Ad

މިޔަންމާގެ ބަޣާވާތް: އަސްކަރީވެރިންގެ ކެތްތެރިކަން ކޮޅުންލީ ކީއްވެ؟

މިޔަންމާގެ ޒަމާންވީ އަސްކާރީ ވެރިކަމުގެ ބާރުތަކާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެންމެ ފުރަތަމަ އިންތިހާބުވި ރައީސާ އަން ސަން ސޫކީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައްކަމެއް އެބައޮތެވެ. ސޫކީ އަށްވެސް އެކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ޖެހެނީ އަސްކަރިއްޔާގެ ވެރިންނަށް ނަހަމަ ގުޅުންތަކުން ލިބެމުންއައި މަންފާތައް ސޫކީގެ ވެރިކަމުގައި ނުލިބުމެވެ. ބޭރުގެ އިންވެސްޓަރުން މިޔަންމާގައި އިންވެސްޓްމަންޓެއް ހަދާނަމަ މީގެ ކުރިން އަސްކަރީ ވެރިންނަށް އަޅަންޖެހޭ ބައި ބޮޑެވެ. ޚާއްސަ ގޮތެއްގައި ޗައިނާގެ އިންވެސްޓަރުންނާ އަސްކަރީ ވެރިންނާ ދެމެދު އާދަޚާ ޚިލާފު ގުޅުންތަކެއް އުފެދިފައިވަނިކޮށް، ސޫކީ ޗައިނާ ސަރުކާރާއެކު ބޭއްވެވި ގާތްގުޅުންތަކުގެ ސަބަބުން، ޗައިނާގެ އިންވެސްޓަރުން މިޔަންމާގައި އިންވެސްޓްކުރާއިރު، މިލިޓަރީ ވެރިންނަށް ބައިއެޅުން ހުއްޓުމަކަށް އައެވެ.

ދެވަނަ ކަމަކަށް އޮތީ އަސްކަރީ ވެރިންގެ ވަގުވިޔަފާރިއާ ދެކޮޅަށް އަން ސަން ސޫކީ އެޅުއްވި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އުފެދުނު ނުތަނަވަސްކަން އިންތިހާއަށް ފުޅާވެ، ދެކޮޅުވެރިކާމައި ނަފްރަތާއި ރުޅިވެރިކަމުގެ ރާޅެއް އަސްކަރީ އިސްވެރިންގެ ހިތްތަކަށް ބިންދާލިއެވެ. އެއީ ހަތިޔާރާއި ހިއުމަން ޓްރެފިކިން އާއި ވިސާ އާއި ޕާސްޕޯޓުގެ ވަގު ވިޔަފާރިއާއި މަނީ ލޯންޑަރީގެ ފުޅާ ހަރަކާތްތަކަށް ހުއްޓުން އައީމައެވެ. މިކަމުގެ ސަބަބުން އަސްކަރީވެރިންގެ ޖީބަށް ވަންނަމުންދިޔަ ބޮޑު މަންފާއިން އެމީހުން މަހުރޫމުކުރުވި ވެރިއަކަށް އެމީހުން ކިޔަމަން ނުވާނެކަން ސޫކީއަށް އަސްކަރީވެރިން ތަފާތު އެޖެންޓުން މެދުވެރިކޮށް އެންގިއެވެ. ސޫކީ އެކަންކަމަށް ދެއްވީ ބީރު ކަންފަތެކެވެ.

ތިންވަނަ ކަމަށް ފާހަގަކުރެވެނީ، ބަޣާވާތަށް ފަހު އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ، ސޫކީ އަށް އެންމެ ބޮޑަށް މާލީ ގޮތުން އެހީތެރިވެދިން މިޔަންމާގެ މަޝްހޫރު ވިޔަފާރިވެރިޔާގެ މުއްސަނދިކަން ފުޅާވެގެން ދިއުމުގައި ސޫކީ ސިއްރިއްޔާތުގައި ހިންގާފައިވާ ޑީލުތަކުގެ ނާޖާއިޒު މަންފާ ހިމެނޭ ކަމަށް އަސްކަރިއްޔާއިން ތުހުމަތުކުރުމެވެ.

ސޫކީ އިތުރު ދައުރަކަށް އިންތިހާބުވުމަކީ އަސްކަރިއްޔާއިން އޭރުވެސް ނުރުހުނު ކަމެކެވެ. އިންތިހާބުގެ ތެރޭގައި އިންތިޚާބީ އޮފިޝަލުންނަށް ބިރުދައްކައި ނަތީޖާ އޮޅުވާލެވޭތޯ ވަކިވަކި އަސްކަރީވެރިން މަސައްކަތްކުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު ސޫކީގެ މޭޒުކޮޅު މަތީގައި، ބަޣާވާތް ހިންގިއިރުވެސް އޮތެވެ. އެއްވެސް ފިޔަވަޅެއް ނާޅުއްވާ ބާރުވެރިކަމުގައި އެ އޮފިޝަލުން ބޭތިއްބެވީއެވެ.

އަސްކަރީ އިންގިލާބެއް ގެންނަން އުޅޭކަން ސޫކީ އަށް މަހެއްހާ ދުވަސްކުރިން ވެސް އޮތީ އެނގިވަޑައިގެންފައެވެ. އެރޭވުންތަކުގައި އިސްކޮށް ތިއްބެވީ ކޮންކޮން ބައެއްކަންވެސް އެނގިވަޑައިގެންނެވިއެވެ. ސޫކީއަށް ވަފާތެރި ބައެއް އޮފިޝަލުން ތަކުރާރުކޮށް ސޫކީގެ ކިބައިން އަވަހަށް ފިޔަވަޅު އެޅުއްވުމަށް އެދިވަޑައިގަތެވެ. އަދި ބޭރުގެ އެހީތެރިކަން ހޯދުމަށްވެސް އިރުޝާދު އެރުއްވިއެވެ. އެހެންނަމަވެސް ސޫކީ އެ އޮފިޝަލުންނަށް ވިދާޅުވި ކަމަށްވެއެވެ؛ "އިންތިލާބަކަށް ފަހު ދެން އުފެދޭ ޑިމޮކްރެޓިކް ވެރިކަމެއްގެ އުމުރު ދިގުވާނެ. އަޣުލަބިއްޔަތު ސިފައިންގެ ނުރުހުމުގައި ވެރިކަން ކުރުމަކީ މުސްތަހީއްލުކަމެއް. ހަމަ އެހެންމެ އަސްކަރިއްޔާ ރުއްސުމަށް އަހަރެންގެ އުސޫލުތަކާއި ރައްޔިތުންގެ އަހަރެންނަށް ކުރި އިތުބާރާއި ހަވާލުވި އަމާނާތަށް ހިޔާނާތްތެރިއެއް ނުވެވޭނެ. ކޮންމެ ކަހަލަ ހާލަތަކާވެސް ކުރިމަތިލަން ތައްޔާރު."

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތުގެ ކުރިން ތައިލެންޑްގެ އަސްކަރިއްޔާއާ މަޝްވަރާކުރިކަމަށް މިޔަންމާގެ ބައެއް މީޑިޔާތަކާ ހަވާލާދީ ދިރާސާކުރާ ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. އެއީ ތައިލެންޑު އަސްކަރިއްޔާގެ ރުހުން ހޯދުމަށް ކަމަށްވެސް އެރިޕޯޓުތަކުގައިވެއެވެ. މިކަމުގެ ތެދުކަން އެންމެ ބޮޑަށް އެނގޭ ކަމަކީ މިޔަންމާގެ ބަޣާވާތް ތައިލެންޑުގެ ވެރިން ސިފަކުރެއްވީ އެގައުމުގެ ދާހިލީ ކަމެއްގެ ގޮތުގައެވެ. އަދި އެކަމުގައި ތައުލެންޑުގެ ބަހެއް ނެތް ކަށް ވެސް ބިޑުވަޒީރުގެ ނާއިބް ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ ކުއްލި އަސްކަރީ ބަޣާވާތް އަލިފުދާލުނާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާއާއި ޗައިނާއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ދުނިޔޭގެ ބޮޑެތި ގިނަ ބާރުތަކުން ހަމަ މި މޭރުމުން ބަޔާންތައް ނެރެފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިކުރެވެން އޮތް ގައުމަކީ ސޫކީ ގާތް ގުޅުމެއް ބޭއްވެވި ޗައިނާއެވެ. ޗައިނާއިން ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިނަމަ މިޔަންމާގެ އަސްކަރީ ވެރިކަމުގެ އުމުރު ވަރަށް ކުރުވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިހާތަނަށް ޗައިނާއިން ބުނެފައިވަނީ މަޝްވަރާކޮށްގެން ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށެވެ.

އިންތިހާބު އޮޅުވާލުމުމުގެ ތުހުމަތާއި އަސްކަރީ މުޢާމަލާތްތަކުގައި ބޭނުންކުރާ ޒާތުގެ މުޢާސަލާތީ އާލާތް ގަވާއިދާޚިލާފަށް އެތެރެކޮށް ބޭނުންކުރުމުގެ ތުހުމަތުގައި ސޫކީ ވަނީ ތިން އަހަރަށް ޖަލަށް ލާފައެވެ. އަސްކަރިއްޔާއިން ސޫކީ ހައްޔަރުކުރުމުން ރައްޔިތުންނަށް ދެއްވި މެސެޖަކީ ދޫނުދީ އިހްތިތާޖު ކުރުމަށާއި މަދަނީ ބަސްނޭހުންތައް ގިނަކޮށް ޑިމޮކްރަސީ އިޔާދަކުރުމަށެވެ.

މިޔަންމާގެ ރައްޔިތުން އެންމެ ބޮޑަށް ތާއީދުކުރާ ލީޑަރަކީ ސޫކީއެވެ. އެންމެ ފަހުގެ އިންތިހާބުގައި އަސްކަރިއްޔާގެ ވެރިން އެކަމަނާއާ ދެކޮޅަށް މަސައްކަތް ކުރެއްވުމުންވެސް ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބުކުރައްވައި، އަސްކަރިއްޔާގެ ވެރިންނަށް ވެރިންނަށް ވަރުގަދަ މެސެޖެއް ދެއްވިއެވެ.

ބަޣާވާތެއް ގެނައުމުގެ ކުރިން އަސްކަރިއްޔާއިން ފުރަތަމަ ރޭވީ، ސޫކީ އަވަހާރަކޮށްލާށެވެ. އެއީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރުއެވެ. އެހެންނަމަވެސް އޭރު ސޫކީ ޗައިނާގެ ސިއްރު ފުލުހުންގެ އެހީތެރިކަން ހޯއްދަވާފައިވާތީ، އަސްކަރިއްޔާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ދެން އަސްކަރިއްޔާއިން ވިސްނީ ސޫކީއަށް ފައިސާގެ ގޮތުން އެހީތެރިވާ މިޔަންމާގެ ވިޔަފާރިވެރިންލައްވާ ސޫކީއާ ދެކޮޅަށް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގަވާކަމަށް ދޮގު ހެކިބަސް ހޯދާށެވެ. އެގޮތުން މިހާރު އަސްކަރިއްޔާއިން ހައްޔަރުކޮށްފައި އެވަނީ އެކަމާ ދެކޮޅު ހަދާ އަސްކަރިއްޔާގެ އެ ވާހަކަތައް ސޫކީއާ ހަމައަށް ގެންދެވި ފުރަތަމަ ވިޔަފާރިވެރިޔާއެވެ.

ސޫކީގެ އެންމެ އަރިހުގައި ހުންނެވި އަސްކަރީ ވެރިޔާ ބަޣާވާތަކަށ ތައްޔާރުވެއްޖެކަމަށް ޗައިނާއިން ސޫކީއަށް ޔަގީން ކަމާއެކު އެންގެވިއެވެ. އެކަން ސޫކީ ވަނީ ބަޣާވާތުގެ އިސްވެރިޔާގެ ގޮތުގައި މުހާރު ހުންނެވި އޮފިޝަލާ ހިއްސާކުރައްވާފައެވެ. އަދި އެކަމަނާ ހުންނެވީ "ކޮންމެ ވަގުތެއްގައި ވެސް އަވަހާރަވާން ނޫނީ ހައްޔަރުވާން ނޫނީ ހަވަރަށް ދީފާނެ ކަމަށް ހުރިހާ ގޮތަކުންވެސް ތައްޔާރަށް" ކަމަށް އަސްކަރީ އޮފިޝަލުންނާއެކު ބޭއްވެވި އެންމެ ފަހުގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

ބަޣާވާތުގެ ކުރިން އަސްކަރިއްޔާއިން ސޫކީއަށް ތިން ކަމެއް ހުށަހެޅިކަމަށްވެއެވެ؛ އެއީ ކެބިނެޓުގައި އެބޭފުޅުން ރުހޭ ބައެއް ބޭފުޅުން ހިމެނުއްވުމާއި އަސްކަރިއްޔާގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް އެމީހުންގެ އާއިލާތަކަށް ސަރުކާރުން ޚާއްސަ އިނާޔަތްތަކެއް ދިނުމެވެ. އަދި އަސްކަރިއްޔާގެ ވެލްފެއާއަށް ޚާއްސަ ވިޔަފާރިތަކެއް ސަރުކާރުން ތަޢާރަފުކޮށްދިނުމެވެ.

މިކަންކަމާ ގުޅިގެން ސޫކީ ވިދާޅުވީ މިޔަންމާގެ ކޮންމެ ރައްޔިޔަތަކަށް ވެސް ޚާއްސަ އިނާޔަތާއި ރައްކާތެރިކަމާއި ސަރުކާރުގެ މަދަދު އިންތިހާއަށް ބޭނުންވާ ކަމަށާއި އެކަމާ ދުވަހަކުވެސް ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ހައްގުނޫން މަންފާތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްނުކުރައްވާނެ ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ރުޅިވެރިކަން ކޮޅުންލީ މިފަދަ ވަރަށް ގިނަ ސަބަބުތަކާ ހެދިއެވެ. ކުއްލި ބަޣާވާތުގެ ސަބަބުން މިޔަންމާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ދަނީ އިންތިހާ ބޮޑުވަމުންނެވެ. ބައިނަލްއަގުވާމީ ޕްރެޝަރާއި ރައްޔިތުންގެ ނުރުހުމާއެކު އަސްކަރިއްޔާއިން ވަނީ އަހަރެއްގެ ތެރޭގައި އަލުން އިންތިހާބެއް ބާއްވާނެކަމަށް އިޢުލާންކޮށްފައެވެ. ސޫކީ ވިދާޅުވީ އަސްކަރިއްޔާއިން ދުވަހަކުވެސް ބުނާގޮތަށް އަމަލުނުކުރާނެ ކަމަށާއި އަވަސް ހައްލެއް ގެނެވޭނީ އިހްތިޖާޖުތައް ވަރުގަދަކޮށްގެން ކަމަށެވެ.

އަސްކަރީ އިންގިލާބާ ގުޅިގެން ސޫކީއަށް ތާޢީދުކުރާ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމަކުން މިހާރުވަނީ މިޔަންމާގެ އަސްކަރީވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށާއި ޖަމިއްޔާ ޖަމާއަތްތަކާއެކު ލޮބީ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އަދި ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް ގިނަ މައްސަލަތަކެއް ހުށަހެޅުމަށް ވެސް އެޓީމުން ގެންދަނީ ދިރާސާކޮށް ކަރުދާސް ތައްޔާރުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Democracy akee bayyeh.. corruption akee democracy ge mai thanbun .rishwathaai nulai democracy nunegehetteyne! Democracy ga rishwathu, haraameh nuvaane!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *