ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ ޢަސްކަރިއްޔާ އިން ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތައް އެޤައުމުގެ ދިފާޢީ އިދާރާއިން ތަޙްޤީޤުކުރަންފަށައި ފިއެވެ.
ޕެންޓަގަންގެ އިންސްޕެކްޓަރ ޖެނެރަލްގެ އޮފީހުން ފާއިތުވެދިޔަ ހޯމަ ދުވަހު އެޤައުމުގެ ޢަސްކަރިއްޔާގެ ޖޮއިންޓް ޗީފުންނަށާއި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑަށް ފޮނުވި މެމޯގައި ބުނެފައި ވަނީ، އެމެރިކާގެ ނޭވީ "ސީލް-ޓީމްސް" ތަކާއި، އާމީ ޑެލްޓާ ފޯސްއާއި، މެރިން ރެއިޑާރސްގެ އިތުރުން ޢަސްކަރިއްޔާގެ އެހެނިހެން ގޮފިތަކުންވެސް ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ކަންކަން ހިންގާފައި ވޭތޯ ބެލުމުގެ ތަޙްޤީޤެއް އެޑިޕާޓްމަންޓްގެ ފަރާތުން ޖެނުއަރީ މަހުގެތެރޭގައި ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ އިސްވެރިއެއްކަމުގައިވާ ލެފްޓިނެންޓް ކާނަލް، އަދި މިހާރު ލޮސްއެންޖަލިސްގެ ސައުތުވެސްޓް ލޯ ސްކޫލްގެ ޕްރޮފެސަރެއްކަމުގައިވާ ރަޝޭލް ވެލަޑިންހަމް ވިދާޅުވެފައި ވާކަމަށް ނިއުޔޯކް ޓައިމްސް އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސްޕެޝަލް އޮޕެރޭޝަން ފައުޖުތަކުންނާއި ޚާއްޞަކޮށް "ސީލް-ޓީމް" ތަކުގެ ސިފައިންގެ މައްޗަށް، ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފުވުމުގެ އިތުރުން ޢާންމު ރައްޔިތުން ޤަތުލުކޮށް އެކަންކަން ފޮރުވުން ފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައްވެސް ހިންގާފައި ވާކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވެއެވެ.
"ހަނގުރާމައިގެ ކުށްތަކާއި ޤާނޫނާ ޚިލާފު ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމުގައި ޓްރަމްޕް ކުރިމަތިކުރުވާފައިވާ ހުރަސްތައް ނައްތަވާލަށްވާކަން މުޅި ދުނިޔެއަށާއި އެމެރިކާގެ ފައުޖުތަކަށްވެސް ދެއްކެވުމަށް ބައިޑެން ބޭނުންވެވަޑައިގަންނަވާކަން (މިނިންމުމުން) ހާމަވެގެންދޭ"
ހަނގުރާމައިގެ ކުށްތައް ހިންގިކަމުގެ ތުހުމަތުގައި ޕްރޮސިކިޔުޓް ކުރެވެނު 8 ފަރާތަކަށް ޓްރަމްޕް މަޢާފް ދެއްވުމާއި އެފަދަ ފަރާތްތަކާމެދު ސުލޫކީ ފިޔަވަޅުތައްވެސް އެޅިގެން ދިއުމަށް ފާޅުގައި ޓްރަމްޕް ހުރަސްއެޅި އެޅުމަށް އިޝާރާތްކުރެއްވުމާއެކު، ބައިޑެން ހުވާކުރެއްވިތާ ހަފްތާއެއްގެ ތެރޭގައި އެފަދަ ތަޙްޤީޤެއް ކުރެއްވުމަށް ނިންމެވުމުން ރަޝޭލް އާ ޙަވާލާދީ ޓައިމްސް ގައި ބުނެފައި ވެއެވެ.
އެމެރިކާގެ ޢަސްކަރިއްޔާގެ ސީލް ޓީމްތަކަކީ، ކަނޑާއި، އެއްގަމާއި އަދި ވައިގެ ސިފައިންގެ ފައުޖުތަކުގެ ޓީމުތަކަށް ޖުމްލަކޮށްކިޔޭ ނަމެކެވެ.