Ad
ބާލީގެ ފުލުހުން މާސްކު އެޅުމުގެ ޤަވާޢިދާ ޚިލާފުވީ ދެފަތުރުވެރިއަކުލައްވައި ޕުޝް-އަޕްސް ހައްދުވަނީ-: ފޮޓޯ: ޕަބްލިކް އޯޑަރ އޭޖެންސީ
ބާލީގެ ފުލުހުން މާސްކު އެޅުމުގެ ޤަވާޢިދާ ޚިލާފުވީ ދެފަތުރުވެރިއަކުލައްވައި ޕުޝް-އަޕްސް ހައްދުވަނީ-: ފޮޓޯ: ޕަބްލިކް އޯޑަރ އޭޖެންސީ

މާސްކުނާޅާ ޓޫރިސްޓުންނަށް ޕުޝް-އަޕްސް ހަދަން ޖައްސުވަނީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކުއެޅުމަށް މަޖްބޫރުކުރެވިފައިވާ އުޞޫލުތަކާ ޚިލާފުވާ ފަތުރުވެރިންލައްވައި ޕުޝް-އަޕްސް ހަދަން އިންޑޮނީސިއާގެ ފުލުހުން ޖައްސުވަން ފަށައިފިއެވެ.

އިންޑޮނީސިއާގެ ޕަބްލިކް އޯޑަރ އޭޖެންސީ ގެ ފުލުހުންނާ ޙަވާލާދީ ބައިނަލް އަޤްވާމީ ބޮޑެތި ނޫސްތަކުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، މާސްކުނާޅައި ޢާންމު ތަންތަނަށް ނުކުމެއުޅެމުންދާ ފަތުރުވެރިން، 9 އޮސްޓްރޭލިއާ ޑޮލަރުން ޖުރުމަނާކުރެވޭއިރު އެފައިސާ ނުދައްކާނަމަ އޮތް އޮޕްޝަނަކީ 25 ޕުޝް-އަޕްސް ހެދުން ނުވަތަ މަގުމަތި ކުނިކެހުމެވެ.

އެ އޭޖެންސީ އިން ޢާންމުކޮށްފައިވާ ފޮޓޯތަކުންވެސް، ބާލީގެ ފުލުހުން ޓޫރިސްޓުން ލައްވައި ޕުޝް-އަޕްސް ހައްދުވާ މަންޒަރު ފެނިގެންދެއެވެ.

ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން މާސްކުއެޅުމުގެ ޤަވާޢިދުތަކާ ޚިލާފު ޢަމަލުތައް އިންތިހާއަށް ތަކުރާރުވަމުންދާކަމަށާއި އެފަދަ ކަންކަން އިޞްލާޙުކުރުމަށް އިރުޝާދުދެވުމުން ފަތުރުވެރިންގެ ފަރާތުން ފުލުހުންނަށް ފުރައްސާރަތައް ކުރިމަތިވާ ކަމަށްވެސް، އިންޑޮނީސިއާގެ ޕަބްލިކް އޯޑަރ އޭޖެންސީ ފުލުހުންގެ ވެރިޔާ ސޫރިޔާ ނަގަރާ އާ ޙަވާލާދީ އޭބީސީ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

"ކިހިނެއް އަހަރެން އަޅާނުލާ ހުންނާނީ. ބައެއް ފަހަރުން އަހަރެމެންނަށް ހީވޭ އަހަރެމެންގެ އަމިއްލަ ޤައުމުގައި (ފަތުރުވެރިން) އަހަރެމެން ނަހަމަގޮތުގައި ބޭނުންކޮށްލާހެންވެސް" ފަތުރުވެރިންގެ ފަރާތުން ފުލުހުންނަށް ކުރިމަތިވާ ފުރައްސާރައާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ސޫރިޔާ ނަގަރާ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކާ ޚިލާފުވުމުގެ 8860 މައްސަލައެއް ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ބާލީގައި ފާހަގަކުރެވިފައި ވާއިރު، އޭގެ ތެރެއިން 80 އިންސައްތަ މައްސަލަތަކަކީ، ފަތުރުވެރިން ޤަވާޢިދާ ޚިލާފުވެފައިވާ މައްސަލަތަކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފުށުންވެސް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެދިފައިވާ ޤާވާޢިދުތަކަށް ބޯނުލަނބާ މަންޒަރުތައް ފެންނަމުންދެއެވެ.

ދާދިފަހުން ޕާކިސްތާނުގެ ސެލެބްރިޓީއަކު ރާއްޖެއައިސް މާސްކުއެޅުމުގެ ޤަވާޢިދާ ޚިލާފަށް ޢަމަލުކުރުމަށް ފަހު، އެކަން އެގޮތަށް ނުކުރުމަށް އިރުޝާދުދެއްވި ފުލުހުންނަށްވެސް ފުރައްސާރަކޮށް ޓިކްޓޮކް ކުޅެ ވީޑިއޯއެއްވެސް އިންޓަރނެޓްގައި ޢާންމުކޮށްފައި ވާކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *