ހިންދޫ ދީނުގެ ބަޔަކު އެބައިމީހުންގެ ދީނީ ޢީދެއް ކަމުގައިވާ ޕޮންގަލް ޢީދު ދުވަސް އެކުވެނީގެ ދަނޑުގައި ފާހަގަކުރި މައްސަލަ ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއަޅުއްވައިދެއްވުމަށާއި އެކަމުގައި ބައިވެރި މީހުންނަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވައިދެއްވުންއެދި ރާއްޖޭގެ ދީނީ ޢިލްމުވެރީންގެ ފަރާތުން އިސްލާމިކް މިނިސްޓަރަށް ސިޓީއެެއް ފޮނުއްވައިފިއެވެ.
ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރީންހެން ނިޞްބަތްވެވަޑައިގަންނަވާ ކޯލިޝަނެއްކަމުގައިވާ "ޢިލްމުވެރިންގެ ގުޅުން" މަދަނީ ޖަމިއްޔާގެ ނަމުގައި އިސްލާމިކް މިނިސްޓަރަށް މިއަދު ފޮނުވާފައިވާ ސިޓީގެ ފެށުމުގައި ބުނެފައި ވަނީ، މި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމުގެ އަސާސް ކަމުގައިވެފައި ވަނީ، ހަމައެކަނި އިސްލާމް ދީނަށް ތަބާވާ އެއްބައެއްގެ ގޮތުގައި އޮތް އޮތުންކަމަށާއި އަދި އެއްބައިވަންތަކަމުގެ އައްޑަނައަކީވެސް އިސްލާމް ދީންކަމުގައެވެ.
"އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެމަތިވެރި ނިޢުމަތަށް ޙަސަދަވެރިވެ، މިޤައުމުގެ އެއްބައެއްވަންތަ ކަމުގައި ރެނދުއަޅުވައި މިލޮބުވެތި ފަސްގަނޑުގައި ބައިބައިވުމާއި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ ޢަދާވާތްތެރި ކެނޑި ނޭޅި ރެއާއި ދުވާލު މަސައްކަތްކުރަނީ މި ވަތަނުގައި އޮތް އިސްލާމީ ވަޙްދަތު ފުނޑުފުނޑު ކޮށްލަންކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދަނީ ފެންނަމުންނެވެ"
ބޭރުގެ އެކިއެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ޣައިރު ޤާނޫނީ ފަންޑު ހޯދައިގެން އިސްލާމް ދީނާ މެދު ނަފުރަތު އުފައްދައި ރައްޔިތުންގެ އިޙްސާސްތަކާއި ވިސްނުމާ ދީނީ ބައިބައިވުން އުފައްދަން ކުރެވެމުންދާ މަސައްކަތްތަކަށް އިޝާރާތްކޮށް އެސިޓީގައި ބުނެފައި ވެއެވެ.
އެފަދަ ނޭދެވޭ ޢަމަލުތަކަށް ދެވެންޖެހޭފަދަ އެކަށީގެންވާ ރައްދެއް ކަމާބެހޭ އިދާރާތަކުގެ ފަރާތުން ދެވިފައި ނެތްކަމާއި، ޤާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ޝަރުޢީ މަޤާޞިދު ޙާޞިލުވަމުން ދާތަންވެސް ފެންނަން ނެތްއިރު، ފެންނަމުންދަނީ ދީނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތައް ބާރުވެރިވެ، އެފަދަ ކަންކަން ތަކުރާކުރަމުންދާ ތަންކަން ފާހަގަކޮށް މިސިޓީގައި ޢިލްމުވެރީން ކަންބޮޑުވުން ފާޅުކުރަށްވާފައި ވެއެވެ.
"ބޭރު ޤައުމުތަކުގެ ބިދޭސީންވެސް އެއްވެސް ޖެހިލުންވުމެއް ނެތި އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޚިލާފަށް އެބައިމީހުންގެ ބާޠިލު ދީންތަކުގެ ޢީދުތައް ފާހަގަ ކުރާ މަންޒިލަކަށް މިޤައުމު ހަދަމުން ދާމަންޒަރު ދަނީ ޢާންމުވަމުންނެވެ. އަދި އެފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި ފިޔަވަޅުތައް އެޅުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން ވެސް އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ އިތުރުން އެކަންކަމަށް ލޯމަރާލައިގެން ހަނު ތިބުމަކީ ރަނގަޅު ގޮތެއްނޫންކަން ފާހަގަކުރަމެވެ. މިފަދަ ކަންކަން ދިވެހި އިސްލާމީ ފަސްގަނޑުގައި މަޑުމަޑުން ވަކިހިއްޕަމުން ދިއުމަކީ، ދިވެހި ލޮބުވެތި ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުންވެސް އެކަމާމެދު ނުހަނު ކަންބޮޑުވުން ހުރި އަދި އެކަންކަމަށް ކަނޑައެޅިގެން އިންކާރު ކުރާ ކަމެކެވެ."
އިސްލާމްދީނާ ޚިލާފު ޢަމަލުތައް ރާއްޖޭގައި ހިންގައި އެކަންކަން ފެތުރުމަށް މަސައްކަތްކުރާ އެއްވެސް ބަޔަކަށް އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި، އެފަރާތްތައް އެމީހުންގެ ޤައުމަށް ސަލާމަތްތެރިކަމާއެކު ފޮނުވައިދިނުމުގެ ބަދަލުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދެވޭނެގޮތަށް ކަންކަން ކުރެއްވުމަށް މިނިސްޓްރީގެ ފަރާތުން ބާރުއަޅުއްވައި ދެއްވުމަށްވެސް އެސިޓީގައި އިސްލާމިކް މިނިސްޓަރުގެ ކިބައިން އެދިފައި ވޭމެއެވެ.
އިސްލާމީ މިދައުލަތުގައި ހިންގަމުންދާ އިސްލާމްދީނާ ޚިލާފު އެފަދަ ކަންކަމަކީ ދީނީގޮތުންނާއި ދުނިޔެވީ ގޮތުންވެސް މިޤައުމާއި ރައްޔިތުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދާނެ ފަދަ ޚުޠޫރަތްތެރި ކަންތައްތައްކަމަށްވެސް ޢިލްމުވެރިންގެ ގުޅުން ފަރާތުން އިސްލާމިކް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
2 Responses
kenee balaaverikan ais raajje halaakukoh nimmaafa oiy minvaru mi fennanee. gaumahgadjdharvi kushugai e geves jeheynee nagan
Keekuraanee..jahaalathuge seyhun fisaa ah dheenvikkaa laigen ethibee..rahyethu meehaa ah vaanuvaa vrs neygey.kobaa dhuvaa vikkaa baagadu…