Ad
ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއެކު އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ޙަރަކާތެއްގައި-: ފޮޓޯ: އަމީނިއްޔާ ސްކޫލް/ އެފްބީ
ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއެކު އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ޙަރަކާތެއްގައި-: ފޮޓޯ: އަމީނިއްޔާ ސްކޫލް/ އެފްބީ

ކޮވިޑް-19 އާ ގުޅިގެން ވަގުތީ ގޮތުން އަތޮޅުތެރަށް ބަދަލުވީ ކުދިން ދާއިމީކޮށް މާލޭ ސްކޫލްތަކުން ވަކިކުރާތީ ކަންބޮޑުވުން

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެންފަށައި މާލޭ ސަރަޙައްދުގައި ޖަމާޢީ ފެތުރުމެއް އުފެދުމާއެކު ދިރިއުޅުމުގެ ޙާލަތަށްވެސް އައި ބޮޑެތި ބަދަލުތަކާ ގުޅިގެން ވަގުތީގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ބަދަލުވީ ޢާއިލާތަކުގެ ކުދިންނަށް ރަށްތަކުގެ ސްކޫލްތަކަށް ވަގުތީގޮތުން ޙާޟިރުވެ ކިޔެވޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އެދަރިވަރު އަސްލު ރެޖިސްޓްރީވެފައިވާ މާލޭގެ ސްކޫލަށް ޙާޟިރު ނުވާނަމަ ސްކޫލުން ވަކިކުރާނެކަމުގެ އިންޒާރު އެސްކޫލްތަކުން ދިނުމާ ގުޅިގެން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފާއިތުވެދިޔަ އަހަރުގެ ނިމުނު ހިސާބުން ފެށިގެން ރާއްޖޭގައިވެސް ކޮވިޑް-19 ފެތުރެމުންދާ ނިޞްބަތް ދަށްވެފައި ވުމާއެކު އައު ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެންވެސް ދަރިވަރުން ސްކޫލްތަކަށް ޙާޟިރުކޮށްގެންނެވެ. އެގޮތުން، ކުރިން އަތޮޅުތެރޭގެ ސްކޫލުތަކަށް ވަގުތީގޮތުން ޙާޟިރުވެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ މާލޭ ސްކޫލްތަކުގެ ދަރިވަރުންވެސް މިހިނދު، އެކުއްޖެއްގެ އަޞްލު ސްކޫލަށް ޙާޟިރުވުމަށް "މަޖްބޫރު" ކުރެވިގެން އެކަން ބެލެނިވެރިންނަށް އެންގިފައިވެއެވެ.

"ކޮވިޑް19 ގެ ޙާލަތާ ގުޅިގެން މިސްކޫލުން ވަގުތީގޮތުން އެހެން ސްކޫލަށް ބަދަލުވީ ދަރިވަރުންގެ ތެރެއިން އަލުން މިސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުން 31 ޑިސެމްބަރު 2020 ގެ ކުރިން ސްކޫލަށް މެއިލް ކޮށްދެއްވުން އެދެމެވެ. މިއީ މިނިސްޓްރީގެ އެންގެވުމަކަށްވާތީ މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެދަރިވަރަކު މިވަގުތު ހުރި ސްކޫލެއްގައި ދާއިމީ ވާނެކަމުގައި ދަންނަވަމެވެ. ޝުކުރިއްޔާ" 

މާލޭ ސްކޫލުގައި ކިޔަވަމުންދާ، އެހެންނަމަވެސް މާލޭގައި ކޮވިޑް-19 ބަލީގެ ހިރާސް ބޮޑުކަމުންނާއި ކޮވިޑް-19 އާ ގުޅިގެން ވަޒީފާތަކަށާއި ދިރިއުޅުމުގެ އެހެނިހެން ޙާލަތަށް އައި ބަދަލާ ގުޅިގެން ވަގުތީގޮތުން އަތޮޅުތެރަށް ދިރިއުޅުން ބަދަލުކޮށްގެ އެޢާއިލާތަކުގެ ކުދިން އަތޮޅުތެރޭގެ ސްކޫލްތަކަށް ފޮނުވަމުން ގެންދާ ބެލެނިވެރިންނަށް، އެކުދިން ނިޞްބަތްވާ މާލޭ ސްކޫލްތަކުން ފޮނުވާފައިވާ މެސެޖްގައި ބުނެފައިވެއެވެ.

ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތައް ހުޅުވުމާއެކު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް-: ފޮޓޯ: އަޙްމަދިއްޔާ ސްކޫލް/އެފްބީ

މާލޭ ސަރަޙައްދުގައި މިހިނދުވެސް ބަލި ފެތުރެމުންދާ ނިޞްބަތް އެއްކޮށް ހަންމަތަކުރެވިފައިވާ ކަމުގެ ކަށަވަރުކަމެއް ނެތުމާއި، ބަލީގެ އައު ވައްތަރުތައްވެސް މުޅި ދުނިޔޭގައިވެސް އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެމުންދާން ފަށާފައިވުމުގެ އިތުރުން، މިބަލީގެ ޒާތަށް ބަލާއިރު މިބައްޔަކީ އިންތިހާ ފަސޭހައިން ފެތުރިގެންދާ ބައްޔެއްކަމުން، އެންމެ ތުއްތުކުދިންނާއި ހަމައިން ފެށިގެން ސްކޫލުތަކަށް ޙާޟިރުކޮށްގެން ކިޔަވައިދިނުމަކީ އެކަމުގެ ސަބަބުން ކުއްލިއަކަށް ސްކޫލް މާހައުލުގައި ޖަމާޢީ ފެތުރެމެއް އުފެދިގެން ހިނގައިދާނެ ކަމެއްކަމަށް ތަޖުރިބާކާރުން ބުނަމުން ގެންދެއެވެ.

ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތައް ހުޅުވުމާއެކު އިސްކަންދަރު ސްކޫލްގެ ދަރިވަރުން އެސެމްބްލީގައި-: ފޮޓޯ: އިސްކަންދަރު ސްކޫލް/ އެފްބީ

ރާއްޖޭގައި ސްކޫލްތަކަށް ޙާޟިރުކޮށްގެން ކުދިންނަށް ކިޔަވައިދެވެމުންދަނީ ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެން ކަމުގައި ވީނަމަވެސް، މިހިނދުވެސް ސްކޫލްތަކުގައި ކިޔަވައިދެވެމުން ދާއިރު، މި ބަލިން ރައްކާތެރިވުމުގައި އެންމެ މުހިންމު މިންގަނޑުކަމަށްވާ ގައިދުރުކަން، ޚާއްޞަކޮށް ތުއްތު ކުދިންގެ މެދުގައި ހިފެހެއްޓޭނެފަދަ އިންސާނީ ވަޞީލަތްތައް ރާއްޖޭގެ ސްކޫލްތަކުގައި ފުރިހަމަވެފައި ނުވާތީވެ، ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިގެން ނުދާކަމީ، ކިތަންމެ ހިތްނޭދުނު ނަމަވެސް، ލޯމައްޗަށް ފެންނަމުން ދިއުމާއެކުވެސްމެ ހިތުން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.

ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ ގޮތުން އަމީނިއްޔާ ޓީޗަރުންތަކެއް އެކްސަސައިޒެއްގައި-: ފޮޓޯ: އަމީނިއްޔާ ސްކޫލް/ އެފްބީ

އެޑިއުކޭޝަން މިނިސްޓަރު ބޭނުންފުޅުވެލަށްވާ ވަރަށްވުރެ ބޮޑަށް، ދަރީންނަށް ތަޢުލީމު ދިނުމަށް އެކުދީންގެ މައިންބަފައިން ބޭނުންވާނެކަން މިނިސްޓަރުވެސް ޤަބޫލުކުރައްވަން ޖެހިވަޑައިގަންނަވައެވެ. އެހެންނަމަވެސް، އެ ދަރިވަރުންނަކީ އެ މައިންބަފައިންގެ ލޮލުގެ ކޮޔެވެ. ކޮވިޑް-19 އޭ މިކިޔޭ ބަލީގައި ހިރާސް ބޮޑު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ހިނދު، މި ޤައުމުގައި އަދި ވެކްސިނެއްވެސް ބައްޔަށް ދެވިފައި ނުވާހިނދު، "ހާސްނުވާށޭ" ވަޒީރާ ވިދާޅުވި ނަމަވެސް މައި ލަގޮނޑިއަށް ކެތްވާނެހެއްޔެވެ. ބަފައިގެ ހިތަށް ތަސައްލީއެއް ލިބިގެން ދާނެހެއްޔެވެ.

ސްކޫލްތައް ހުޅުވިގެންގޮސް ކިޔަވައިދެވެން ފެށުނު ދުވަހާ ޖެހިގެން އައި ދުވަހުގައި އިވިގެންދިޔަ އަޑަކީ، މާލޭގެ އެންމެ ބައިބޯ ސްކޫލްކަމުގައިވާ އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ބައްޔަށް ފައްސިވީ އަޑެވެ. އެއަށްފަހު މިއަދު އިވިގެން މިދިޔައީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުއްޖެއްގެ އިތުރުން ގއ. ދާންދޫ ސްކޫލްގެ ގްރޭޑް 3 ގައި ކިޔަވަމުންދާ ދަރިވަރަކު ބައްޔަށް ފައްސިވީ ޚަބަރެވެ.

ޗުއްޓީއަށްފަހުގައި އަލަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއެކު އަތޮޅުތެރޭގެ ރަށެއްގެ ސްކޫލެއްގެ ތުއްތު ކުދިންތަކެއް ސްކޫލުގައި-: ފޮޓޯ: ކަނޑޫދޫ ސްކޫލް/ އެފްބީ

ޙައްލަކީ ކޮންޓެކްޓް ނުވެއޭ ބުނުމެއް ނޫނެވެ. ނުވަތަ ޢަދަދުތައް "ވަންހަނާ" ކުރުމެއްވެސް ނޫންމެއެވެ. ޙަޤީޤަތް ޤަބޫލުކުރުމާއެކު ޙާލަތާ އެއްގޮތަށް ޢިޚްލާސްތެރިކަމާއެކު ޒިންމާދާރުވުމެވެ. ފުރަތަމަ ކޮޅުގައި، މުޅިއެތި "ފަޅައިގެން" ދާންދެން "އޮބި" އެޅިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ޢަމަލުކުރެވިއްޖެނަމަ ޢާޚިރު ނަތީޖާއާއެކު ލިބިގެންދާ ބަދުނާމުވެސް އިންތިހާއަށް ބޮޑުވާނެ ނޫންހެއްޔެވެ.

ކޮވިޑް-19 ގެ ޖަމާޢީ ފެތުރުމެއް މިހިނދުވެސް އޮތް މާލޭ ސަރަޙައްދަށް ދަރިވަރުން ގެންދިއުމަށް މައިންބަފައިންނަށް މަޖްބޫރު މިކުރެވެނީ އެޑިއުކޭޝަން ކޮންފަދަ މަޖްބޫރީ ޙާލަތެއްގައި އޮތުމުންހެއްޔެވެ. ދަރިންނަށް ތަޢުލީމު ދިނުމަށް ކިތަންމެ ބޭނުންވިނަމަވެސް އެދަރިން ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ނުދާނެކަން ކަށަވަރުކުރުން މާ އައުލާކަން ބޮޑުނޫންހެއްޔެވެ.

ފުރަތަމަ ޞިއްޙަތެވެ. އެއަށްފަހުގައި ތަޢުލީމު ނޫންހެއްޔެވެ. ތިން ހަތަރު އަހަރުގެ ތުއްތުކުދިންނަށް ދާނެދެން އެއްތަނަކަށް އެއްކޮށްގެން "ބޮޑިކޮށް" ގެން މިހިނދަށް ކަންތައްތަކެއް ނުކުރިނަމަވެސް، މިހިނދަށްވެސް ތަޢުލީމު ފޯރުކޮށްދެވޭނެ ތަފާތު ޒަމާނީ ވަޞީލަތްތައްވެސް އެބަހުރި ނޫންހެޔެވެ.

"ރައްކާވެތިބިއްޔާ ދަތުރޭ" ބުނެ އުޅެވޭ ބީދައިން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެވުމުން ހައްތަހާވެސް ތަޢުލީމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *