ދީނަށް ގޮންޖެހުން ކުރިމަތިކޮށް ނަބިއްޔާ صلى الله عليه ގެ އަބުރުފުޅަށް ފުރައްސާރަކުރުން ސިޔާސަތުގައި ގެންގުޅޭ ޕާޓީއެއްގެ ލާދީނީކަން ފޮރުވައިދިނުމަށް ފުށްޖަހައިދޭން ހަދާ ކޯލިޝަނަކުން ދައްކާ ވާހަކަޔަކުން، އިސްލާމް ދީނަށް ލޯބިކުރާ ފަރާތްތަކަށް ޙަޤީޤަތް އޮޅި އަދިވެސް ވާވަނުމަށް ޖާގަ އެބައޮތްތޯ އައްސަވައި ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ނުސީދާގޮތެއްގައި ޢަދާލަތު ޕާޓީގެ ބައެއް އިސްވެރިންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރީން ނިޞްބަތްވެވަޑައިގަންނަވާ ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މިފަދައިން ވިދާޅުވެފައި މިވަނީ، ސަރުކާރު ކޯލިޝަންގައި މިހިނދުވެސް އޮތް ދީނީ ޢިލްމުވެރިންވެސް ނިޞްބަތްވެވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް ވާދަކުރަށްވާ ޝައިޚް ޢިމްރާން ޢަބްދުﷲ ގެ ކެމްޕެއިން ޙަރަކާތްތައް އިފްތިތާޙްކުރުމަށް ރޭ ބޭއްވުނު ޙަފްލާގައި ވާކަދައްކަވަމުން، ދީނަށް ގޮންޖެހުން ކުރިމަތިކުރާ ކޯލިޝަނެއްގައި އަދާލަތު ނޯންނާނެކަމަށް ޝައިޚް ޢިމްރާން ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރަށްވައި ކަމަށްބެލެވެއެވެ.
އިސްލާމްދީނަށް ގޮންޖަހާ ނިކަމެތިކަން ދޭ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް އެޕާޓީގެ މިހާރުގެ ރައީސް އަދި ކުރިއަށް އޮތް އިންތިޚާބުގައިވެސް އެމަޤާމަށް ވާދަކުރެއްވުމުގެ އިތުރުން އަދުގެ ކޯލިޝަން ސަރުކާރުގެ އެއް ލީޑަރުގެ މަޤާމުގައި ހުންނަވައި ހޯމް މިނިސްޓަރުކަންވެސް ކުރަށްވާ ޝައިޚް ޢިމްރާން ވިދާޅުވެފައި ވާއިރު، މި ސަރުކާރު އައި ފަހުން ދީނަށް ފުރައްސާރަ ކުރާ މީހުންގެ ޙަރަކާތްތައް އިތުރުވެ ފުޅާކޮށްފައި ވެއެވެ.
އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފަށް އެތައް ބަޔަކު ފާޅުގައި ވާހަކަ ދައްކާފައިވުމުގެ އިތުރުން ދީނުގެ ޙުކުމްތަކާއި ދެކޮޅު ހަދައި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓްނެރެ ޝާއިޢު ކޮށްފައި ވީނަމަވެސް، ހައްދުފަހަނައެޅި އެ ޖަރީމާ ހިންގުމުގައި ޝާމިލުވީ އެއްވެސް ފަރާތަކަށް ޤާނޫނީ ފިޔަވަޅެއްވެސް އަދިވެސް އެޅިފައި ނުވާއިރު އެޖަމާޢަތްތަކުގެ އިސްމަޤާމުތަކަށް ނިސްބަތްވާ މީހުން އަދުގެ ކޯލިޝަން ސަރުކާރުގެ އިސް މަގާމުގައި އަދިވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.