Ad

ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވެއްޖެއެވެ.
ކަރަންކާ ރަޝީދު އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުއެވެ. މާޗް 21، 1928 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަރަންކާ ރަޝީދު ތައުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސްރީ ލަންކާގައި ހުންނަވައިގެން މައުލޫމާތު ހާސިލް ކުރެއްވިއެވެ. އޭނާއަކީ ޒުވާން ދުވަސްވަރު ހަރަކާތްތެރި، ނުފޫޒު ގަދަ ބޭފުޅެކެވެ.
ޞާހިބުއް ސަޢާދާ އިބްރާހީމް ރަޝީދަކީ ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރެވުނު ޤައުމީ މަސައްކަތްތަކުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަރިހުގައި ޢަމަލީގޮތުން މަސައްކަތްކުރެއްވި އެންމެ ފާހަގަކުރެވޭ އެއް ޝަޚުޞިއްޔަތެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ހާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް، ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކުގައި ދާޚިލީ ވަޒީރުގެ ގޮތުންނާއި، ބޮޑުވަޒީރުގެ ނާއިބްގެ ހައިޘިއްޔަތުން އިބްރާހީމް ރަޝީދު އަދާކުރެއްވި ވާޖިބާއި އުފުއްލެވި ބުރަ މަސްއޫލިއްޔަތު ދިވެހި ތާރީޚްގައި ފާހަގަވެފައިވެއެވެ. އަދި މިނިވަންކަމުގެ ރަމްޒެއްކަމުގައިވާ ރާއްޖޭގެ އަމިއްލަ ވައިގެ ބަނދަރެއް ބިނާކުރުމުގެ ބުރަ މަސައްކަތްތަކުގައާއި، މިނޫންވެސް އެދުވަސްވަރު ދައުލަތުން ކުރެއްވި ބޮޑެތި ހުރިހާ މަސައްކަތްކެއްގައި އިބްރާހީމް ރަޝީދުވަނީ އެންމެ އިސްދައުރެއް އަދާކުރައްވާފައެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން 26 ޖުލައި 1965 ގައި ލިބުނީ މި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުންނެވެ. އިބްރާހީމް ރަޝީދަކީ ދައުލަތުގެ އިސް މަޤާމްތަކެއް އަދާކުރައްވައި ޤައުމަށް ގިނަ ޚިދުމަތްކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އިންރާހިމް ރަޝީދު އިބްރާހިމް ނާސިރު އަރިހުގައި
އޮނަރަބްލް އިބްރާހީމް ރަޝީދު ނ.ޢ.ޢ.ވ. އަދާކުރެއްވި އެންމެއިސް މަގާމުތަކަކީ ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ވަޒީީރުއްދާޚިލިއްޔާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް، ވަޒީރުއްޞިއްޙަތު، މިނިސްޓަރ އޮފް ހެލްތު ކަމެވެ.
11 ނޮވެންބަރު 1978 އިން ފެށިގެން އެމަނިކުފާނަކީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙުގަައި މީގެ 60 އަހަރުކުރިން ފެށިގެން ޙަރަކާތްތެރިވެވަޑައިގެންނެވި އެންމެތަޖުރިބާކާރު ހިންގުންތެރިވެރިއެކެވެ.
މަޢުލޫމާތު: މުޙައްމަދު ޝާތިރު
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *