އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 1-0 އިން ބަލިވެއްޖެއެވެ. މިއީ ލީގުގައި އެސްޓަން ވިލާއަތުން ޖެހިޖެހިގެން އާސެނަލް ބަލިވި ދެވަނަ ފަހަރެވެ. ލީގުގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗް ވިލާއިން ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ.
އެސްޓަން ވިލާ އިން އާސެނަލް ކޮޅަށް މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗު ފައްޓައިގެން ދެ ވަނަ މިނިޓްގަ އެވެ. އެސްޓަން ވިލައަށް ގޯލު ޖެހައިދިނީ އޮލީ ވަޓްކިންސް އެވެ. މި މެޗްގައި އާސެނަލްއަށް ކުރިން ކުޅުނު އެސްޓަން ވިލާގެ ގޯލްކީޕަރު މާރޓިނޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މިދިޔަ ސީޒަންގައި ރެލިގޭޓްނުވެ ކިރިޔާ ސަލާމަތްވި އެސްޓަންވިލާއިން މިސީޒަންގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިސީޒަންގައި އެޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވެނީ މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް 7 ލަނޑު ޖަހާ އެޓީމުގެ ފެންވަރު ސާބިތުކޮށްދިނުމެވެ.
އާސެނަލް ވީ ބައްޔާއެކު އެޓީމު އޮތީ ލީގުގެ 10 ވަނައިގައި އޮތީ 23 މެޗުން 31 ޕޮއިންޓާ އެކު އެވެ. އެސްޓަން ވިލާ ވަނީ 21 މެޗުން 35 ޕޮއިންޓް ހަމަކޮށް އަށް ވަނައަށް ޖެހިލައިފަ އެވެ.