Ad
މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރުމުގެ ތުހުމަތުގައި މަޤާމުން ދުރުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ރަސްމީ މަސައްކަތުގެ ތެރޭގައި-: ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރުމުގެ ތުހުމަތުގައި މަޤާމުން ދުރުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ރަސްމީ މަސައްކަތުގެ ތެރޭގައި-: ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އަލީ ވަހީދުގެ ޝަރީއަތް ލައިވްކޮށް ބަލަން ބޭނުން. ރައީސް ސޯލިހް ޕްލީޒް": ޝުޖާ

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރި މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމުން، އެޝަރީޢަތް ލައިވްކޮށް ބައްލަވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަން ކޮށްދެއްވުން އެދިވަޑައިގެން ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ރައީސް ޞާލިޙުގެ ކިބައިން އާދޭސް ދަންނަވައިފިއެވެ.

ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރަށްވާފައިވާ ޝުޖާޢު މިފަދައިން އާދޭސްދަންނަވާފައި މިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

"އަލީ ވަހީދުގެ ޝަރީއަތް ލައިވްކޮށް ބަލަން ބޭނުން. ރައީސް ސޯލިހް ޕްލީޒް. ކެރޭނެ؟" 

ރޭޕްކުރަން އުޅުމުގެ ކުށްވެސް ހިމެނޭގޮތަށް ޖިންސީގޯނާގެ ގިނަ ދަޢުވާތަކެއް އުފުލިފައިވާ ޢަލީ ވަޙީދުގެ ޝަރީޢަތް ލައިވްކޮށްދެއްވުމަށް ރައީސް ޞާލިޙްގެ ކިބައިން އާދޭސްދަންނަވައި ކުރެއްވި ޓްވީޓުގައި ޝުޖާޢު އައްސަވާފައި ވޭމެއެވެ.

ފާއިތުވެދިޔަ ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތިވީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވީ މޭޑޭ މުޒާހަރާގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން ރާއްޖެއިން ބޭރުގައި ހުންނަވައިގެން މިސަރުކާރު ވެރިކަމަށް ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޢަލީ ވަޙީދަށް ބޮޑެތި "ސިއްރު" ތަކެއް އެނގިވަޑައިގަންނަވާކަމަށް އިދިކޮޅުގެ އިތުރުން އެހެނިހެންވެސް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އެމަނިކުފާނާ ދެކޮޅަށް އޭރުގެ އިދިކޮޅުން ކުޅުނު އެންމެހައި "ކުޅި" އެއްގެ ފުރިހަމަ މައުލޫމާތުތަކުގެ އިތުރުން މިސަރުކާރުގެ އެންމެ އިސްވެރީންވެސް ޖެހިލުންވެ ވަޑައިގަންނަވާ އެތަކެއް މަޢުލޫމާތެއް ޢަލީ ވަޙީދުގެ އަތުގައި ހުރިކަމަށްވެސް ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރުމާއި ރޭޕްކުރަން އެޅުމުގެ ތުހުމަތުވެސް ޚުދު އެމުވައްޒަފުންގެ ދުލުން ސީދާ ރައީސް ޞާލިޙަށްވެސް ކިޔައިދީފައި ވާކަމަށާއި އަދި އެވާހަކަތައް އަޑުއިވިވަޑައިގެންނެވުމުން އެމަނިކުފާނަށް ކީރިތިކުރެއްވުނުކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައި ވީނަމަވެސް، އެފަދަ ސީރިއަސް މައްސަލަތަކެއްގެ ތަހުގީގު މަރްޙަލާގައިވެސް ޢަލީ ވަޙީދު ހައްޔަރުކޮށްފައި ނުވާތީވެ ގިނަބައަކު ފާޑުކިޔާފައި ވާއިރު، ދަޢުވާ އުފުލި ޝަރީޢަތް ފެށުމަށް ތާވަލުކުރެވުނުއިރު ވެސް، ޝަރީޢަތް ނިމެންދެން ޢަލީ ވަޙީދު ބަންދުކުރުމަށް އެދިފައި ނުވާތީވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމްވެސް ޕީޖީއޮފީހަށް މިއަދު ފާޑުވިދާޅުވެފައި ވެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތްތައް ފެށުން އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވާއިރު، އެމައްސަލައާ ގުޅިގެން ޢަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލިފައި ވާކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *