އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރަކުރުމަކީ ރާއްޖޭގައި އޮންނަ ސަޤާފަތެކެވެ. އަމިއްލަ އޮފީސްތަކުން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް ޖިންސީ ފުރައްސާރައިގެ ސަޤާފަތް ވަނީ އިންތިހާއަށް މޫލާފައެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، ސަރުކާރުގެ ނުފޫޒުގަދަ މަޤާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމެއް ލިބުމަކީ، އަންހެން ކުދިންނާއި "ބެހުމަށް" ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބައެއް ވެރިން ދެކެއެވެ. މިކަމުގެ ތެދުކަން ދިވެހި މީޑިޔާގެ ސުރުހީތައް ހެކިދެއެވެ.
ކޮރަޕްޝަން ހިންގުމުގެ ވާދަވެރިކަމުން ދެ ފެކްޝަނެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ފަހު، ސަރުކާރުގެ ކުންފުނިތަކަށް ވެރިން އައްޔަނުކުރެއްވިއިރު، މި ދެންނެވި ކުންފުނި ހިންގަންވެސް ވެރިން އައްޔަން ކުރެއްވިއެވެ. ވެރިން ބަދަލުވިކަމުގައި ވިއަސް، ކުންފުނީގެ ކުރިން ހަރުލާފައިވާ ގޯސް އާދަތަކަށް ނިމުމެއް ނާދެއެވެ. ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަނުގެ އަމަލުތަކަށް ހުއްޓުމެއް ނެތެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުންފުނީގެ އެންމެ އިސްވެރިންގެ މެދުގައި އޮތީ ބައިބައިވުން އުފެދިފައެވެ. އެކަކަށްވުރެ އަނެކަކު ގިނައިން ހޯދުމުގެ ވިސްނުމުގެ ތެރެއިންނެވެ. މިކަމުގެ ޝިކާރައަށް ވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް މި ދެ ފެކްޝަނަށް ރަނގަޅަށް ބަހާ، މި ދެވެރިންގެ ދެ ފެކްޝަނަށް ވަނީ ލާފައެވެ. އެގޮތުން ކުންފުނިން މި ދެ ފެކްޝަނަށް ނިސްބަތްވާ މުވައްޒަފުންނާމެދު އަމަލުކުރަނީ ވާދަވެރި ދެ ކުންފުނިން އަމަލުކުރާ ގޮތަށެވެ. އަދި ދެ ވެރިންވެސް އެއްވެރިއަކު ކުރާ ކަންކަމަށް ފާރަވެރިވެ، މުވައްޒަފުން ލައްވާ ލިޔެކިޔުން ބަލާ، އެ ލިޔެކިޔުން ހޯދާ، އެފަދަ ލިޔެކިޔުންތައް ބޭނުންކޮށްގެން އެކަކު އަނެކަކު "ބާނާލަން" މަސައްކަތްކުރެއެވެ.
މިހާރު ވަނީ މިވާދަވެރިކަން އިންތިހާއަށް ގޮސް، ކުންފުނިން މުވައްޒަފުން ކެނޑުމާއި ވެއްދުމާ ހަމައަށް ގޮސްފައެވެ. އެއްފެކްޝަނުން މީހަކު ކަނޑާލައެވެ. އަނެއް ފެކްޝަނުން އެ މުވައްޒަފަކު އަލުން އަނބުރާ ކުންފުންޏަށް ވައްދައެވެ. މި ވާދަވެރިކަމުގައި އަދި މޮޅަށް ކުޅެނީ ބޮޑު ފެކްޝަންގެ ވެރިޔާއެވެ. މޮޅުވަނީ ވެސް އޭނައެވެ. އެގޮތުން އަނެއް ފެކްޝަންގެ މުވައްޒަފެއްގެ ގޮތުގައި ލޭބަލްވެފައިވާ މުވައްޒަފެއް ނަމަ، އެކި ކަހަލަ ޑިސިޕްލިނަރީ ފިޔަވަޅު އަޅާ، އެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައެވެ. ނޫނީ އެހެން ދިމާލަކަށް ބަދަލުކުރެއެވެ.
ވަޒީފާއިން ވަކި ކުރުމަށް އާ އުކުޅެއް
އާންމު މިންގަނޑުތަކުން ނަމަ ސަރުކާރު ވަޒީފާއިން ވަކި ކުރެވޭނީ 3 ފަހަރު ނަސޭހަތް ތެރި ވެފައެވެ. ނަމަވެސް މިފަހަކަށް އައިސް މި ކުންފުނީގެ މުވައްޒަފުންނާއި މެދު ކަންތައް ކުރަމުން އަންނަނީ މުޅިން އާގޮތަކަށެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ބޭނުންވެއްޖެ ނަމަ، ފުރަތަމަ ހާޒިރު ކުރަނީ އެޗްއާރު އޮފީހަށެވެ. ދެން އެ މުވައްޒަފެއްގެ އަތަށް ދެނީ ބަޔާނެކެވެ. ބަޔާނުގައި އޮންނަނީ އެންމެ ވާހަކައެކެވެ. އެއީ ކުންފުނީގެ މުހިންމު ލިޔެކިޔުންތައް ލީކު ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމެވެ. އެހެން ނަމަވެސް، އެއީ ކޮން ލިޔެކިޔުމެއް ކަމެއް ނޭނގެއެވެ. އަދި އެ ލީކުވެފައިވާ ލިޔެކިޔުން ތަކަށް ޒިންމާ ނަގަން ޖެހޭ ސަބަބެއް ނުބުނެއެވެ. އެ މުވައްޒަފަކު އެ ބަޔާނުގައި ސޮއި ނުކޮއްފި ނަމަ، ވަގުތުން ވަގުތަށް އެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައެވެ.
އާއްމު އުސޫލުގެ ތެރެއިން ވަޒީފާއިން ވަކި ކުރާއިރު 3 އެޕްރައިސަލް ފޯމުން އެ މުވައްޒަފަކު ދަށްވެފައި އޮންނަން ޖެހޭނެވެ. ވަޒީފާއަށް ގަޑި ޖެހިގެން އައުމުގެ އިތުރުން، އަހުލާގީ މައްސަލަ ޖެހިފައި އޮންނަން ޖެހޭނެއެވެ. ނުވަތަ ހިޔާނާތުގެ މައްސަލައެއް ޖެހިފައި އޮންނަން ޖެހޭނެއެވެ. މިގޮތުން މިފަދަ މައްސަލަތަކުގެ ބޮޑު ކުޑަމިނަށް ބަލާ، އަނގަބަހުން އިންޒާރު ދޭންޖެހެއެވެ. އެ އިންޒާރަށް ފަހު ދެން ލިޔުމުން އިންޒާރު ދޭންޖެހެ އެވެ. ދެން އިސްލާހު ނުވެއްޖެ ނަމަ ވަޒީފާއިން ވަކުރުން ނުވަތަ މަސައްކަތްކުރާ ޑިޕާރޓްމަންޓް ނުވަތަ މަސައްކަތްކުރާ ތަން ބަދަލު ކުރުން ނޫނީ މަގާމު ދައްކުރެވިދާނެއެވެ. މިކަންކަން މި އުސޫލުން ކުރުމަށްފަހު ނޫނީ ސަރުކާރުގެ ކުންފުންޏެއްގެ ދާއިމީ މުވައްޒިފަކު ވަޒީފާއިން ވަކިނުކުރެވޭނެއެވެ.
އަންހެން ކުދިން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް
ދެން އޮތީ ކޮރަޕްޝަނާއި ތަންކޮޅެއް ދުރު ވާހަކަ އެކެވެ. މިއީ މީގެ ކުރިންވެސް ފުރައްސާރަ ކުރުމާއި އަންހެން ކުދިން އެހެން މީހުންނަށް "ނީލަން ކިޔުމުގެ" ސަގާފަތް އޮންނަ ކުންފުންޏެކޭ ދެންނެވިދާނެ އެވެ. އިސްވެރިން ބަދަލުވުމަކުން މިކަމަކަށް ބަދަލެއް ނައެވެ. ކުރިއަށް ދަނީ ހަމަ ކުރިންވެސް ކުންފުނީގައި އޮތް ސަގާފަތެވެ.
ކުންފުނީގައި މަސައްކަތް ކުރާ ކޮންމެ އަންހެން މުވައްޒަފަކީ ތަނުގެ ވެރިންނަށް "މަރުހަބާ ކިޔަން" ތިބެން ޖެހޭ ބަޔަކަށް މިވަނީ ވެފަ އެވެ. އަންހެން މުވައްޒަފުން ވަޒީފާގައި ކުރިއަރަން ބޭނުންނަމަ ޖެހެނީ ވެރިންގެ ޝަހުވާނީ ބެލުންތަކަށް ކެތް ކުރާށެވެ. ވަޒީފާގައި ހޭދަކުރާ ވަގުތު ނިމުމުން ދެން ލިބެނީ ވެރިންގެ ވައިބާ މެސެޖުތަކެވެ. ރޭގަނޑުގެ ދަން ގަޑީގައި ކުރަނީ ކޯލެވެ.
ކުންފުނީގެ ވެރިންގެ ބާރު ގަދަ!
އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިންގެ މިދެންނެވި މުޑުދާރު އަމަލުތަކެއްވެސް ނޫނެވެ. ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައެއްވެސް ނޫނެވެ. ހަގީގަތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ މިދެންނެވި ކަންކަން މެދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ހިނގަމުން ދާއިރު ސަރުކާރުގެ ކަމާއި ބެހޭ އެހެން އެއްވެސް އިދާރާއަކަށް ރޭކާ ނުލުމެވެ. ނުވަތަ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ކަނު ބަނދެގެން ތިބުމެވެ.
ކުންފުނީގެ ވެރިންގެ މި އަމަލުތަކަކީ މީހަކަށް ސިއްރު ވެފައި އޮތް ކަންކަމެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ރައީސް ސޯލިހު ކީރިތި ކުރެއްވި ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ދުށީމެވެ. އެހެންނަމަވެސް މި ކުންފުނީގެ މުވައްޒަފުން އެތައް ދުވަހެއް ވަންދެން އުފުލަމުން އައިސްފައިވާ މި ހިތްދަތިކަން އަދި ރައީސް ސޯލިހަށް ރޭކާވެސް ނުލާ ފަދަ އެވެ. ސަރުކާރުން ޖިންސީ ފުރައްސާރައިގެ ވާހަކަ ދައްކަނީ އެކަން ސިޔާސީ ހަތިޔާރަކަށް ހެދެން އޮތް ނަމައެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ދުރުކުރުމުގެ ކުރިން ކަން ހިނގައި ދިޔަ ގޮތުންނާއި ލީކުވި އޯޑިއޯ ކްލިޕްތަކުން މިކަމަށް ހެކި ލިބެ އެވެ.
އުފެދޭ ސުވާލަކީ ސަރުކާރުގައި ރައީސްގެ މަތިންވެސް ބަސް ކިއިދާނެ ބަޔަކު ތިބީ ހެއްޔެވެ؟ ނުވަތަ ވަކި މީހަކަށް ވީމަ ފިޔަވަޅު ނޭޅޭ އުސޫލެއް ސަރުކާރުގެ ތެރޭގައި އޮތީ ހެއްޔެވެ؟ މި ދެންނެވި ކުންފުނީގައި މިހާރު ހިންގަމުންދާ ކަންކަން އިތުރަށް ހިނގަމުންދާނަމަ ފޫނުބެއްދިދާނެ ބޮޑު ގެއްލުމެއް ގިނަ ބަޔަކަށް ލިބިދާނެ އެވެ؛ މުވައްޒަފުންނަށް ނަފްސާނީ ގޮތުން މައްސަލަތައް ކުރިމަތިވުމާއި އާއިލާތައް ރޫޅުން ފަދަ އިޖުތިމާއީ މައްސަލަތައް ނިކުމެދާނެ އެވެ. ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ދައުލަތަށް ގެއްލުމުގެ މައްޗަށް ގެއްލުން ލިބިގެން ހިނގައިދާނެއެވެ.
2 Responses
ވަރަށްވެސް ފުރިހަމަ މައުލޫމާތު ގިނަ ލިޔުމެއް. ނަމަވެސް ދެރައީ ދުވަސްކޮޅެއްގެ ތެރޭގައި މިލިޔުން މިޔުމެއްގެ ގޮތުގައި މާޒީގެ ސަފުހާތަކަށް އެއްކާލާލާނެތީ. އެކަމަކު ބުއްދިވެރިއެއްނަމަ ދިރިއުޅުމުގެ ބޮޑުބައެއް ބަދަލު ކޮއްލުވާނެ ލިޔުމެއް މީ. މީވަކި ސަރުކާރެއް ވަކި ވެރިޔެއް ކުރުމަކުން ވާކަމެއްނޫން ކަން މިލިޔުން ވެސް ހެކިދޭ
މިވަރުނުވެގެން މިމަހުގެ މުވައްޒަފުންގެ މުސާރަވެސް އަދި ޖަމާނުކޮށްދޭ ، ތަނުގަ އިސްކޮށް ތިބޭ މުވައްޒަފުންގެ އިހުމާލުން މިވަރު ކަންތައްތައް ވާއިރުވެސް ސަރުކާރުގެ ތެރެއިން މިކަމަށް އަޅާލާނެ މީހަކުވެސް ނުވޭ… މިއީތޯ ހައްގު މިންވަރަކީ