ދެން އޮންލައިން އިން ޝާއިޢުކުރި ލިޔުމެއްގައި "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ" ޚިލާފު ކަންކަން ހިމެނޭތީވެ އެކަންކަން ބެލުމަށްފަހުގައި މީޑިއާ ކައުންސިލުން އެނޫހަށް އެންގިއެންގުމާ އެއްގޮތަށް އެނޫހުން ޢަމަލުކޮށްފައި ނުވުމުގެ ސަބަބުން އެ ކައުންސިލުން ދެން އޮންލައިންއަށް އިންޒާރުދީފިއެވެ.
ދިވެހި ނޫސްވެރިކަމުގެ މައްޗަށް ފާރަވެރިވެ ނޫސްތައް ޒިންމާދާރު ކުރުވުމުގެގޮތުން ފިޔަވަޅުއެޅުމުގެ ޤާނޫނީ ބަލަދުވެރިފަރާތް ކަމުގައިވާ މީޑިއާ ކައުންސިލުން "ދެން" އަށް އިންޒާރުދީފައި ވާކަން އެކައުންސިލުން ހާމަކޮށްފައި މިވަނީ އިއްޔެގެ ވަގުތެއްގައި ނިންމެވި އެ ނިންމެވުން މިއަދު ޢާންމުކުރަމުންނެވެ.
މީޑިއާ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައާއި އެކައުންސިލްގެ މީސްމީޑިއާގެ އެކައުންޓްތަކުންވެސް މިއަދު ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދެން އޮންލައިން އިން 25 އޮކްޓޯބަރު 2020 ގައި ޝާއިއުކުރި "ދަރިއަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ޢަމަލުކުރަން ޖެހޭތަ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމަކީ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު" އާ ޚިލާފު ލިޔުމެއްކަށެވެ.
ދެން އޮންލައިން ގެ އެލިޔުމަކީ، މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ 9 މާއްދާގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ދުރުހެލިވާން ޖެހޭނަކަމަށް ބަޔާންކޮށްފައިވާ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ލިޔުމެއްކަމަށާއި، އަދި އެމިންގަނޑުގެ 10 ވަނަ މާއްދާގައި، ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލިވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިންގަނޑާވެސް ޚިލާފު ލިޔުމެއްކަމަށްވެސް، މީޑިއާ ކައުންސިލުގެ މި ޢާންމު އެންގުމުގައި ބުނެފައި ވެއެވެ.
"ދިވެހި މީޑިއާތަކުގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއާ ހިލާފު އެ ލިޔުން ވެބްސައިޓުން ނެގުމާ އެކު އާންމުކޮށް ފެންނާނެ ގޮތަށް މާފަށް އެދި 5 ނޮވެމްބަރު 2020ގެ 1300 ގެ ކުރިން ބަޔާނެއް ޝާއިއުކުރުމަށާއި އެ ނޫހުން ބޭނުން ކުރާ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް އެ ބަޔާން ފެންނާނެ ގޮތް ހެދުމަށް އެންގި ނަމަވެސް "ދެން އޮންލައިން" އިން މި ކައުންސިލުން އެންގި ގޮތަށް އާންމުކޮށް މާފަށް އެދިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަކުރާރު ނުކުރުމަށް އެ ނޫހަށް އިންޒާރު ކުރަމެވެ." މީޑިއާ ކައުންސިލުން "ދެން" އަށް ކުރިން އެންގި އެންގުމާ އެއްގޮތަށް އެނޫހުން ޢަމަލުނުކުރުމުން މީޑިއާ ކައުންސިލުން "ދެން" އަށް އިންޒާރުދީ ޢާންމުކުރި އެންގުމުގައި ބުނެފައި ވޭމެއެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން" ނުވަތަ "ފްރީޑަމް އޮފް އެކްސްޕްރެޝަން" އަކީވެސް އެއްވެސް މުޖުތަމަޢުއެއްގައި ހައްދެއް ޤައިދެއް ނެތިމެ ދޫކޮށްލެވިފައިވާ އަސާސީ ޙައްޤެއް ނޫންމެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަސާސީ ޙައްޤެއްގެ ގޮތުގައި ދެމިއޮންނަ ޙަޤީޤީ ޙައްދަކީ، އަނެކާގެ ނުވަތަ މުޖުތަމަޢުގެ ޙައްޤުތަކަށް އަރައިގަނެވޭ އިން ހުރަސްކޮށްނުދާ ފާހަގައާއި ހަމައަށެވެ.
މުސްލިމުންގެ އިތުރަށް މުޅި އިންސާނިއްޔަތައްވެސް އުޚްރަވީ ގޮތުންނާއި އަދި ހަމަ ދުނިޔެވީ ޙަޔާތުގައިވެސް އެންމެ މަންފާކުރަނިވި ގޮތްތަކަށް ޙައްޤުތައް ކަށަވަރު ކޮށްދީ މިންތަކާއި އިންތައް ކަނޑައެޅިފައިވާ އިސްލާމް ދީނުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.ބްރޯޑު ކާސްޓިންގ ކޮމިޝަން ނުވަތަ މީޑިއާ ކައުންސިލަށް ވުރެވެސް ފުރިހަމަ މޮނިޓަރިން ނިޒާމެއްގެ ތެރެއިން، އެހާމެ "ކުރު ފޮނި" ފުރިހަމަ ގައިޑުލައިންތަކާއިވެސް އެކުގައިމެއެވެ.
މީޑިޔާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މޮނިޓަރ ކޮށް ބެލެހެއްޓުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިނިވަން މުއައްސަސާއެއްވެސް ނެތްކަމަށް ހީފުޅު ކުރަށްވާނަމަ، އެ ކުށްހީގެ ޖަވާބަކަށް، ޤާފު ސޫރަތުގެ 18 ވަނަ އާޔަތް ފުދޭ ނޫންތޯއެވެ! އަދި މީޑިއާތަކުން ތަބާވާންޖެހޭ އަސާސީ މިންގަނޑަކަށް، އެޙަދީޘް ބަސްފުޅުތަކުގެ ޞައްޙަ (ތެދު) ކަމާއިމެދު މުޅި އިސްލާމީ އުންމަތުގެ އެންމެހައި ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވާ ދެފޮތް ކަމުގައިވާ، ޞަޙީހު ބުޚާރީ އަދި ޞަޙީޙު މުސްލިމު ގައި އެ ދެބޭފުޅުން ނެރުއްވާފައިވާ އަންނަނިވި ޙަދީޘް ބަސްފުޅު ފުދޭނެނަމައެވެ.
ޤާފު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރަށްވާފައިވެއެވެ. {مَا يَلْفِظُ مِنْ قَوْلٍ إِلا لَدَيْهِ رَقِيبٌ عَتِيدٌ}. މާނައީ: (އޭނާގެ ކައިރީގައި މަލާއިކަތަކު ހާޒިރުވެ ނެތި، އިންސާނާއަށް ބަހެއްގެ މިންވަރުވެސް ނުބުނެވެތެވެ)
އަދި އަލްއިމާމް ބުޚާރީ އާއި އަލްއިމާމް މުސްލިމް ރިވާކުރަށްވާފައިވާ ޙަދީޘް ބަސްފުޅުގައިވެއެވެ. (من كان يؤمن بالله واليوم الآخر، فليقل خيرًا أو ليصمت) މާނައީ: (މާތް ﷲ އާއި އަދި އާޚިރަތް ދުވަހަށް އީމާންވާ މީހަކު ކަމުގައި ވަނީނަމަ، ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނަ ހުށިކަމެވެ)
ވީހިނދު، ޒިންމާދާރު ނޫސްވެރިކަމުގެ ހަގީގީ ކޯޑް އޮފް ކޮންޑަކްޓްގެ ފުރިހަމަ އަސާސްތަށްވެސް އެނގިގެންދިއުމުގައި މުސްލިމުން މިވަނީ އިންތިހާއަށް ކުރި ހޯދާފައެވެ. މީގެ 14 ގަރުނަށްވުރެވެސް ކުރިން އިސްލާމް ދީނުގައި އެ ޕްރިންސިޕަލްސްތައްވެސް ކަނޑައަޅައި ބަޔާންކޮށްދެވިފައި ވާކަން ކަށަވަރުވެސް މެއެވެ.
ފުރިހަމަ ހަމަތައް އެބަހުއްޓެވެ. ލަމައެއް ގެންގުޅެވިއްޖެނަމަ ޙައްލުލިބިގެންދާނެ ނޫންހެއްޔެވެ.