Ad

ސާޅީސް އަށެއްގެ ނޫނު (1)

ކުށެއްގެ ތުހުމަތުގައި، މީހެއްގެ މައްޗަށް ވަރަށް ބޮޑަށް ޝައްކުކުރެވޭނެ ފަދަ ހެކި ހުރެގެން ތަހުގީގުގައި މީހަކާ ސުވާލުކުރަން ފެށުމާ އެކު، ތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނޫނޭ ބުނެ، ތަހުޤީޤަށް އެއްބާރުލުން ނުދޭ ހާލަތަކީ އަދު ދިވެހި މި މުޖުތަމަޢުގެ ޢާއްމު ޙާލަތެވެ. މިފަދަ ހާލަތްތަކުގައި އޭނާގެ ހަނުހުރުން މާނަކުރުމުގައި ވަނީ ގިނަގުނަ އޮޅުބޮޅުންތަކެއް އަރާފައެވެ. މިއީ ތުހުމަތުކުރެވޭ މީހާއާއި ދެކޮޅަށް ބޭނުންކުރެވޭ ހެއްކެއް ކަމަށް އެއް ބަޔަކު މާނަކުރާއިރު އަނެއް ބަޔަކު ބުނަނީ ކުށެއް ކޮށްފައިވާ ހާލަތުގައި ވެސް ތިމާއާ ދެކޮޅަށް ޝަރީއަތުގައި ބޭނުންކުރެވިދާނެ ފަދަ ބަޔާނެއް ނުދިނުމަކީ އެއީ ޤާނޫނީ ގޮތުން ލިބިދީފައިވާ ފަރުދީ ޙަައްގެއް ކަމަށެވެ.

އަދުގެ ޙަޤީޤަތަކީ ބައެއް ގާނޫނުތަކުން އެ ހައްގުތައް އެކި މިންވަރަށް ބަޔާންކޮށްފައި ވިޔަސް ޖުމްލަ ގޮތެއްގައި ބަލާއިރު ހަނުހުރުމުގެ ހައްޤު އެއްވެސް އިމެއް ނެތި ދޫކޮށްލާފައި އޮތްކަމަށް ތަރުޖަމާކޮށް ހަނުހުރުމުގެ ހައްގަކީ ކުށްކުރާ މީހުންނަށް ސަލަމާތް ވާންއޮތް ފުޅާ މަގަކަށް ވެފައި އޮތުމެވެ.  އެހެންކަމުން، އެކި އިންތަކަށް ތަރުޖަމާކުރުމުގެ ބަދަލުގައި، އެޙައްޤާއި ގުޅޭ ސާފު މައުލޫމާތު ދިވެހި ކޮންމެ ފަރުދަކަށް ވެސް އޮޅުބޮޅުން ނުވާ ބީދައަކުން އެނގެން އެބަޖެހެއެވެ.

ހަނުހުރުމުގެ ޙައްޤު ފެށިގެންއައި ގޮތް

ހަނު ހުރުމުގެ ޙައްޤަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްކުރުމާ ދެކޮޅަށް (ތިމާއަކީ ކުށްވެރިއެކޭ ބުނުމާ ދެކޮޅަށް) އެއްވެސް ބަޔާނެއް ނުދިނުމަށް، ޤާނޫނުން އެމީހަކަށް ލިބިދީފައި އޮންނަ ޙައްޤެކެވެ. އެއީ ކުށުގެ ޢަމަލުތައް ތަޙުޤީޤުކުރާ ބާރުތަކުން އެމީހުންގެ އެބާރު ނަހަމަ ގޮތުގައި ތުހުމަތުގައިވާ މީހާއާމެދު ބޭނުން ކުރުމުން އެމީހާގެ ނަފުސު ރައްކާތެރިކޮށްދިނުމަށް އޮންނަ ޙައްޤެކެވެ. ހަނު ހުރުމުގެ ޙައްޤާއި، ކޮންމެ މީހަކީވެސް އެމީހެއްގެ މައްޗަށް ކުށެއް ސާބިތު ކޮށްދީފުމަށް ދާންދެން ބަރީއަ މީހެއްކަމަށް ބެލުމުގެ ޙައްޤާއި މިއީ އޮޅުވާލައިގެން ނުވާނެ ދެޙައްޤެކެވެ. ނަމަވެސް މިދެޙައްޤުވެސް ދައުރުވަމުންދާނީ އެކުއެކީގައެވެ.
ހަނު ހުރުމުގެ ޙައްޤަކީ އިސްލާމީ ޝަރުޢީ ނިޒާމުގައި ފެންނަން އޮތް ހައްޤެއް ކަމުގައި ބައެއް މުސްލިމު ޢިލްމުވެރިން ވިދާޅުވިނަމަވެސް ވިޔަސް އެއީ އެބޭފުޅުންގެ ނަޒަރުގައިވެސް މުޠްލަޤް ކޮށް ދޫކޮށްލެވި ފައިވާ ޙައްޤެއް ނޫނެވެ. މިއާއި ޚިލާފަށް، އިގިރޭސިވިލާތުގެ ކޮމަންލޯ (common law) ގައި އައިސްފައިވާ، ހަނު ހުރުމުގެ ޙައްޤު ނުވަތަ ރައިޓް ޓު ރިމެއިން ސައިލެންޓް (right to remain silent) އަކީ އިންސާނާއަށް ދީފައިވާ އަސާސީ ވިރާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. މިޙައްޤު އެންމެ ފުރަތަމަ ޤަބޫލު ކުރަންފެށީ، ތުހުމަތު ކުރެވޭ މީހުންނަށް، ތަހުޤީޤު ކުރާ ފަރާތްތަކުން ދޭ ގަދަފަދަ އަނިޔާގެ ސަބަބުންނާއި، ހިމޭނުން ހަނު ހުންނަ ހުރުމުގެ ސަބަބުން ތުހުމަތު ކުރެވޭމީހުން އެހުންނަ ހަނުހުރުމުގެ މައްޗަށް ބިނާކޮށް އެމީހުންގެ މައްޗަށް ކުށްތައް ސާބިތު ކުރަމުންދާތީ، އެކަން ހުއްޓުވުމުގެ ގޮތުންނެވެ. މިގޮތުން، މިޙައްޤު ފުރަތަމަ ބޭނުންކުރަމުން ދިޔައީ މުޠްލަޤް ޙައްޤެއް ނުވަތަ އެބްޒޮލިއުޓް ރައިޓް (absolute right) އެއްގެ ގޮތުގައެވެ. މާނައަކީ، ކުށެއްގެ ތުހުމަތުގައި ތަޙުޤީޤަށް ޙާޟިރު ކުރެވޭ މީހާއަށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާބެހޭ ގޮތުން އޭނާގެ އަމިއްލަ ނަފުސު ކުއްވެރިވެދާނެފަދަ އެއްވެސް ބަހެއް ނުބުނެ ހުރުމުގެ ޙައްޤު އެބައޮތެވެ. މިޙައްޤަކީ ފުރިހަމަ ޙައްޤަކަށްވުމުން، މިޙައްޤުގެ ބޭނުން ކުރުމާއި ހިސާބުންފެށިގެން ދެން ތަޙުޤީޤުކުރާ ފަރާތަށް އެހެން ހަކި ހޯދުން ފިޔަވައި އިތުރަށް ކުރެވޭނެ ކަމެއް ނޯވެއެވެ.
އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރެއިން ބަލާއިރު، މުސްލިމު ބައެއް ޢިލްމުވެރިންްގެ ނަޒަރުގައި ހަނުހުރުމުގެ ޙައްޤަކީ އިސްލާމީ ޝަރީޢަތާއި ފުށުއަރާ އަދި ގައިގޯޅި އެއްޗެއް ނޫނެވެ. މިގޮތުން، ޑރ. މަންސޫރު އާލަމް ވިދާޅުވެފައިވަނީ އެމެރިކާގެ ޤާނޫނު އަސާސީގެ ފިފްތް އެމެންްޑްމެންޓުން (ފަސްވަނަ އިސްލާޙް) ލިބިދޭ ސެލްފް އިންކްރިމިނޭޝަން އިން ނުވަތަ އަމިއްލަޔަށް ކުށްވެރިވުމުން ސަލާމަތްވުމަށްޓަކައި ތަޙުޤީޤުގައި ހަނުހުރުމުގެ ޙައްޤު އެއީ ޤުރުއާނުން ވާރިދުވެގެން އައިސްފައިވާ އެއްޗެއް ނޫންކަމަށެވެ. މަންސޫރު އާލަމްގެ ރައުޔަކީ މުސްލިމެއް ތަޙުޤީޤުގައި ބަޔާންދިނުން އަމިއްލަޔަށް ކުށްވެރިވާ ޙާލަތުގައި ވެސް އެއީ ﷲޡ ގެ ވަޖުޙުފުޅަށްޓަކައި ކުރާކަމެއްކަމަށް ވީހިނދު ލާޒިމުވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَ‌بِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرً‌ا فَاللَّـهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِ‌ضُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرً‌ا}. (سورة النساء: 135) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." އަދި މިކަމަށް ބާރުލިބޭ އަނެއް ހެއްކަކީ، ސީދާ ރަސޫލުﷲ ޛ ވެސް ޤާނޫނަށްވުރެ މަތި ނޫންކަން ޤުރުއާނުގައި ބަޔާންވެފައިވުމެވެ. ﷲ ވަޙީކުރައްވާފައިވަނީ: {قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَ‌بِّي عَذَابَ يَوْمٍ عَظِيمٍ} (سورة الأنعام: 6). މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ."
ނަމަވެސް ފަހުގެ ބައެއް މުސްލިމް ޢިލްމުވެރިންގެ އަރިހުގައި ހަނުހުރުމުގެ ޙައްޤަކީ އިސްލާމީ ޝަރީއަތުގައިވެސް އެކުލެވިގެންވާ ބައެކެވެ. މިގޮތުން ބަލާއިރު، މިސްރުގެ ސުޕްރީމް ކޮންސިޓިޓުޝަނަލް ކޯޓުގެ ޑެޕިއުޓީ ޗީފް އޮފް ޖަސްޓިސް ޕްރޮފެސަރ އޮފް ލޯ ޑރ. އާދިލް ޢުމަރު ޝަރީފް ވިދާޅުވެފައިވަނީ ގަދަކަމުން ތަޙްޤީޤު ބަޔާން ނެގުމާއި ތަހުޤީޤުގައި ހަނު ހުރުމަކީ ތުހުމަތުކުރެވޭ މީހާގެ ޙައްޤެއްކަމުގައާއި، އަދި މި ޙައްޤަކީ އިސްލާމީ ޝަރީޢަތުގައި އެމީހަކަށް ލިބިދެވޭ އަސާސީ ޙައްޤެއްކަމުގައެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައިވެސް ޕްރިޒަމްޝަން އޮފް އިނޮސެންސް (presumption of innocence) ނުވަތަ ކޮަންމެ އިންސާނަކާމެދުވެސް ދެކެމުންއަންނަ ކުށުން ބަރީއަ މީހެއްކަމުގައި ބެލުމުގެ ޙައްޤު (އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު) ލިބިދެވިފައިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: { لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرً‌ا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ ﴿-﴾ لَّوْلَا جَاءُوا عَلَيْهِ بِأَرْ‌بَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ } (سورة النور: 12-13). މާނައީ: " އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ މައްޗަށް އެއުރެން ހަތަރު ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ.

*ނުނިމޭ*

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *