާއި އަނބިދަރީން "ހުވަފަތް" ކޮށް ނުވަތަ ނިކަމެތިކޮށްލުމަށްފަހުގައި ވަގުވަގަށް ބޯޑަރަކުން އެތެރެވެގެން "ޖިހާދަށް" ދާށޭ ބުނެވެނީ ނޫންކަމުގައި ދެކިގެން، އިފްސާދުގެ މަގަށް އަވަސްވެނުގަގެ ތަޢައްޞުބާއި ޢަޞަބިއްޔާތުން އެއްކިބާވެ ތިބެމެ އިޚްލާޞްގެ ނިޔަތަކުން އިޞްލާޙުގެ މަގާމެދު ވިސްނާލަމާހެއްޔެވެ.

އޮއިވަރު ބާރެވެ. މުސްތަޝްރިޤުންގެ ކަނޑަވަޅިތަކުގައި އިންތިހާއަށް ބާރަށް ބޭރު އޮޔެވެ. ފައުޖު ފައުޖަށް އެއުރެންގެ މުޖުތަމަޢުތަކުން އިސްލާމްދީނަށް މީސްތަކުން ވަންނަމުން ގެންދާތީއެވެ. އެއުރެން އަމިއްލައަށް ހަދަމުން ގެންދާ ދިރާސާތަކުގެ ނަތީޖާތައް އެއުރެން ސާފުކުރަމުން ގެންދާ ހިނދު، ކަކުލުގައި އުޅަނބޮށި ވިއްދައި ދެބުމަ ދޭތެރެ އަތްތިލައިގެ މެދުގެ ތެރެއަށް ލެވިގެންވާ ޙާލުގައި ތިބެން ޖެހުމުންނެވެ.

އެހެން ތިބެފައިމެ، ހިތުގެ ތެރޭގައި ރޯވެ އަނދަމުންދާ ހަސަދައިގެ ހުޅުގަނޑު ފަޅައިގެން ދިއުމުންމެ ތެދުވެ، ޝައިޠާނީ މޮޅު ބުއްދިކޮށް ގަތުމަށްފަހުގައި އިހުނަށްވުރެ ބޮޑެތި "މަންތަރު" ތަކާ އެކު ދުއްވައި ގަނެއެވެ. ބަސްތަ ބަސްތާއިން އޮއްސެމުންދާ ފައިސާއެވެ. ޖައްސަ ޖައްސައިގެން ޖެހެމުންދާ ފިތުނައިގެ މަޅިފަތިތަކެވެ.

އެމަޅިފަތުތަކުގެ ކަންވާރު ލޮލަށް ނުފެންނަވަރަށް ހިމަ ނަމަވެސް އިސްލާމް ދީނުގެ ސާފު ސީދާ ޢަޤީދާގެ މަތީގައި ތިބޭ ހިތްތަކަށް އެކަންވާރު ފެންނާނެއެވެ. ކެތްތެރިވާށެވެ. ޙިކުމަތްތެރިވާށެވެ. އަވަސްވެ ނުގަންނާށެވެ. ނަޞްރަކީ ﷲ ގެ ޙަޞްރަތުން އަންނަ އެއްޗެކެވެ. ދުނިޔެއަކީ އިންތިޙާނުގެ ގޮވައްޗެވެ.

ނޫހުގެފާނު 950 އަހަރުދުވަހުގެ ދިގުމުއްދަތަށް ޙައްޤު ގޮތްތައް ބަޔާންކޮށްދެއްވުމުގައި މުޢުޖިޒާތްތަކާއެކުމެ ދެމިހުންނެވި ހިނދުވެސް މަދު ބަޔަކުމެނުވީ އެކަލޭގެފާނަކަށް އީމާންނުވެއެވެ. އެންމެފަހުގެ އުންމަތް މުޙައްމަދުގެ ފާނުގެ މިއުންމަތުގެ އިސްލާމީ ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި މަދީނާ ވެގެންދިޔައީ ޙައްޖު މޫސުމުގައި މަދީނާއިން މައްކާއަށް އައި ޔަޘްރިބު (މަދީނާ) ގެ ހައެއްކަ ރައްޔިތުންނަށް އިސްލާމްދީނުގެ ދައުވަތު ދެވިގެން އެބޭކަލުން އިސްލާމްވެ ވަޑައިގެންނެވެ.

ޔަހޫދީން އެންމެ ޒަމާނީ ހަތިޔާރުތަކާއެކު ފަލަސްތީނުގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައި މެޔަށް ބަޑިޖަހައި ޝަހީދުކޮށްލަމުން ދާއިރުވެސް، އެއާބާދީ ނެތިކޮށްލެވޭ ހެއްޔެވެ. ފާޑުފާޑުގެ ވެކްސިނާއި ބޭހުގެ ނަމުގައި ފަލަސްތީނުގެ އުޚްތުން ދަރިމައިނުވާ ގޮތްހެދުމަށް އިޒްރޭލުގެ ޔަހޫދީން މަސައްކަތް ކުރިނަމަވެސް އެކަން އެބަ ވޭހެއްޔެވެ. ދަނޑުބިންތައް ސުންނާފަތި ކުރިނަމަވެސް ފަލަސްތީނުގެ އަލުން ހެއްދޭ ދަނޑުތަކުން ގޮވާންކެނޑި މޭވާ ނުލިބޭ ހެއްޔެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި ޞިއްހީ ވަޞީލަތްތަކާހެދި ނުކުޅެދޭ ވަރުވެގެން މީގެ ކުރިން އުޅުނު ޔޫރަޕްގެ ބޮޑެތި ބާރުތައްވެސް ކުޑަކުޑަ މަޚްލޫޤަކާހެދި ކުޑަކަކޫ މައްޗަށް ތިރި ނުވޭހެއްޔެވެ. ވެކްސިނެއް ބޭސްގުޅައެއް ނެތް ހާލަތުގައިވެސް ކޮށްޓެއް ފަދައިން ޣާޒާގައި ބަންދުވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ކޮވިޑްގެ ނޭދެވޭ ނަތީޖާ ކުޑަވެގެން ގޮސްފައިވެ، 30 ޑޮލަރަށް ޑޯޒެއްގެ މަގުން އަގުބޮޑުކޮށް ފައިޒާ ވެކްސިން ގަނެގެން މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ، އާބާދީގެ އެންމެ ގިނަ މީހުންނަށް ކޮވިޑް19 ވެކްސިން ދިންނަމަވެސް އެވެކްސިން ދިން އެތައް ބަޔަކުމެ ކޮވިޑް19 ބަލީގައި މަރުވެގެން ނުދޭހެއްޔެވެ.

އިސްވެދިޔަ ކޮންމެ ސުވާލަކާމެދުވެސް ވިސްނާލައި ރަނގަޅު ޖަވާބަށް ވާޞިލުވެވިއްޖެ ނަމަ އެނގި ކަށަވަރު ވެގެންދާނީ ޚާލިޤުލް ކާއިނާތު އަކީ އެއްކައުވަންތަ ﷲ ކަމެވެ. އަދި އެންމެހައި އެބްސޮލިއުޓް ބާރެއް ލިބިގެންވާ ހަމައެކަނި "ސުޕަރ ޕަވަރަކީ" ވެސް އެމެރިކާ ނުވަތަ ޗައިނާ އަދިހަމަ ރަޝިއާ ނޫނީ އިނގިރޭސި ވިލާތެއްވެސް ނޫންކަމެވެ. އެހެންނަމަވެސް، މިރުޞާދުގައި ބައްލަވައި ވޮޑިގެންވާ އިލާހެވެ.

ތުއްތު އިރުގައި ކުރިމަތީގައި، 547 ކުޑަކުދިން ހިމެނިގެން 2300 އަށްވުރެ ގިނަ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށްލި އިޒްރޭލުގެ ޢުދުވާނު ހިނގައިދިޔުމުން ގޭދޮށުން ހޮވައިގެން އެއްކޮށްފައިވާ ވަޒަން ދޯރިތަކުން އަމިއްލަ ވަޠަނުގެ ޗާޓު، އެވަޠަނުގެ ދިފާޢުގައި ޝަހީދުވެގެން ދިޔަ އަބުތޯލެއްގެ ބޮލުގައި އެޅުމަށް ބޭނުންކުރި ފޮތިގަނޑުގެ މަތީގައި "ކުރަހައިގެން" ކުރިމަތީގައި ބައިންދައިގެން އިނދެ ވިސްނަމުން އެދަނީ އަންނަނިވި އާޔަތުގައިވާ މާތް ﷲ ގެ ނަޞްރާމެދުކަން ކަށަވަރު ނޫންހެއްޔެވެ.

﴿أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾. މާނައީ: (ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حال ތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. رسول އާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمان ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ.)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *