Ad
ކަނޑޫދޫ ޞިއްޙީމަރުކަޒުގައި އެމްބިއުލާންސް ޑްރައިވަރަކު ނެތުމުގެ ސަބަބުން ބަލިމީހަކު އިމަޖެންސީގައި ބަރޯގައި މަރުކަޒަށް ގެންދެވެނީ-: ފޮޓޯ: އިރުވަރު
ކަނޑޫދޫ ޞިއްޙީމަރުކަޒުގައި އެމްބިއުލާންސް ޑްރައިވަރަކު ނެތުމުގެ ސަބަބުން ބަލިމީހަކު އިމަޖެންސީގައި ބަރޯގައި މަރުކަޒަށް ގެންދެވެނީ-: ފޮޓޯ: އިރުވަރު

ކަނޑޫދޫގައި އެމްބިއުލާންސް އޮވެމެ ޑްރައިވަރު މަޤާމު ހަމަނުޖެހުމުން ބަލިމީހުން ބަރޮލުގައި މަރުކަޒަށް

ތ. ކަނޑޫދޫ ޞިއްޙީމަރުކަޒުގައި އެންބިއުލާންސެއް އޮތްނަމަވެސް ޑްރައިވަރު ޗުއްޓީނެގުމަށްފަހުގައި ވަޒީފާއަށް ނުނިކުމެ ވަކިވެފައިވާތީވެ، ބަރޮލެއްގައި މަރުކަޒަށް ބަލިމީހުން އުފުލަން ޖެހިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އިސްރަށްވެއްސަކު ކުއްލިގޮތަކަށް ބަލިވުމާއި ގުޅިގެން އަވަސް ފަރުވާއަށް ބަރޮލެއްގައި މަރުކަޒަށް ގެންދަން ޖެހުމުގެ ސަބަބުން އުފުލަން ޖެހުނު ދަތިތަކާއި ފެނުނު މަންޒަރުތަކާހުރެ ޢާންމު ރައްޔިތުންގެ ފާޑުކިޔުމާ ހިތްހަމަނުޖެހުން އެކަމަށް އަމާޒުވެގެން ދިޔައިރު، އެމްބިއުލާންސް ޑްރައިވަރަކަށް ހުރި ފަރާތް އަހަރީ ޗުއްޓީނަގައިގެން މާލެ ބަދަލުވުމަށްފަހުގައި އެނބުރި ވަޒީފާއަށް ނުކުތުމަށް ބޭނުން ނުވާތީވެ، އެންމެ އަސާސީ އެޚިދުމަތް ރަށުގެ ރައްޔިތުންނަށް މެދުކެނޑިފައި އޮންނަތާ މިހާރު މަހެއްހައި ދުވަސްވެއްޖެކަން މިނޫހަށް ކަށަވަރު ކުރެވިފައި ވެއެވެ.

ދިމާވާ ޞިއްޙީ ކުއްލިޙާލަތުގައި ބަލިމީހާ އަވަސް ފަރުވާއާހަމަށް ވާޞިލުކޮށްދޭނެ އެންމެ މުހިންމު އެއްވަޞީލަތް ކަމުގައިވާ އެމްބިއުލާންސްގެ ޚިދުމަތް ކަނޑޫދޫ ރައްޔިތުންނަށް މިހިނދު ލިބިގެންދަނީ، އެމްބިއުލާންސް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ޢާންމު ރައްޔިތަކު މަދަދުގާރުވެގެން އެކަން ކޮށްދިނުމުން އެކަންޏެވެ. ނޫންނަމަ ޖެހޭނީ ވީލްބަރޯ ނުވަތަ އަތްގާޑިޔަލުގައި ބަލިމީހުން އުފުލަންކަން އިއްޔެ ފެނުނު މަންޒަރުންވެސް ކަށަވަރުވެފައި ވެއެވެ.

ކަނޑޫދޫ ޞިއްޙީމަރުކަޒުގައި އެމްބިއުލާންސް ޑްރައިވަރަކު ނެތުމުގެ ސަބަބުން ޚިދުމަތް ނުދެވި ގޯތިތެރޭގައި ޕާކްކޮށްފައި-: ފޮޓޯ: އިރުވަރު

އެންބިއުލާންސް ޑްރައިވަރަކު ނެތި މަހެއްހައި ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އިއްޔެ ހިނގައިދިޔަ މި ޙާދިސާއާ ގުޅިގެން މަރުކަޒުގެ ބަހެއް ހޯދުމަށް މިނޫހުގެ ފަރާތުން ކުރިމަސައްކަތުން ކަށަވަރުވެގެން ދިޔައީ، ޑްރައިވަރެއްގެ މަޤާމަށް މިހިނދުވެސް އެދިފައި ވާކަމާއި، މަޤާމަށް އިޢުލާނު ކުރުމުގެ ހުއްދަ ހަމަޖެހިގެން ދިއުމަށް އަދި ދުވަސްކޮޅެއް ނަގާނެކަމެވެ.

ކަނޑޫދޫ ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެހުންނެވި އެޑްމިނިސްޓްރޭޓަރ ހެލްތް ސާރވިސަސް ޢަބްދުﷲ މުފީދު މިނޫހަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި، ޑްރައިވަރެއްގެ މަޤާމަށް މިހިނދުވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް ކުރިން ވަޒީފާގައި ހުރި ފަރާތް ރަސްމީކޮށް ވަޒީފާއިން ވަކިކުރުމުގެ ކަންކަން އަދި ފުރިހަމަ ނުވުމުން އައު ޑްރައިވަރެއް ހޯދުމަށް އިޢުލާނުކުރުމުގެ ހުއްދަލިބިގެން ޑްރައިވަރަކު ހަމަޖެހިގެން ދިއުމަށް އަދިި ދުވަސްކޮޅެއް ނަގާނެކަމަށެވެ.

ވަގުތީގޮތުންވެސް ޑްރައިވަރަކު ހަމަޖެހި އެމްބިއުލާންސް ގެ ޚިދުމަތް ކަށަވަރު ކުރެވިފައި ނުވާކަމަށާއި، ކުއްލި ޙާލަތާއި މުހިންމު ބޭނުންތަކުގައި އެންބިއުލާންސްގެ ޚިދުމަތް ބައެއްފަހަރު ފޯރުކޮށްދެވެނީ ވެސް، ޢާންމު ފަރުދުންގެ އެހީތެރިކަމާ އެކުގައި ކަންވެސް މުފީދު ފާހަގަކުރެއްވިއެވެ.

ޙައްޤު ކިތަންމެ އަސާސީ ވީނަމަވެސް، ކުދި އާބާދީތަކަށް އެޙައްޤުތަށް ކަށަވަރުކޮށްދިނުމުގައި އަޅާލުމެއް ނުދެވި ސަރުކާރުތަކުން އިހުމާލުވެގެން ދާކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. އާބާދީގައި ހާހުން މީހުން ދިރިއުޅެމުން ނުދިޔަނަމަވެސް ކަނޑޫދޫގެ ރައްޔިތުންނަށް ޙައްޤުމިންވަރަކީ، ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި އެމްބިއުލާންސެއް އޮވެމެ ޑްރައިވަރެއްގެ ވަޒީފާ ހަމަނުޖެހިގެން އެމްބިއުލާންސްގެ ޚިދުމަތް ނުލިބި، "ކުޅި މިރުސް" އުފުލާ ވީލް ބަރޯއާއި ދަމާ ގާޑިޔާގައި ބަލިމީހުން އުފުލަން ޖެހުންކަން ޤަބޫލުކުރުމަކީ އެމަދު ރައްޔިތުންނަށްވެސް ފަސޭހަކަމަށް ނުވާނެކަން ޔަޤީންނޫންހެއްޔެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *