Ad
އޯވަލް އޮފީހުގައި ޓްރަމްޕް އިންނެވިއިރު ކުރިމަތީގައި ޑައިޓް ކޯކް "ބަޓަން"، ބައިޑެން އިންނަވާއިރު އެބަޓަން ނެގިފައި-: ފޮޓޯ: އޭޕީ/ ސްޕްލޭޝް ނިއުސް

ޓްރަމްޕް އޯވަލް އޮފީހުގައި އިންނަވާއިރު ޑައިޓް ކޯކަށް އޯޑަރުކުރަށްވާ "ބަޓަން" ބައިޑަން ނަންގަވައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ހުންނަ އެގައުމުގެ ރައީސްގެ ރަސްމީ އޮފީސް، އޯވަލް އޮފީހުގައި ޓްރަމްޕް ޤާއިމުކުރެއްވި "ޑައިޓް ކޯކް ބަޓަން" އައު ރައީސް ބައިޑެން ނަންގަވައިފިއެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ރަސްމީ މަސައްކަތުގައި އެންމެ ބިޒީކޮށް އުޅުއްވާއިރު ބަޓަނަކަށް ފިއްތަވާލަށްވައިގެން "ޑައިޓް ކޯކް" ގެންނެވުމުގެ ބޭނުމުގައި އޯވަލް އޮފީހުގެ ރަސްމީ މޭޒުކޮޅުމަތީގައި އަތްފޯރާފަށުގައި ބަހައްޓަވައިގެން އަހަރުތަކަކަށް ގެންގުޅުއްވި އެ ބަޓަން، ރައީސް ބައިޑެންވަނީ ނަންގަވާފައެވެ.

އޯވަލް އޮފީހުގައި ހުންނަ ރައީސްގެ ރަސްމީ މޭޒުކޮޅުގެ މަތީގައި ހުރި މި ބަޓަން އައު ރައީސް ބައިޑެން ނެންގެވިކަން ނޫސްވެރިންނަށް ފާހަގަވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ނެގުނު ފޮޓޯތަކުންނެވެ.

ޓްރަމްޕްގެ ރިޔާސީ ދައުރުގެ ކުރީ ކޮޅުގައި ނޫސްވެރިންގެ ސަމާލުކަން ހުއްޓުނު އޭރު ގޮތް ނޭނގޭ މި ބަޓަންގެ ހަގީގަތް ޓްރަމްޕް ހާމަކޮށްދެއްވާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޯވަލް އޮފީހުގައި އިންނަވައިގެން ފްރާންސްގެ އެސޯސިއޭޓެޑް ޕްރެސްއަށް ޓްރަމްޕް ބަސްދީގަތުމެ ދެއްވުމުގެ ތެރެއިން ނޫސްވެރިޔާގެ ލޮލުގައި އަޅައިގަތް މި ބަޓަނުގެ ހަގީގަތް ޓްރަމްޕް ހާމަކޮށްދެއްވީ ޢަމަލީ ގޮތުންނެވެ. ނޫސްވެރިޔާގެ ސުވާލަށް އެއްވެސް ޖަވާބެއް ދެއްވުމަކާނުލައި އެބަޓަނަށް ފިއްތަވާލެއްވިއެވެ. ހަމަ އެހިނދު ކުއްލިއަކަށް ފެނިގެންދިޔައީ ވައިޓްހައުސްގެ ވޭޓަރަކު ރިހި ތަބަކެއްގައި ސޮޑާ ގެނެސް މޭޒުމަތީގައި ބެހެއްޓިތަނެވެ.

އެމެރިކާގެ އައު ރައީސް ބައިޑެން މަޤާމުގެ ހުވާކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، ޓްރަމްޕްގެ ގިނަ ނިނެވުންތަކެއް އަނެއްފުށަށް ޖައްސަވާފައި ވާއިރު، އޯވަލް އޮފީހުގެ އެތުރުމާއި ޑެކޯރޭޝަނަށްވެސް ބޮޑެތި ބަދަލުތަކެއް ބައިޑެން ގެންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އޯވަލް އޮފީހުގެ ކުޑަދޮރުގެ ކައިރީގައި ޓްރަމްޕް ބަހައްޓަވާފައި ހުރި، ޢަސްކަރީ ޔުނިޓްތަކުގެ ދިދަތަށްވެސް ބައިޑެން ނަންގަވާފައި ވާއިރު، އޯވަލް އޮފީހުގެ ތެރޭފައި ބެހެއްޓިފައި ހުރި، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާރޗިލްގެ މޮނިއުމަންޓްވެސް ބައިޑެން ވަނީ ނަންގަވާފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *