Ad
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލިންނާއި ދެކުނުބުރީ ތިނަދޫއިން ދެއްވަދޫއަށް އެހީފޮނުވެނީ-: ފޮޓޯ: ހަވަރު ސްޕޯރޓްސް/އަތޮޅު ކައުންސިލް
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލިންނާއި ދެކުނުބުރީ ތިނަދޫއިން ދެއްވަދޫއަށް އެހީފޮނުވެނީ-: ފޮޓޯ: ހަވަރު ސްޕޯރޓްސް/އަތޮޅު ކައުންސިލް

ދެއްވަދޫ ރައްޔިތުންނަށްޓަކައި ހުވަދޫ ރައްޔިތުންގެ މުށްތައް ހުޅުވާލެވި އަތްތައް ދިއްކޮށްލެވިއްޖެ

ގއ. ދެއްވަދޫ އިން ގިނަ ބަޔަކު ކޮވިޑް19 އަށް ފައްސިވެ އެތަކެއް ގެތަކެއް ކަރަންޓީނުކުރެވި މުޅިރަށް ލޮކްޑައުންއަކަށް ދާންޖެހުމާ ގުޅިގެން ދެއްވަދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތިއުނދަގޫ ވަގުތުގައި ހުވަދުއަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންގެ މުށްތައް ދެއްވަދޫ ރައްޔިތުންނަށްޓަކައި ހުޅުވާލެވި އެހީތެރިކަމުގެ އަތްތައް ދިއްކޮށްލެވިއްޖެއެވެ.

އިއްޔަގެ ވަގުތެއްގައި މީޑިއާއިން ފެނިގެންދިޔައީ ދެއްވަދޫ އިން ކަނޑުމަހާއި ބޯފެން ހުސްވެގެން ދިއުމުގެ ބިރު ހީވި ޚަބަރެވެ. މިއަދުގެ އިރު އޮއްސެމުންދާއިރު މީސްމީޑިއާއިން ފެންނަމުންދަނީ، ދެއްވަދޫގެ ރައްޔިތުންނަށްޓަކައި ހުވަދު އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ ދީލަތިކަމާއި އޯގާތެރިކަމާއި އަޅާލުން ދައްކަމުން ގެންދާ، ހިތްތަކަށް ފިނިކަން ގެނެސްދޭނެ މަންޒަރެވެ.

ގއ. އަތޮޅު ކައުންސިލްގެ ލޯންޗްގައި ދެއްވަދޫއަށް ބޮފެން ގެންދިއުމަށް ތައްޔާރުވަނީ-: ފޮޓޯ: އަތޮޅު ކައުންސިލް

"ދެއްވަދޫއިން ބޯފެން ހުސްވެފައިވާތީ މިވަގުތަށް ބޭނުންވާ (100 ކޭސް) ގެ ފެން އަތޮޅުކައުންސިލްގެ އެހީތެރިކަމާއެކު ދެއްވަދޫއަށް ފޮނުވައިފި" 

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ހަވީރު ހިއްސާކޮށްފައިވާ ޚަބަރެކެވެ.

"ހަވަރު ސްޕޯރޓްސްގެ ރައީސް ޢަބްދުލް މުޣްނީ ޙަސަންގެ އިސްނެގުމާއެކު ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި މަސައްކަތުން ލިބުނު ބައެއް ސާމާނު ދެއްވަދޫއަށް ފޮނުވުމަށްޓަކައި މަސައްކަތް ކުރެވެމުންދަނީ" 

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާ "ހަވަރު ސްޕޯރޓްސް" ގެ ރަސްމީ ފޭސްބުކް އެކައުންޓްގައި މިއަދު ހަވީރު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ދެއްވަދޫއަށް ފެން ފޯރުކޮށްދިނުމަށް ތިނަދޫއިން ދޯންޏަށް ބަރުކުރަނީ-: ފޮޓޯ: ހަވަރު ސްޕޯރޓްސް

ދެއްވަދޫ ރައްޔިތުން މިހިނދު ތިބި ޙާލަތަކީ، އިންތިހާއަށް ދަތިއުނދަގޫ އަދި ނުތަނަވަސްކަން ބޮޑު ހާލަތެކެވެ. އެރަށުން ކޮވިޑް19 އަށް ފައްސިވެފައިވާ އެކްޓިވް ކޭސްގެ ގޮތުގައި މިހިނދު 23 ފަރާތެއް ރެކޯޑްކުރެވިފައި ވާއިރު، މިއަދުގެ ވަގުތެއްގައި ނަތީޖާ ލިބުނު ސުންކުތަކުންވެސް އިތުރު 8 ފަރާތެއް ބައްޔަށް ފައްސިވެފައި ވާކަމަށާއި، ފައްސިވެފައިވާ ފަރާތްތަކުގެ ތެރޭގައި 4 މަހުގެ ތުއްތުކުއްޖެއްގެ އިތުރުން އެހެން ކުޑަ 2 ކުދިންވެސް ހިމެނޭކަމަށްވެސް ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތަޢުފީޤު މިނޫހަށް މައުލޫމާތު ދެއްވަމުން މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ހާމަކުރަށްވާފައިވެއެވެ.

އާބާދީގައި 1350 މީހުން ހިމެނޭ 147 ގޭބިސީއެއްގައި މީހުން ދިރިއުޅެމުންދާ ދެއްވަދޫ، އެއްކޮށް ފުލް ލޮކްޑައުންއަކަށް މިހިނދު ގެނެވި، ރަށުން ފޭބުމާއި ރަށަށް އެރުންވެސް އެއްކޮށް މަނާކުރެވިފައި ވާއިރު، ރަށުގެ 56 ގެ އެއްވެސް ވަނީ މޮނިޓަރިންއަށް ލެވިފައެވެ.

އެންމެ އަސާސީ ޚިދުމަތްތަކާއި ބޭނުންތަކަށްވެސް ތަކެތި ފޯރުކޮށްދެވެނީ ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލެވިފައިވާ ޓާސްކް ފޯސްގެ ފަރާތުންނެވެ. ޟަރޫރީ ބޭނުމެއްގައިވެސް ގެއިން ބޭރަށް ނުނިކުމެވޭ ޙާލަތުގައި ދެއްވަދޫގެ ރައްޔިތުން މިހިނދު ތިބެން މަޖުބޫރުވެފައިވެއެވެ.

ދެއްވަދޫ ރައްޔިތުންނަށް މިހިނދު ދިމާވެފައިވާ ދަތި އުނދަގޫ ޙާލަތާއި ގުޅިގެން ގއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެހެން ރަށު ކައުންސިލްތަކާ ގުޅިގެން ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދިއުމަކީ އެރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ.

"މިއަތޮޅު ދެއްވަދޫގައި ކޮވިޑް-19 ފެތުރެންފެށުމާއި ގުޅިގެން މިވަގުތު އެރަށް ލޮކްޑައުން ކުރެވިފައިވާތީ، އެރަށުގެ ލޮބުވެތި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އެރަށުގެ ލޮބުވެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަތޮޅުކައުންސިލްގެ ހޮޓްލައިން ނަންބަރ: 7330028 އަށް ގުޅުއްވުން އެދެމެވެ" 

ދެއްވަދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުޞަތު އެންމެހައި ފަރާތްތަކަށް ހަރުދަނާ ފަސޭހަ ނިޒާމެއްގެ ތެރެއިން ހުޅުވާލަށްވައި، ގއ. އަތޮޅު ކައުންސިލުން ޢާންމުކުރަށްވާފައިވާ ނޯޓިސްއެއްގައި ވެއެވެ.

އިރުވަރު ޓީމްގެ ދުޢާއަކީ ދެއްވަދޫގެ ލޮބްވެތި ރައްޔިތުންނަށް މިހިނދު ކުރިމަތިވެފައިވާ ދަތިއުނދަގޫ އަދި ނުތަނަވަސް ޙާލަތުން އެރައްޔިތުން އަވަސްގޮތެއްގައި މިންޖުވެގެން ދިއުމެވެ. އަދި ކޮވިޑް19 ގެ ނުރައްކާތެރިކަމުން އެރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން މާތް ﷲ މިންވަރުކޮށްދެއްވުމެވެ. އަދިހަމަ މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްވެސް، މިބަލިން ރައްކާތެރިކަން ކަށަވަރުވެގެން ދިއުމެވެ.

اللَّهُمَّ إِنا نعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ….. އާމީން…

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *