Ad
ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ ތެރެއިން ކަލާފާނު ސްކޫލް-: ފޮޓޯ: ކަލާފާނު ސްކޫލް
ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ ތެރެއިން ކަލާފާނު ސްކޫލް-: ފޮޓޯ: ކަލާފާނު ސްކޫލް

ކަންބޮޑުނުވޭ ތުއްތުދަރިން ސްކޫލަށް ފޮނުވައިދީ! ހޯ ހޯ ކޮވިޑް އައު ވައްތަރު، އިންތިޚާބެއް ނުބޭއްވޭނެ!

"ދެއުޅިއެއްނުވުން"، މިއީ ދިވެހިބަހުގައި ބޭނުންކުރެވޭ މަޖާޒެކެވެ. މި މަޖާޒު ބަސް މުޖުތަމަޢުގެ ތެރޭގައި ބޭނުންކުރެވޭލެއް ފަރިތަކަމާއި ގިނަކަމާހުރެ އިތުރަށް މާނަކުރުމަކަށް ނުގޮސް ފަރުޖައްސާލި ނަމަވެސް، ދެއްކެން މިއުޅޭ ވާހަކައިން މަޖާޒުގެ މާނަ އެނގިގެންދާނެ ކަމަށް ފެނުނު ހިނދު ކުރިއަށް ދާނަމެވެ.

"ކަންބޮޑުނުވޭ، ކުދިން ސްކޫލަށް ފޮނުވައިދީ: މިނިސްޓަރު".

ދިރާސީ އައު އަހަރު ފެށުނު މިމަހުގެ 10 ވަނަ ދުވަހުގައި ތަޢުލީމާބެހޭ ވަޒީރާއާ ޙަވާލާދީ އޮންލައިން ނޫހެއްގައި އޮތް ސުރުޚީއެކެވެ. ޕްރީސްކޫލުން ފެށިގެން އެންމެހައި ދަރިވަރުންވެސް ސްކޫލަށް ޙާޟިރުވެގެން ކިޔެވުން ކުރިއަށް ގެންދާގޮތަށް ސްކޫލްތައް ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ ދިމާކޮށް އެނޫހުގައި ޝާއިޢުކުރި ރިޕޯޓެއްގެ ސުރުޚީއެކެވެ.

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިން ފެތުރެމުން ދިޔަ ބާރުމިނަށް މަޑުޖެހުމެއް އައިސް، ރާއްޖޭގައިވެސް މިބަލި ފެތުރެމުންދާ ނިޞްބަތް ދަށަށް ގޮސްފައިވުމާ އެކު، ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ދީފައިވެއެވެ.

ކޮވިޑް-19 އަކީ އޭގެ ޒާތާއި ވައްތަރުން ގޮތް ނޭގޭފަދަ ގޮތަކަށް ފެތުރެމުންދާ ބައްޔެއްކަމުން، ބަލި ފެތުރޭ ނިޞްބަތް ވަރަށް ދަށްވެފައި ވީނަމަވެސް އަނެއްކާވެސް ދެވަނަ ނުވަތަ ތިން ހަތަރުވަނަ "ރާޅު" ވެސް ޤައުމުތަކަށް އަރަމުން ދެއެވެ. ތިންހަތަރު ފަހަރަށް ފުރަބަންދަށް ދާންޖެހިފައިވެސް ވެއެވެ. އަދިހަމަ، އައު ވައްތަރުތައްވެސް އުފަންވެގެން އަންނައިރު އެވައްތަރުތައް ފެތުރެމުންދާ ހަލުވިމިން ކުރީގެ ވައްތަރަށްވުރެވެސް ބާރުކަމަށް ދިރާސާތަކަށް ބިނާކޮށް ހާމަކޮށްފައިވާ ރިޕޯޓުތައް ބުނެފައިވެއެވެ.

މުޅި ދުނިޔޭގެ ނިޞްބަތުންވެސް ޞިއްޙީ ނިޒާމު ކުރިއަރާފައިވާ އަދި ވަޞީލަތްތައް އިންތިހާއަށްހުރުމުގެ އިތުރުން ކޮވިޑް-19 ވެކްސިންވެސް ދުވާލެއްގެ މައްޗަށް އެތަކެއްހާސް ރައްޔިތުންނަށް އެޤައުމުގައި މިހިނދުވެސް ދެވެމުންދާ އިނގިރޭސި ވިލާތް މިހާރުވެސްވަނީ ފުރަބަންދެއްގައެވެ. އެޤައުމުގައި ފެތުރެންފެށި ކޮވިޑް-19 އައު ވައްތަރުގެ ނުރައްކާ އިންތިހާއަށް ބޮޑުކަމުންނެވެ.

ރާއްޖެއަކީ ޞިއްޙީ ވަޞީލަތްތަކުގެ ގޮތުން އިނގިރޭސި ވިލާތާ އަޅާބަލާއިރު އިންތިހާއަށް ދަށުގައިވާ ޤައުމެކެވެ. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ އެޗްޕީއޭ އަށް، ލިބިފައި ހުރި މަދު ވަޞީލަތްތައްވެސް ބޭނުންކުރުމުގައި "އޮޅުން" އެރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އިތުރު ތަކްލީފުތަކާ ކުރިމަތިލާންޖެހި، އެ އޮތޯރިޓީގެ "އިހުމާލު" ގެ ސަބަބުން ކޮވިޑް-19 ޖެހިގެން ދުނިޔެ ދޫކޮށްދާން ޖެހުނު މީހުންވެސް ތިބިކަމަށް ޚުދު އެއޭޖެންސީ އިންވެސް އިޢުތިރާފްވެފައި ވޭމެއެވެ.

އެ އިދާރާއަށް "އޮޅިގެން" ނެރެވޭ "ފައްސި- ނައްސި- ފައްސި" ނުވަތަ "ނައްސި-ފައްސި" ނަތީޖާގެ ސަބަބުން، ކުށެއްނެތް ޢާންމު ރައްޔިތުންނަށް ތަކްލީފުތައް ކުރިމަތިވަމުން ދާކަމީ އެ އިދާރާއިން ޞަރީޙަބުން އެއްބަސްވާން ލަދުގަތްނަމަވެސް، ޢާންމު ރައްޔިތުންނާއި މީޑިއާތަކަށްވެސް ކަށަވަރު ހިފިފައިވާ ކަންކަމެވެ.

މުޅި ހުވަދުއަތޮޅު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިގެން ގޮސްފައިވާ ދެއްވަދޫ "ކްލަސްޓަރ" ގައި ގޮތްނޭނގޭ އެހެންކަމެއް އުޅޭކަމަށް ބެލެވޭކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވީނަމަވެސް، އެ ކްލަސްޓަރ އިން އެންފުރަތަމަ ފައްސިވެފައިވާ ކަމަށް ރަސްމީކޮށް ރެކޯޑްކުރެވުނު ފަރާތަކީ، ހޯމް ކަރަންޓީނުގައި ހުރެ މުއްދަތު ހަމަކުރުމަށްފަހުގައި ޓެސްޓްގެ ނަތީޖާ "ނައްސި" ވުމުން ދޫކޮށްލެވި، ރަށުތެރޭގައި ގިނަ ބަޔަކާ ގާތުން އެއްތަންވެ ތުއްތުކުދިންނަށް ދާންދެން އުރައި ހަދައި އުޅެނިކޮށް، ނައްސި ނަތީޖާ އަކީ "އައްސި" އެއްގެ ދަށުން "އޮޅިގެން" ދޫކުރެވުނު އަޞްލު ފައްސި ނަތީޖާއެއްކަން އެނުގުނު ފަރާތެއްކަން، ރަސްމީ މަޞްދަރުތަކުންވެސް ކަށަވަރުކޮށްދީފައި ވެއެވެ.

ދިވެހީންނަކީ ދަރީންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް އިންތިހާއަށް ބޭނުންވާ އަދި އެކަމުގައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ބަޔަކަށް ވާހިނދު، އެދަރީން ތަޢުލީމުން މަޙްރޫމްވެގެން ދިއުމަކީ ވަޒީރާ ވިދާޅުނުވިޔަސްމެ، އެއްވެސް މަޔަކު އަދި ބަފަޔަކު ނުވަތަ ބެލެނިވެރިއަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ.

ސިޔާސީ މަންފާއަކަށްޓަކައި މަދު މަޖްލިސް މެމްބަރަކު ދަރިން ސްކޫލަށް ނުފޮނުވުމަށް މީގެ ކުރިން ވެރިކަމެއްގައި ގޮވާލެއްވި ނަމަވެސް، ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކުމެ، ދަރިން ސްކޫލަށް ނުފޮނުވުމާއި ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެއްވެސް ޙާލެއްގައި ގޮވާނުލާނެކަން މިއަދު އެކަމަނާއަށްވެސް ވިސްނިވަޑައިގަންނަވާނެކަމަށް ހީކުރަމެވެ.

ތިމާގެ އަމިއްލަ ދެލޯ ފަދަ ތުއްތުތުއްތު މަޢުޞޫމު ކުދިންވެސް ބޭބީ ނާސަރީއާއި ހަމައިން ސްކޫލަށް ފޮނުވައިދިނުމަށް އެދުމުން، ދިވެހިލޮބްވެތި ރައްޔިތުން އެކަން ކޮށްދިނެވެ. މިނިސްޓަރު ވިދާޅުވި ނަމަވެސް ކަންބޮޑުނުވާތީއެއް ނޫންމެއެވެ. ދަރިންނަށް ތަޢުލީމު ފޯރުކޮށްދޭން މައިންބަފައިން ބޭނުންވާ މިންވަރުގެ ބޮޑުކަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ބޭނުންފުޅުވެލަށްވާ ވަރަށްވުރެ ބޮޑަށް، ދަރީންނަށް ތަޢުލީމު ދިނުމަށް އެކުދީންގެ މައިންބަފައިން ބޭނުންވާނެކަން މިނިސްޓަރުވެސް ޤަބޫލުކުރައްވަން ޖެހިވަޑައިގަންނަވައެވެ. އެހެންނަމަވެސް އެ ދަރިވަރުންނަކީ މައިންބަފައިންގެ ލޮލުގެ ކޮޔެވެ. ކޮވިޑް-19 އޭ މިކިޔޭ ބަލީގައި ހިރާސް ބޮޑު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ހިނދު، މި ޤައުމުގައި އަދި ވެކްސިނެއްވެސް ބައްޔަށް ދެވިފައި ނުވާހިނދު، "ހާސްނުވާށޭ" ވަޒީރާ ވިދާޅުވި ނަމަވެސް މައި ލަގޮނޑިއަށް ކެތްވާނެހެއްޔެވެ. ބަފައިގެ ހިތަށް ތަސައްލީއެއް ލިބިގެން ދާނެހެއްޔެވެ.

ކޮވިޑް19 ގެ ޙާލަތު އެންމެ ގޯސް ސަރަޙައްދަކީ މާލޭ ސަރަޙައްދުކަމުންނާއި ކޮވިޑްގެ ސަބަބުން ދިރިއުޅުމުގެ ޙާލަތަށް އައި ބަދަލުތަކާއިވެސް ގުޅިގެން، ފަސޭހަކަމާއެކު ރައްކާތެރި މާހައުލެއްގައި މިހިނދަށް ދިރިއުޅެލުމުގެ ބޭނުމުގައި ވަގުތީ ގޮތުން އަތޮޅުތެރެއަށް ބަދަލުވީ މާލޭ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެރަށެއްގެ ސްކޫލަކަށް ޙާޟިރުވެ ކިޔެވޭގޮތް ފަހިކޮށްދީފައި އޮތުމަށްފަހުގައި، ޖެނުއަރީ އިން ފެށިގެން އެފުރުޞަތު ނެތިކޮށްފައިވަނީ، ތުއްތު ކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ކޮން މަޞްލަޙަތެއް ޙިމާޔަތް ކުރުމަށްތޯ ސުވާލު އުފެދޭ ނޫންހެއްޔެވެ.

"ކޮވިޑް19 ގެ ޙާލަތާ ގުޅިގެން މިސްކޫލުން ވަގުތީގޮތުން އެހެން ސްކޫލަށް ބަދަލުވީ ދަރިވަރުންގެ ތެރެއިން އަލުން މިސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުން 31 ޑިސެމްބަރު 2020 ގެ ކުރިން ސްކޫލަށް މެއިލް ކޮށްދެއްވުން އެދެމެވެ. މިއީ މިނިސްޓްރީގެ އެންގެވުމަކަށްވާތީ މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެދަރިވަރަކު މިވަގުތު ހުރި ސްކޫލެއްގައި ދާއިމީ ވާނެކަމުގައި ދަންނަވަމެވެ. ޝުކުރިއްޔާ" 

މާލޭ ސްކޫލުގައި ކިޔަވަމުންދާ، އެހެންނަމަވެސް މާލޭގައި ކޮވިޑް19 ބަލީގެ ހިރާސް ބޮޑުކަމުން އަތޮޅުތެރަށް ދިރިއުޅުން ވަގުތީގޮތުން ބަދަލުކޮށްގެ ކުދިން ސްކޫލަށް ފޮނުވަމުން ގެންދާ ބެލެނިވެރިންނަށް، ސްކޫލްތަކުން ފޮނުވާފައިވާ މެސެޖްގައި ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ޖަމާޢީ ފެތުރުމެއް އޮތް މާލޭ ސަރަޙައްދަށް ދަރިވަރުން ގެންދިއުމަށް މައިންބަފައިންނަށް މަޖްބޫރު މިކުރެވެނީ އެޑިއުކޭޝަން ކޮންފަދަ މަޖްބޫރީ ޙާލަތެއްގައި އޮތުމުންހެއްޔެވެ. އެމްއެމްޕީއާރސީ ގެ މަސްއޫލިއްޔަތު އެޑިޔުކޭޝަނާއި ޙަވާލުވެ، ޓޫރިޒަމް "އިޝްތިހާރު" ކުރެވޭ ޕްރޮޑަކްޓް އަކަށް ދަރިވަރުން ހެދެނީހެއްޔޭ އަހައިނުލެވޭވަރު އަޅެފަހެ ނުވޭހެއްޔެވެ؟

ސްކޫލްތަކުގައި ކިޔަވައިދޭން ފެށުނުތާ ދެވަނަ ދުވަހުގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވީ ޚަބަރެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކާއި ދާންދޫ ސްކޫލްގެ ގްރޭޑް 3 ގައި ކިޔަވަމުންދާ ކުއްޖަކު ފައްސިވީ ޚަބަރު މިއަދުއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ލޯކްލަ ކައުންސިލް އިންތިޚާބުވެސް މިވަނީ ފަސްކުރެވިފައެވެ. އިންތިޚާބު ބޭއްވުމުގެ ހުއްދަ ދިނުމަށް އީސީ އިން އެޗްޕީއޭގައި ރުއި ސަލާންޖެހިިރުވެސް ޖަވާބަކަށްވީ "ހޯ ހޭ" އެވެ. ކޮވިޑް-19 ގެ އައު ވައްތަރެއްވެސް އެބައުޅެއެވެ. ދޫދީފި ނަމަ އަތުނުޖެހޭ ހިސާބަށް ގޮސްދާނެއެވެ.

ކޮވިޑް-19 މިވީ ހައުދަހައިވާ "ބޯހަރު" އަދި "ވިސްނުން ތޫނު" ވައިރަހަކަށްތާއެވެ. ނަވަމެސް އެސޮރުގެ ރަނގަޅު އެއް ތަންކޮޅު އޮވެއެވެ. "މައިމޫނާއްތަ" ބުނާގޮތަކަށް މެނުވީ ނުހަދާނެއެވެ. މާލެއިން އަތޮޅުތެރެއަށް ދާ "ޢިއްޒަތްތެރީން" ގެ ގައިން، އަތޮޅު ތެރޭގެ ރައްޔިތުންގެ ގަޔަށް ފެތުރިގެން ނުވާނޭ ބުނެފިނަމަ އެފަދައެވެ. މާލެއިން ރަށަކަށް އަންނަ މީހުންގެ ގައިން އެރަށެއްގައި ދިރިއުޅޭ މީހުންގެ ގަޔަށް ފެތުރެންޖެހޭނީ 5 ދުވަހަށް ފަހުގައޭ ބުނެފިނަމަ ހަމަ އެގޮތްވެސް މެއެވެ.

"ދެއުޅިއެއްނުވުން" މާނަ އެނގިއްޖެކަމަށް ހީކުރަމެވެ. ކޮވިޑް-19 ވަޅުލައި ފާކޮށްގެން އެއިން ވަށަމުންގެންދާ ރޯނުގައި، ރައްޔިތުން "ބަނދެވޭހާ" ވަރު ހުންނާނެހެން ހީނުވެއެވެ. ދެއުޅިއެއްނުވަނީ ވަކި ސުމާރަކަށް ނޫންވިއްޔާއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *