Ad

އިބްރާހިމް ވަހީދު "ބޮޑުބެ"ގެ މަންމަގެ ހަނދާނުގައި އަސަރުން ފުރިގެންވާ މަދަހައެއް!

މޯލްޑިވިއަން އައިޑޮލް އިން ވިދާލި އިބްރާހިމް ވަހީދު "ބޮޑުބެ"ގެ މަންމަގެ ހަނދާނުގައި އަސަރުން ފުރިގެންވާ ޙާއްޞަ މަދަހައެއް ހަދިޔާކޮށްފިއެވެ.

އިބްރާހިމް ވަހީދު- ބޮޑުބެ ގެ ފޭސްބުކް ޕޭޖުގައި މި މަދަހަ ޚިއްޞާ ކުރަމުން ބޮޑުބެ ބުނެފައިވަނީ މި މަދަހަ ޚާއްޞަކޮށްފައިވާނީ ދުނިޔެ ދޫކޮށްފައިވާ ހުރިހާ ލޮބުވެތި މަންމައިންނަށް ކަމަށެވެ. މަންމަ ނެތުމުން ދަރިޔަކަށް ކުރާނެ އަސަރު މި މަދަހައިން ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވެއެވެ.

މި މަދަހައިގެ ޅެން ހައްދަވާފައިވަނީ ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަޙުމަދު އަލީއެވެ. މަދަހަ ރިކޯޑުކޮށްފައިވަނީ އަލިފުށީ އަބްދުﷲ ޝާފިއުއެވެ.

"މި ޅެމަކީ އެންމެހާ ލޮބުވެތި މަންމަ އިންނަށް ދަރިއެއްގެ ހިތުގެ އުދާސްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޅެމެކެވެ. މި ދުނިޔެ ދޫކޮށްފައިވާ ހުރިހާ އަޚުންނާއި އުޚުތުންގެ މަންމަ އިންނަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން." މި މަދަހަ ފޭސްބުކްގައި ޚިއްޞާކުރަމުން ބޮޑުބެ ބުނެފައިވެއެވެ.

"މަންމަ ނިޔާވީ ވަރަށް ފަހުން. މި މަދަހަ ކިޔާފަ މިއިނީ އަސްލު މަންމަގެ ހަނދާނުގަ. މަންމަ ނެތުމުން ދަރިއެއްގެ އިހުސާސް މަދަހައިގަ ކިޔާދީފަ އިންނާނީ." ބޮޑުބެ ބުންޏެވެ.

މި މަދަހަ ބޭސްބުކްގައި ޚިއްސާކުރުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މި މަދަހަ ޝެއާކޮށްފައިވާއިރު ސާޅީސް ހާހާ ގާތްކުރާ އަދަދަކަށް މި މަދަހަ ވަނީ ބަލާފައެވެ.

މި ޅެމަކީ ވަރަށް ފުރިހަމަ ޅެމެއް. މި ޅެން މިހާ ފުރިހަމަ މިވީ މި މަދަހަ ބޮޑުބެ ކިޔާލާފަ އިންލެއް ފުރިހަމަކަމުން. މަދަހައިގަ ބުނާ ކޮންމެ ބަހެއް ބޮޑުބެގެ އަޑުންނާއި މޫނުމަތިން ސިފަކޮށްދީފަވޭ. އަނެއްހެން ބުނަންޏާ ހިތުގެ އެންމެ ހިމަ ނާރަށްވެސް މީގެ އަސަރުކޮށްލާ. މި އަޑުއަހާ ގަޑީގައި މުޅި މީހާ ސައިލެންޓްކޮށްލާ. ވަރަށް ފުރިހަމަ ހުށަހެޅުމުން." މި މަދަހައާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔަކު ބުންޏެވެ.

ބޮޑުބެ ބުނީ މި މަދަހައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މި މަދަހަ މި ގެނެސްދެވުނީ ވަރަށް ގިނަ މީހުންގެ އެއްބާރުކުމާއެކު. މިފުރުޞަތުގައި އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ އަލީ ޝަހީމް، ހުސެެއިން އާޒިމް (ހުސެއިން ކުޑޫ) އަލީ އާޒިމް، ބާޓިން، ޖައިލަމް، އިޝާން، ހަސަން އިރުޝާން(ނައިކް)، ހަސަން އާމިރު، އަހުމަދު އަލީ، އަބްދުﷲ ޝާފިއު، އަލީ ފައިސަލް އަދި ކޮމަންޑޫ ކައުންސިލަށް. ދެން ނަން ހާމަނުކުރެވުނު ނަމަވެސް މިކަމުގައި އެހީތެރިވެދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ބޮޑުބެ ބުންޏެވެ.

ބޮޑުބެ މަންމައާއި މި ދުނިޔެ ދޫކޮށްފައިވާ އެންމެހާ މުސްލިމުންނަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *