Ad
ރައީސް ޔާމީން މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް-: ފޮޓޯ: ހައިކޯޓް
ރައީސް ޔާމީން މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް-: ފޮޓޯ: ހައިކޯޓް

ފަނޑިޔާރު ނިޔާޒަށް ކުރީ ސަރުކާރުގެ ލިސްޓުގައިވެސް ފްލެޓް ލިބިވަޑައިގެންނެވި

ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމަށް މިއަދު ހައިކޯޓުން ތާއީދުކުރެއްވި ބެންޗުގައިވެސް ހިމެނިވަޑައިގެންނެވި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒަށް ހައުސިން މިނިސްޓްރީ އިން 2018 ވަނަ އަހަރު އިޢުލާނުކުރި ލިސްޓްގައިވެސް ފްލެޓް ލިބިވަޑައިގެންފައިވާކަން ގެޒެޓްކޮށްފައިވާ މަޢުލޫމާތުން ހާމަވެއްޖެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފްކުރެއްވި މައްސަލައިގައި އެކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗްގެ އަޣްލަބިއްޔަތުން ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކުރަށްވައި މިއަދު މެންދުރުފަހު ޙުކުމްކުރަށްވާފައި ވާއިރު، ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމަށް ތާޢީދުކުރެއްވި ފަނޑިޔާރު ނިޔާޒަށް ހިޔާ ފްލެޓް ލިބިވަޑައިގެންފައިވާ ކަމުގެ ޚަބަރު މިރޭގެ އިރާކޮޅުގެ ވަގުތެއްގައި އޮންލައިން ނޫހެއްގައި، "ރައީސް ޔާމީންގެ ޖަލު ޙުކުމަށް ތާޢީދު ކުރި ފަނޑިޔާރަށް ފްލެޓެއް!" މި ސުރުޚީގައި ލިޔެފައިވެއެވެ.

ފާއިތުވެދިޔަ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް2 ގައި ޢިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ލިބޭފަރާތްތަކަށް ދައުރުގެ އެންމެ ފަހު ދުވަސްވަރުގައި ލިޔުންވެސް ޙަވާލުކޮށްފައި ވީނަމަވެސް، އެލިޔުންތަށް "ބާޠިލުކޮށް" ފްލެޓަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްދެވޭ އުޞޫލުވެސް އިޞްލާޙުކުރުމަށްފަހުގައި މިސަރުކާރުން ރައީސް ޞާލިޙް އެކުލަވާލެއްވި ފްލެޓް ކޮމިޓީ އިން ވަނީ އަލުން ޕޮއިންޓްދިނުމަށްފަހުގައި ލިސްޓްތައް ޢާންމުކޮށްފައެވެ،

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރުމަށްފަހު "ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީ އިން ފްލެޓްލިބޭ ފަރާތްތަކުގެ މަޢުލޫމާތު ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައި ރައީސް އޮފީހުގެ ފަރާތުން ޢާންމުކޮށްފައި ވާއިރު، އެއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ވަގުތީ ލިސްޓް1″ ގައި 84.55 ޕޮއިންޓް ލިބިވަޑައިގެން ލިސްޓުގެ 24 ވަނައިގައި ފަނޑިޔާރު ނިޔާޒު ހިމެނިވަޑައިގެން ފްލެޓް ލިބިވަޑައިގެންފައި ވާކަން އެނގެއެވެ.

އަދިހަމަ، 2018 ވަނަ އަހަރުގައި ހައުސިން މިނިސްޓްރީން ޕޮއިންޓް ދީފައިވާ ގޮތަށް ބަލާއިރުވެސް ފަނޑިޔާރު ނިޔާޒަށް ހިޔާ ފްލެޓް ލިބިވަޑައިގެންފައި ވާކަންވެސް، އެލިސްޓުން އެނގިގެން ދެއެވެ. ރައީސް ޔާމީންގެ ސަރުކާރުން ޢާންމުކުރި ލިސްޓްގައި ނިޔާޒަށް 85 ލިބިވަޑައިގެންފައި ވާއިރު، ފްލެޓް ކޮމިޓީން އިޞްލާޙުކޮށް ޢާންމުކޮށްފައިވާ 0.45 ޕޮއިންޓް އުނިކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފްލެޓްކޮމިޓީ އިން އިޢުލާނުކޮށްފައިވާ ލިސްޓުގައި ފަނޑިޔާރު ނިޔާޒަށް ޕޮއިންޓް ލިބިވަޑައިގެންފައިވާ ގޮތް-: ފޮޓޯ: ގެޒެޓް / ސްކްރީން ފޮޓޯ

ކުރިން ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް 2018 ޖެނުއަރީ 25 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެވުނު ނިޔާޒަކީ، 25000 ރުފިޔާގެ މަހުކުއްޔަށް ކުރީގެ ޢަރަބިއްޔާ ޢިމާރާތުގެ ފްލެޓެއްގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެއްކަން މިނޫހަށްވަނީ ކަށަވަރުވެފައެވެ.

ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް ހިމެނޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފަނޑިޔާރު މުޙައްމަދު ނިޔާޒަށް ވައިކަރަދޫން ލިބިފައިވާ ގޯތި އޭނާގެ ކޮއްކޮ އަޙްމަދު ނިޔާޒުގެމައްޗަށް ބަދަލުކުރުމަށްފަހު، ކުޅުދުއްފުށީގައި ހަދާފައިވާ ރޯހައުސްތަކުގެތެރެއިން ރޯހައުސެއްވެސް އޭނާއަށްވަނީ ލިބިފައެވެ. އަދި މާލޭގެ ވަޒިފާއަށް ބަދަލުވެފައިވަނީ 2018 ގައެވެ. ހުޅުމާލޭ ދެވަނަފޭހުގައި އިމާރާތްކޮށްފައިވާ ހިޔާފުލެޓުން ފަނޑިޔާރު ނިޔާޒަށާއި، އޭނާގެ އަނބިކަނބަލުންނަށާއި، އޭނާގެ ކޮއްކޮއަށާއި، އަނެއްކޮއްކޮގެ ފިރިމީހާއަށް ވެސް ހިޔާފުލެޓު ލިބިފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *