Ad
"ހެލްޕް ދެއްވަދޫ" ނަމުގައި ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން-: ފޮޓޯ: ޝާއިލް ރިޔާ/ފޭސްބުކް

"ހެލްޕް ދެއްވަދޫ" ނަމުގައި ގެމަނަފުށީގައި ޚާއްޞަ ހަރަކާތެއް

ގއ. ދެއްވަދޫ އިން ގިނަ ބަޔަކު ކޮވިޑް19 އަށް ފައްސިވެ އެތަކެއް ގެތަކެއް ކަރަންޓީނުކުރެވި މުޅިރަށް ލޮކްޑައުންއަކަށް ދާންޖެހުމާ ގުޅިގެން ދެއްވަދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތިއުނދަގޫ ވަގުތުގައި އެރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން "ހެލްޕް ދެއްވަދޫ" ނަމުގައި ޚާއްޞަ ޙަރަކާތެއް އެއަތޮޅު ގެމަނަފުށިން ފަށައިފިއެވެ.

ގެމަނަފުށީގެ ރައްޔިތުން އިސްނަގައިގެން ފެއްޓި މިހަރަކާތުގެ ތެރެއިން ފަންޑު ފޮއްޓެއް ބެހެއްޓި މާލީއެހީތެރިކަން އެއްކުރެވިގެން ދެއްވަދޫ ރައްޔިތުންނަށް ބޭނުންވާ ބޯފެނާއި ކާބޯތަކެއްޗާއި އެހެނިހެންވެސް އަސާސީ ސާމާނު އެރައްޔިތުންނަށް ހިލޭ ހަދަިޔާކުރެވޭނެއެވެ.

"ހެލްޕް ދެއްވަދޫ" ނަމުގައި ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން-: ފޮޓޯ: ޝާއިލް ރިޔާ/ފޭސްބުކް

އިދާރީ ގޮތުން އަވައްޓެރި ގެމަނަފުށިން ފެށި މިހަރަކާތް އެރަށުގައި ކުރިއަށްދާ މަންޒަރަކީ އިންތިހާއަށް އުފާވެރި މަންޒަރެކެވެ. ސަރުކާރުގެ ވަޒީފާތަކުގައި އުޅެމުން ގެންދާ މުވައްޒަފުންނަށް ދާންދެން ރަސްމީ ހެދުމުގައި ހުންނަ ވަގުތުވެސްމެ ހެލިފެލިވެ ފެންކޭސްތައް އުފުއްލަމުން ގެންދާ މަންޒަރަކީ، ދެއްވަދޫގެ ރައްޔިތުންނަށް މިހިނދު ދިމާވެފައިވާ ކެކުޅުމުގެ އިޙްސާސް ގެމަނަފުށީ ރައްޔިތުންގެ ހިތްތަކުގެ އެންމެ ފުންމިނަށްވެސް ވާޞިލުވެފައިވާ ކަމުގެ ހެއްކެކެވެ. ދެއްވަދޫ ރައްޔިތުންގެ ހިތްތަކަށް މި މަންޒަރުތަކުން ތަސައްލީ ގެނެސްދޭނެކަންވެސް ކަށަވަރެވެ.

"ހެލްޕް ދެއްވަދޫ" ނަމުގައި ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން-: ފޮޓޯ: ޝާއިލް ރިޔާ/ފޭސްބުކް

މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްކަމުގެ މިސާލުކަމަށާއި އެ ހަށިގަނޑުގެ ގުނަވަނެއްގައި ރިހުން އުފެދިގޮސް ވޭން އަޅަން ފަށައިފިނަމަ އެވޭނުގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ ބީދައިން މުސްލިމުންގެ އެއްބަޔަކަށް ދިމާވާ ހިތްދަތިކަމާއި ވޭނުގެ އިޙްސާސް އެހެން މުސްލިމުންނަށްވެސް ކުރާނެކަމަށް ރަޙްމަތުގެ ނަބިއްޔާ މުޙައްމަދު މުޞްޠަފާ ބަޔާންކޮށްދެއްވާފައިވާ ނަބަވީ އިރުޝާދުގެ ދިރިހުރި މިސާލެއް މިހިނދު ހުވަދު އަތޮޅުގެ ރަށްތަކުން ފެންނަމުންދެއެވެ.

"ހެލްޕް ދެއްވަދޫ" ނަމުގައި ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން-: ފޮޓޯ: ޝާއިލް ރިޔާ/ފޭސްބުކް

ދެއްވަދޫ ރައްޔިތުންނަށް މިހިނދު ކުރިމަތިވެފައިވާ ޙާލަތަކީ، އިންތިހާއަށް ދަތިއުނދަގޫ އަދި ނުތަނަވަސްކަން ބޮޑު ހާލަތެކެވެ. އެރަށުން ކޮވިޑް19 އަށް ފައްސިވެފައިވާ އެކްޓިވް ކޭސްގެ ގޮތުގައި އިއްޔެއާ ހަމައަށް 23 ފަރާތެއް ރެކޯޑްކުރެވިފައި ވާއިރު، އިއްޔެގެ ވަގުތެއްގައި ނަތީޖާ ލިބުނު ސުންކުތަކުންވެސް އިތުރު 8 ފަރާތެއް ބައްޔަށް ފައްސިވެފައި ވާކަމަށާއި، ފައްސިވެފައިވާ ފަރާތްތަކުގެ ތެރޭގައި 4 މަހުގެ ތުއްތުކުއްޖެއްގެ އިތުރުން އެހެން ކުޑަ 2 ކުދިންވެސް ހިމެނޭކަމަށްވެސް ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތަޢުފީޤު މިނޫހަށް މައުލޫމާތު ދެއްވަމުން ރޭގެ އިރާކޮޅުގެ ވަގުތެއްގައި ހާމަކުރަށްވާފައިވެއެވެ.

އާބާދީގައި 1350 މީހުން ހިމެނޭ 147 ގޭބިސީއެއްގައި މީހުން ދިރިއުޅެމުންދާ ދެއްވަދޫ، އެއްކޮށް ފުލް ލޮކްޑައުންއަކަށް ގެނެވި ރަށުން ފޭބުމާއި ރަށަށް އެރުންވެސް އެއްކޮށް މަނާކުރެވިފައި ވާއިރު، ރަށުގެ 56 ގެ އެއްވެސް ވަނީ މޮނިޓަރިންއަށް ލެވިފައެވެ.

ދެއްވަދޫގެ އަދުގެ ޙާލަތަކީ އެންމެ އަސާސީ ޚިދުމަތްތައް ލިބިގަތުމަށާއި ބޭނުންތައް ފުއްދުމުގެ ޞަރޫރީ ޙާލަތުގައިވެސް ގެއިން ބޭރަށް ނުނިކުމެވޭ ބަންދެއްގައި ރައްޔިތުން ތިބެން ޖެހުމެވެ. އެރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށްދެމުންދަނީ އަތޮޅުގެ އެހެން ރަށްރަށުން ފޯރުކޮށްދޭ އެހީތެރިކަމުން ލިބިގެންދާ ތަކެތި، ކައުންސިލް އިސްވެ އޮވެ ރަށުގެ މުއައްސަސާތަކުން ގުޅިގެން އުފައްދާފައިވާ ޓާސްކުފޯސް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލަކުން ބެހި ފޯރުކޮށްދެވިގެންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *