Ad
ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ހައިކޯޓުގެ 4 ފަނޑިޔާރުން-: ފޮޓޯ: ހައިކޯޓް
ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ހައިކޯޓުގެ 4 ފަނޑިޔާރުން-: ފޮޓޯ: ހައިކޯޓް

ހައިކޯޓުގެ 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމައިފި

ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މަތީ މަރްޙަލާގެ ކޯޓެއްކަމުގައިވާ ދިވެހި ރާއްޖޭގެ ހައިކޯޓުގެ 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވަފައިވިއެވެ.

އެކޮމިޝަނުން މިއަދު ހާމަކުރަށްވާފައިވާ ގޮތުގައި، ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމުނު ހައިކޯޓުގެ 4 ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރަޢޫފް އިބްރާހީމާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުގެ އިތުރުން، އެކޯޓަށް އެންމެ ފަހުން ޢައްޔަނު ކުރެވުނު ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު ޢަބްދުލް ރަޢޫފާއި އަދި ފަނޑިޔާރު ޢަލީ ސަމީރާ ގުޅޭގޮތުން ބެލުމަށް ނިންމާފައިވާ ސުލޫކީ މައްސަލައަކީ، ޤާނޫނާ ޚިލާފަށް ޢިނާޔަތްތަކެއް އެފަނޑިޔާރުން ލިބިގަނެ ބަލައިގެންނެވި މައްސަލައެއްކަމަށްވެސް ޖޭއެސްސީ އިން ހާމަކުރަށްވާފައި ވާއިރު، މިމައްސަލައަކީ ކޮމިޝަންގެ އިސްނެންގެވުމުގެމަތިން 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ބައްލަވަން ފެއްޓެވި މައްސަލައެއްކަމާއި، ފާއިތުވެދިޔަ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުން ފްލެޓް ލިބިގަނެ ބަލައިގެންނެވި މައްސަލައެއްކަންވެސް، މިނޫހަށް މީގެކުރިން ކަށަވަރުވެފައި ވެއެވެ.

އަދި، ފަނޑިޔާރު ފާތިމަތު ފަރުހީޒާއާ ގުޅޭގޮތުން ސުލޫކީ މައްސަލައެއް ބެއްލެވުމަށް އެކޮމިޝަނުން މިހާރު ނިންމަވާފައި ވާއިރު، 04 އޮކްޓޯބަރު 2020 ގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އެކަމަނާ ޢައްޔަނު ކުރެވުނީވެސް އެކަމަނާގެ ސުލޫކީ މައްސަލަތަކެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައަޅާފައި ވަނިކޮށް ކަންވެސް ފާހަގަކޮށްލެވެއެވެ.

ފަނޑިޔާރު ފަރުހީޒާއާ ގުޅޭގޮތުން ސުލޫކީ މައްސަލަތަކެއް އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ހުށައެޅިތާ މަހެއްހައި ދުވަސްވެސް ނުވަނީސް، އެމައްސަލަތަކާ ގުޅޭގޮތުން ޖޭއެސްސީ އިން ވަކިއެއްޗެއް ހާމަކުރެއްވުމަކާއި ނުލައި، އެކަމަނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެއްވުމަށް ނިންމެވުމުންވެސް މީޑިއާތަކުގެ އިތުރުން ޢާންމުންގެ ފަރާތުންވެސް ޖޭއެސްސީ އަށް އޭރު ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނަވަނިކޮށް، ހައިކޯޓަށް ޢައްޔަނު ކުރެއްވުމުގެ ކުރިން، ފަނޑިޔާރު ފަރުހީޒާގެ މައްޗަށް ތުހުމަތުކޮށް ހުށައެޅުނު ސުލޫކީ މައްސަލަތަކާ ގުޅިގެން ޖޭއެސްސީ އިން އެއްވެސް މައުލޫމާތެއް ހާމަކުރަށްވާފައި ނުވިނަމަވެސް، މައްސަލަ ހުށައެޅި ފަރާތާ ޙަވާލާދީ އިތުބާރުކުރެވޭ ތަފާތު ގިނަ މަޞްދަރުތަކުން މިނޫހަށް ކަށަވަރުކޮށްދިން ގޮތުގައި، ފަނޑިޔާރު ފަރުހީޒާގެ މައްޗަށް ތަފާތު ކަންކަމުގައި ތުހުމަތުކޮށް ސުލޫކީ މައްސަލަތަކެއް ހުށައެޅިފައި ވެއެވެ.

މީގެ 4 ވަރަކަށް އަހަރު ކުރިން ފޭދޫ ކޯޓަށް ހުށައެޅިފައިވާ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން އެކަމަނާ ނިޞްބަތްވާ ލޯ ފާރމެއްކަމަށްވާ "ލޯ ކްރާފްޓް" ތަމްސީލުކުރާ ދިފާޢީ ވަކީލެއްގެ ގޮތުން ފަރުހީޒާ ވަކާލާތުކުރަށްވަމުން ދަނިކޮށް އެކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެކަމަނާ ޢައްޔަނުކުރެއްވުމުމާއެކު މައްސަލައިން ތަނާޒުލުވެވަޑައިގެންނެވި ނަމަވެސް، ފަހުން އެމައްސަލައިގެ ދިފާޢީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި "ލޯ ކްރާފްޓް" އަށް ނިޞްބަތްވެވަޑައިގަންނަވާ އެހެން ވަކީލަކާއެކު ތަފާތު ތަންތަނުން ބައްދަލުކުރަށްވާފައިވާ މައްސަލައަކާއި، ޝަރީޢަތުގައި ނެގުނު ހެކިބަހަކާ ގުޅޭގޮތުން މެޖިސްޓްރޭޓްގެ ރައުޔު ޝަރީޢަތުން ބޭރުގައި ހާމަތަނެއްގައި ހާމަކޮށް، ހެކިވެރިޔާ ކަނޑައެޅިގެން ދޮގުހަދާފައި ވާކަމަށް މެޖިސްޓްރޭޓް ވިދާޅުވި މައްސަލައަކާއި، އަދި ކޯޓަށް ހުށަހެޅުނު ޖިނާއީ މައްސަލައަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތާއި އެފަރާތުގެ މައިންބަފައިންނާއި އިސް މެޖިސްޓްރޭޓު ފަރުހީޒާ ބައްދަލު ކުރައްވާފައިވާ މައްސަލައެއްގެ އިތުރުން، މެޖިސްޓްރޭޓްގެ މަސްލަޙަތު ހުރިކަމެއްގައި ޢާއްމު އުޞޫލާ ޚިލާފަށް ތިން ދުވަސް ތެރޭގައި ކައިވެންޏެއް ކޮށްދިނުމަށް ބާރު އަޅާފައިވާ މައްސަލައެއްވެސް، ފަނޑިޔާރު ފަރުހީޒާގެ މައްޗަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރަކު ތިއްބަވާއިރު، ސުލޫކީ މައްސަލަތައް ބެއްލެވުމަށް ނިންމެވި 4 ފަނޑިޔާރުންގެ ތެރޭގައި އަޒްހަރު ޔުނިވަސިޓީ އިން އިސްލާމީ ޝަރީޢާއިން މަތީ ތަޢުލީމު ޙާޞިލުކުރަށްވާފައިވާ ފަނޑިޔާރު ޢަލީ ސަމީރުވެސް ހިމެނިވަޑައިގަންނަވާއިރު، ފަނޑިޔާރު ސަމީރަކީ ހައިކޯޓުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ އެކޮމިޝަންގެ މެމްބަރެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި، ހައިކޯޓުގެ ފަނޑިޔާރުކަމަށް 2007 ވަނަ އަހަރު ޢައްޔަނު ކުރެވުނު ފަނޑިޔާރު ޢަބްދުﷲ ޙަމީދަކީ އަޒްހަރު ޔުނިވަސިޓީ އިން އިސްލާމީ ޝަރީޢާއިން ސްޕެޝަލައިޒްޑްވެވަޑައިގެން ހުންނެވި އެކޯޓުގައި އެންމެ ދުވަސްވީ ފަނޑިޔާރަށްވެވަޑައިގަންނަވާއިރު، 2011 ވަނަ އަހަރުގެ ތެރޭގައި ޢައްޔަނު ކުރެވުނު، ފަނޑިޔާރު ރަޢޫފާއި، އަދި ފަނޑިޔާރު ޢަލީ ސަމީރަކީވެސް އަޒްހަރު ޔުނިވަސިޓީއިން އިސްލާމީ ޝަރީޢާއިން މަތީތަޢުލީމު ޙާޞިލުކުރަށްވާފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބޭނުމަކީ ޢަރަބި އަދި އިސްލާމީ ތަޢުލީމު އެނގޭ އެންމެން ބޭރުކޮށް އިސްލާމީ ޝަރީޢާގެ ބަސްވެސް ފުހެލުން. މިހާރު ސުޕުރިމްކޯޓުން ނެރޭކަހަލަ ހުކުމް ނެރޭތަންތަނަށް ކޯޓުތައް ހެދުން. ސަމީރާއި ޙަމީދަކީ ޙުކުމްތަކުގައި އެންމެ ރަނގަޅު ރައުޔުތައް ނެރުއްވާބޭފުޅުން ކުރިންވެސް މިހާރުވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *