Ad
ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް

ދީނީ ނަޒަރަކުން އިންޝުއަރެންސް/ތަކާފުލް (4 ވަނަބައި)

ތަކާފުލްގެ ގޮތުގައި އިންޝުއަރެންސް ކުރުން

ކޮންވެންޝަންލް ނުވަތަ ވިޔަފާރީގެ ގޮތުގައި ކުރެވޭ އިންޝުއަރެންސައް އޮތް އިސްލާމީ  ހައްލަކީ ތަކާފުލްގެ އުޞޫލުން ކުރެވޭ އިންޝުއަރެނސްގެ އަޤްދު ކަމަށް ހުސެއިން އަދި އަހުމަދު (2011)  ހަދާފައިވާ ކޮންސެޕްޗުއަލް އެންޑް އޮޕަރޭޝަނަލް ޑިފަރެންސް ބިޓްވީން ޖެނެރަލް ތަކާފުލް އެންޑް ކޮންވެންޝަނަލް އިންޝުއަރެންސް ދިރާސާގައި ވެއެވެ. އަދި ހަމައެހެންމެ، އަލީ މުނައްވަރު ( 2016) ވިދާޅުވެފައިވާ ގޮތުން ތަކާފުލް އަކީ އިންޝުއަރެންސްގެ އިސްލާމީ ޝަރީއަތް ހުއްދަކުރާ ބާވަތެވެ. އިންޝުއަރެންސް މިވަނީ އެކިގޮތްގޮތުން އަޅުގަނޑުމެންގެ މުޢާމަލާތްތަކާގުޅި ސަލާމަތްނުވެވޭ ވަރަށް ލާމެހިފައެވެ. މާލީ މުޢާމަލާތްތަކާއި އިޖުތިމާޢީ ގިނަކަންކަމުގެ މަޖުބޫރު ބައިވެރިއަކަށްވެފައެވެ. އެންމެކުޑަމިނުން، ދުއްވަން ގެންގުޅޭ ސައިކަލުވެސް އިންޝުއަރެންސް ނުކޮށް ނުދުއްވޭ ހިސާބުގައެވެ.

އިޤްތިޞާދީ މުޢާމަލާތްތަކުގެ ފިޤުހީ ޤާޢިދާއަކީ ޝަރުޢުގައި ކަމެއް މަނާވެގެން ނުވާނަމަ، އެކަމެއް ހުއްދަ ވުމެވެ. އިންޝުއަރެންސްހުއްދަނުވާ ސަބަބުތައް ކުރިން ޝާއިޢުކުރި ލިޔުމުގައި އަލިއަޅުވާލީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. އެއީ ހުއްދަ މަފްހޫމެއްގެ ތެރޭގައި ޙަރާމް ކަންތައްތަކެއް ހިމަނައި ގަޑުބަޑުކުރެވިފައިވާތީއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، އިންޝުއަރެންސް ހުއްދަ ނުވަނީ އެފަދަ މުޢާމަލާތްތަކުގައި ރިބާ އާއި ޖުވާ (ޤިމާރު) އަދި ޔަޤީން ނުވާ ކަންކަން (ޣަރަރު) ހިމެނޭތީއެވެ. އަދި މިދެންނެވި ކަންކަމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައި، މަނާ ކުރައްވާފައިވާ ކަންކަމަށް ވާތީވެސްމެއެވެ.

ތަކާފުލްގެ ނަޒަރިއްޔާތު

ކަފާލާ

ރިފާތް އަހުމެދް އަބްދުލް ކަރިމް އަދި ވޮލްކަރ ނިންހައުސް (2009). ތަކާފުލް އިސްލާމިކް އިންޝުއަރެންސް ފޮތުގައި ބަޔާންކޮއްފައިވާ ގޮތުގައި އިސްލާމީ މާލީ ޙިމާޔަތުގެ އެއް މަސްދަރަކީ ޝަރުޢުގައި ބަޔާންވެގެންވާ ޔަޤީންކަންދިނުމުގެ އުޞޫލެވެ. ތަކާފުލް ކަމުގައި ބުނެވެނީ މިގޮތުން އެކަކު އަނެކަކަށް ނުވަތަ ގިނަބަޔަކު ވެގެން ތަކުލީފު ލިބިގެންވާ ފަރާތަށް ލިބިދާނެ ގެއްލުމެއް ފޫބައްދައި ދޭނެކަމުގެ ޔަޤީންކަން ދިނުމަށްޓަކައި ޖަމާކުރެވޭ ފަންޑަކުން މާލީ ބަދަލެއް ދިނުމުގެ އުޞޫލަށެވެ. "ތަކާފުލް މިބަސް އެކުލަވާލެވިފައި އެވަނީ ޢަރަބި ބަހުގައި ބޭނުންކުރާ "ކަފާލާ" (ޔަޤީކަން /ޒިންމާނެގުން) މިބަހުންނެވެ. ކަފާލާގެ ވާހަކަ ކީރިތި ޤުރުއާނުގެ ޔޫސުފު ސޫރަތުގެ 72 ވަނަ އާޔަތުގައި ޖާމިނުވުމުގެ މާނައިގައި ބަޔާންކުރައްވާފައިވެއެވެ.

ތަޢާވުން

ކަމަރުޒަމާން ނޫރައްދީން (2013) ގައި ލިޔުއްވާފައިވާ ދި އިމްޕްލިމެންޓޭޝަން އޮފް ތަބައްރު އެންޑް ތަޢާވުން ކޮންޓްރެކްޓްސް އިން ދަ ތަކާފުލް މޮޑެލްގައި ބަޔާކޮއްފައިވާގޮތުން އިސްލާމީ މާލީ ޙިމާޔަތުގެ ދެވަނަ މަސްދަރަކީ އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ މަތިވެރި އުޞޫލެވެ. އަދި އެކަކު އަނެކަކަށް އެހީ ތެރިވެދީ އެއްބަޔަކު އަނެއްބަޔައެއްގެ ތަކުލީފުތައް ލުއިކޮށްދިނުމަކީ އިސްލާމް ދީން ނުހަނު ބާރުއަޅާ ކަމެކެވެ. އިސްލާމްދީނުގައި އަޅުކަމަކަށް ވަނީ ހަމައެކަނި ފަރުޟު ކުރެވިފައިވާ ކަންކަން އަދާކުރުމަކުން އެކަންޏެއް ނޫނެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީވެސް ﷲ ސުބުޙާނަހޫ ވަތައާލާއަށް ކުރެވޭ ނުހަނު މަތިވެރި އަޅުކަމެކެވެ. ކީރިތި ޤުރުއާނުގެ މާޢިދާ ސޫރަތުގެ ދެވަނަ އާޔަތުގައި، ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވުމަށާއި އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވުމަށް މާތް ﷲ ބާރުއަޅުއްވައި ވަޙީކުރައްވާފައިވެއެވެ.

މިދެންނެވި ނުކުތާއަށް ބާރުލިބޭ އެތައް އެތައް މިޘާލުތަކެއް ކީރިތި ރަސޫލާ (ސ.އ.ވ)ވަނީ މިއުންމަތައް ދޫކުރައްވާފައެވެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. ރަސޫލާ (ސ.އ.ވ) ޙަދީޘްކުރެއްވިއެވެ.

"މުސްލިމަކު އަނެއް މުސްލިމެއްގެ މުހުތާދުތައް ފުއްދައިދޭހައި ހިނދަކު، މާތް ﷲ އޭނާގެ މުހުތާދުތައް ފުއްދަވައިދެއްވާނެއެވެ. މިދުނިޔޭގައި މީހަކާ ކުރިމަތިވެފައިވާ ދަތިކަމަކުން އޭނާ ސަލާމަތްކޮށްދީފި މީހަކަށް، އާޚިރަތް ދުވަހުގައި މާތް ﷲ ދަތިކަމެއް ލުއިކޮށް ދެއްވާނެ އެވެ."

ތަބައްރުޢު

ތަބައްރު އެން އެކްޗުއަރީސް ޑެލިމާގައި ޒައިނަލް އާބިދީން އެމް.ކޭ (2013) ބާޔާންކޮއްފައިވާގޮތުން ތަބައްރު ނުވަތަ ޞަދަޤާތަކީ އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމު އުފަންކުރުވުމުގައި ރިޢާޔަތްކުރެވޭ ދެވަނަ އަސާސެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުމަޔާއި ޘަވާބަށް އެދި ތިމާގެ މުދަލުން ހޭދަކުރުމަކީ ޞަދަޤާތް ކުރުމެވެ. ޞަދަޤާތް ދިނުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ އަޅުކަމެކެވެ. ޞަދަޤާތްދީ ތިމާގެ މުދަލުން ހޭދަކުރުމުގައި ﷲގެ ދީންމަތިވެރި ކުރުމަށް އިސްކަންދޭން ޖެހެއެވެ. ޞަދަޤާތް ކުރުމާ ގުޅޭގޮތުން ސޫރަތުލް ޙަދީދްގެ ހަތްވަނަ އާޔަތުގައި ﷲއަށާއި އެކަލާންގެ ރަސޫލާއަށް އީމާންވުމަށް އަންގަވައި އެއާއި ވިދިގެން މުދަލަށް ލޯބިކުރުމާއެކުވެސް މުދަލުންހޭދަކުރުމަށް އަންގަވާފައި ވުމުން ދޭހަކޮށްދެނީ ހޭދަކުރުމަށް އިސްލާމްދީން ބާރުއަޅާމިންވަރެވެ. އަދި މީގެ އިތުރުން، މުސީބާތުގެ ވަގުތުގައި މުސްލިމުންގެ މުދަލުން ހޭދަކުރުމުގައި އަވަސްވެ ގަތުމަށް ރަސޫލް (ސ.އ.ވ) ބާރުއަޅުއްވައި ޙަދީޘް ކުރައްވާފައި ވާކަން އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ރިވާޔަތް ތަކުގެތެރެއިން، 589 ވަނަ ރިވާއަތުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *